ޗައިނާގެ ސިޗުއާން ޕްރޮވިންސްގެ މެޑިކަލް ސްޕެޝަލިސްޓުންގެ ވަފުދެއް، މައިންނާއި ދަރިންގެ ސިއްހަތާ ގުޅޭ ޚާއްސަ ޕްރޮގްރާމެއްގައި ބައިވެރިވުމަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އަށް ޒިޔާރަތްކޮށްފިއެވެ.
"ސިޗުއާން-މޯލްޑިވްސް މެޓާނަލް އެންޑް ޗައިލްޑް ހެލްތު އެކްސްޗޭންޖް ޕްރޮގްރާމް" ގެ ނަމުގައި ކުރިއަށްގެންދިޔަ މި ހަރަކާތް އައްޑޫ ސިޓީގައި ބާއްވާފައިވަނީ އިއްޔެއާއި މިއަދެވެ. ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ އެ ޕްރޮގްރާމްގައި ޗައިނާގެ ސިއްހީ މާހިރުންނާއި އޭއީއެޗްގެ ކްލިނިކަލް ޕްރޮފެޝަނަލުންގެ އިތުރުން ސަރަހައްދީ ސިއްހީ މަރުކަޒުތަކުގެ މުވައްޒަފުން ބައިވެރިވެފައިވެއެވެ. އެއީ ދެ ގައުމުގެ ދެމެދުގައި ސިއްހީ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ފެށި ހަރަކާތެކެވެ.
އެ ޕްރޮގްރާމް ރަސްމީކޮށް ފައްޓަވައިދެއްވީ އޭއީއެޗްގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ޑރ. އަހުމަދު އަދީލް ނަސީރެވެ. އޭނާ ވިދާޅުވި ގޮތުގައި، ސިއްހީ ޚިދުމަތްތައް ފޯރުކޮށްދިނުން ހަރުދަނާކުރުމަށާއި ކްލިނިކަލް ޕްރެކްޓިސްތައް ކުރިއެރުވުމުގައި ބައިނަލްއަގުވާމީ ފެންވަރުގައި ތަޖުރިބާ ހިއްސާކުރުމާއި ގުޅިގެން މަސައްކަތްކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.
ޗައިނާގެ ސިޗުއާން ޕްރޮވިންސްގެ މެޑިކަލް ސްޕެޝަލިސްޓުންގެ ވަފުދެއް އައްޑުއަށް ޒިޔާރަތްކުރުން -- ފޮޓޯ/ އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްއެ އެކްސްޗޭންޖް ޕްރޮގްރާމްގައި ބައިވެރިވި ޗައިނާގެ ވަފުދުގައި ހިމެނެނީ ސިޗުއާންގެ ފާހަގަކޮށްލެވޭ ސިއްހީ މުއައްސަސާތަކުގެ މާހިރުންނެވެ. އޭގެ ތެރޭގައި ސިޗުއާން ޔުނިވާސިޓީގެ ވެސްޓް ޗައިނާ ސެކަންޑް ޔުނިވާސިޓީ ހޮސްޕިޓަލާއި، ޗެންގްޑޫ ވިމެންސް އެންޑް ޗިލްޑްރަންސް ސެންޓްރަލް ހޮސްޕިޓަލާއި، ސިޗުއާން ޕްރޮވިންޝަލް ޗިލްޑްރަންސް ހޮސްޕިޓަލްގެ އިތުރުން ޗެންގްޑޫ މެޓާނަލް އެންޑް ޗައިލްޑް ހެލްތު އެސޯސިއޭޝަން ހިމެނެއެވެ.
އެ ޕްރޮގްރާމްގެ މައިގަނޑު އަމާޒަކީ މައިންނާއި، ދަރިމައިވުމުގެ ސިއްހަތާއި، ކުޑަކުދިންގެ ސިއްހަތުގެ ދާއިރާއިން ކްލިނިކަލް މައުލޫމާތު ހިއްސާކުރުމާއި ފަންނީ ގާބިލުކަން އިތުރުކުރުމެވެ.
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ އޮފިޝަލުން ފާހަގަކުރެއްވި ގޮތުގައި، ސްޕެޝަލިސްޓުން އިސްކޮށް ތިއްބަވައިގެން ކުރިއަށްގެންދިޔަ ސެޝަންތަކާއި މަޝްވަރާތަކުގެ ސަބަބުން، ފަރުވާދިނުމުގެ އުސޫލުތަކާއި އެ ދާއިރާގެ ކުރިއެރުންތައް ހޯދުމަށް ވަނީ މަގުފަހިވެފައެވެ.
ޗައިނާގެ ސްޕެޝަލިސްޓުންގެ ވަފުދަށް ޚާއްސަ ފަރިއްކޮޅެއް ބާއްވައިފައިވޭ -- ފޮޓޯ/ އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްމި ދަތުރުގެ ތެރެއިން، އައްޑޫ ސިޓީގެ މޭޔަރާއި ޑެޕިއުޓީ މޭޔަރުގެ އިތުރުން އޭއީއެޗްގެ އިސްވެރިންނާއި ޗައިނާގެ ވަފުދުގެ ބައިވެރިންނާއެކު ޚާއްސަ ފަރިއްކޮޅެއް ބާއްވާފައިވެއެވެ. މިއީ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން ބަދަހިކޮށް، މުއައްސަސާތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމަށް ބޭއްވި ހަރަކާތެއް ކަމަށް އޭއީއެޗްއިން ބުނެފައިވެއެވެ.
މި އެކްސްޗޭންޖް ޕްރޮގްރާމަކީ ރާއްޖޭގެ ސިއްހީ ދާއިރާގެ ގާބިލުކަން އިތުރުކުރުމަށް ޗައިނާއިން ފޯރުކޮށްދޭ އެހީތެރިކަމުގެ ތެރެއިން ކުރިއަށްގެންދިޔަ ހަރަކާތެކެވެ. މީގެ ކުރިން ވެސް ޗައިނާއިން ވަނީ ރާއްޖޭގެ ސިއްހީ ދާއިރާގެ މުވައްޒަފުންނަށް ތަމްރީނު ދިނުމާއި، އާލާތްތައް ފޯރުކޮށްދިނުމުގައި އެހީތެރިކަން ފޯރުކޮށްދީފައެވެ.