ލޭގައި ހުންނަ ވައިރަސްތައް ދެނެގަންނަ، ނިއުކްލިއިކް އެސިޑް ޓެސްޓިންގެ ޚިދުމަތް ރާއްޖޭގައި ފަށައިފި

މޯލްޑިވްސް ބްލަޑް ސާވިސަސް (އެމްބީއެސް) ގައި ލޭ ޓެސްޓުކުރުމަށް ފުރަތަމަ ފަހަރަށް, ނިއުކްލިއިކް އެސިޑް ޓެސްޓިން (ނެޓް) ބޭނުން ކުރަނީ-- ފޮޓޯ: އައިޖީއެމްއެޗް

މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން ހިންގަމުން އަންނަ މޯލްޑިވްސް ބްލަޑް ސާވިސަސް (އެމްބީއެސް) ގައި ލޭ ޓެސްޓުކުރުމަށް ފުރަތަމަ ފަހަރަށް, ނިއުކްލިއިކް އެސިޑް ޓެސްޓިން (ނެޓް) ގެ ޚިދުމަތް މިއަދު ފަށައިފިއެވެ.

މިއީ ރާއްޖޭގައި ލޭ އަޅައިދިނުމުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ތަޢާރަފުކުރި އެންމެ ފަހުގެ ޓެކްނޮލޮޖީއެވެ.

ދަރުމަވަންތަ ހޮސްޕިޓަލުގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) އަބްދުއްރައްޒާގު ހަލީމް ވިދާޅުވި ގޮތުގައި، މިއީ ދިވެހިރާއްޖޭގެ ލޭގެ ޚިދުމަތް ޒަމާނީ ފެންވަރަށް ގެންދިއުމުގައި ހާސިލުވި ވަރަށް މުހިންމު ތާރީޚީ މަރުހަލާއެކެވެ.

ނެޓް ޓެކްނޮލޮޖީއަކީ ހަދިޔާކުރާ ލޭގައި ހުރެދާނެ ނުރައްކާތެރި ވައިރަސްތައް ދެނެގަތުމަށް ބައިނަލްއަގުވާމީ ގޮތުން ބޭނުންކުރާ އެންމެ އިތުބާރު ހުރި (ގޯލްޑް ސްޓޭންޑަޑް) މިންގަނޑެވެ. މި ޓެކްނޮލޮޖީގެ އެހީގައި، އެޗްއައިވީ، ހެޕަޓައިޓިސް ބީ (އެޗްބީވީ) އަދި ހެޕަޓައިޓިސް ސީ (އެޗްސީވީ) ފަދަ ބަލިތައް، އާދައިގެ ޓެސްޓުތަކަށް ވުރެ އެތައް ގުނައެއް އަވަހަށް އަދި ޔަގީންކަމާއެކު ދެނެގަނެވޭނެ ކަމަށް ސިއްހީ މާހިރުން ބުނެއެވެ.

މީގެ ކުރިން ބޭނުންކުރަމުން އައި އެންޓިބޮޑީ ޓެސްޓުތަކުން ބަލީގެ އަސަރު ދެނެގަތުމަށް ހަށިގަނޑުގައި އެންޓިބޮޑީ އުފެދެންދެން ވަކި މުއްދަތެއް (ވިންޑޯ ޕީރިއަޑް) ނަގައެވެ. ނަމަވެސް، ނެޓް ޓެސްޓަކީ ސީދާ ވައިރަސްގެ ޑީއެންއޭ ނުވަތަ އާރުއެންއޭ ދެނެގަންނަ ޓެސްޓަކަށް ވުމުން، ވައިރަސް ހަށިގަނޑަށް ވަންނަތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ބަލި ހުރިކަން ކަށަވަރުކުރެވޭނެއެވެ. މީގެ ސަބަބުން، ބަލި ހުރެފައި ޓެސްޓުން ނުދައްކާ ހުންނަ މުއްދަތު ވަރަށް ބޮޑަށް ކުޑަވެގެންދާނެއެވެ.

ރައްޒާގު ފާހަގަކުރެއްވި ގޮތުގައި، މި ޚިދުމަތް ތަޢާރަފުކުރެވިގެން ދިއުމަކީ ސިއްހީ ދާއިރާ ހަރުދަނާކުރުމަށާއި ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވާ ސިޔާސަތުތަކާއި ވައުދުފުޅުތަކާ އެއްގޮތަށް އެޅުނު މުހިންމު ގައުމީ ފިޔަވަޅެކެވެ.

މި ބަދަލަކީ ލޭގެ ޚިދުމަތުގެ ގައުމީ މިންގަނޑުތަކާއި، "މޯލްޑިވްސް ތެލަސީމިއާ މާސްޓާ ޕްލޭން 2024-2034" ގައި ކަނޑައެޅިފައިވާ އިސްތިރާޖީ މަގުސަދުތައް ހާސިލުކުރުމަށް ވެސް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ސީއީއޯ ރައްޒާގު ފާހަގަކުރެއްވިއެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އާ ގުޅިގެން ސަރުކާރުން އިފުތިތާހުކުރި 10 އަހަރު ދުވަހުގެ މި މާސްޓާ ޕްލޭންގެ މައިގަނޑު އެއް އަމާޒަކީ ތެލަސީމިއާ ބަލިމީހުންނަށް ދެވޭ ފަރުވާގެ ފެންވަރު މަތިކޮށް، ރައްކާތެރި ލޭ ފޯރުކޮށްދިނުމުގެ ނިޒާމު ހަރުދަނާކުރުމެވެ. ތެލަސީމިއާ ކުދިންނަކީ ގަވާއިދުން ލޭ އަޅަންޖެހޭ ކުދިންނަށް ވުމާއެކު، އެ ކުދިންނަށް ލޭގެ ޒަރީއާއިން އިތުރު ބައްޔެއް ފޯރުމުގެ ނުރައްކާ ބޮޑުވެއެވެ. އެހެންކަމުން، ނެޓް ޓެސްޓުގެ ސަބަބުން އެ ކުދިންނަށް ރައްކާތެރި ލޭ ލިބޭނެކަމުގެ ޔަގީންކަން ބޮޑުވެ، ސިއްހީ އިތުރު މައްސަލަތަކުން ސަލާމަތްވުމަށް މަގުފަހިވެގެންދާނެ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން އައިޖީއެމްއެޗް، ދަރުމަވަންތަ ހޮސްޕިޓަލް، ހުޅުމާލެ ހޮސްޕިޓަލް އަދި ވިލިމާލެ ހޮސްޕިޓަލް ހިންގަމުން އަންނައިރު، މި ހުރިހާ މަރުކަޒުތަކަށް ވެސް ބޭނުންވާ ލޭ ފޯރުކޮށްދިނުމުގައި އެމްބީއެސްގެ ދައުރު ބޮޑެވެ. ރާއްޖޭގައި ލޭ ހަދިޔާކުރާ މީހުންގެ އަދަދު އަހަރުން އަހަރަށް އިތުރުވަމުން އަންނަކަން އެމްބީއެސްގެ ތަފާސްހިސާބުތަކުން ދައްކައެވެ. ޚާއްސަކޮށް 18 އަހަރުން މަތީގެ ޒުވާނުންގެ ފަރާތުން ލިބޭ ތަރުހީބު ބޮޑުކަން އެ އިދާރާއިން ފާހަގަކުރެއެވެ. ޑަބްލިއުއެޗްއޯގެ މިންގަނޑުތަކާ އެއްގޮތަށް ލޭ ހަދިޔާކުރާ ފަރާތްތައް ސްކްރީންކުރުމުގެ ކަންކަން ކުރިއަށްގެންދާއިރު، މިހާރު ފެށިގެންދިޔަ ނެޓް ޓެކްނޮލޮޖީއާއެކު ރާއްޖޭގެ ލޭގެ ޚިދުމަތްތައް ވަނީ ބައިނަލްއަގުވާމީ އެންމެ މަތީ މިންގަނޑުތަކާ އެއްވަރަށް ބައްޓަންކުރެވިފައެވެ.

ލޭގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގެ ޓެކްނޮލޮޖީއެއް ރާއްޖޭގައި ގާއިމުކުރެވުމަކީ، މުޅި ސިއްހީ ނިޒާމަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް ސިއްހީ ދާއިރާގެ ތަޖުރިބާކާރުން ފާހަގަކުރެއެވެ. މި ޚިދުމަތް ރަސްމީކޮށް ފެށުމާއެކު، އެމްބީއެސްއިން މިހާރު އަންނަނީ އާ ޓެކްނޮލޮޖީ ބޭނުންކޮށްގެން ލޭ ޓެސްޓުކުރުމުގެ އަމަލީ މަސައްކަތްތައް ކުރިއަށްގެންދަމުންނެވެ.

comment ކޮމެންޓް