ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ ކެންސަރު ހޮސްޕިޓަލުގެ މަސައްކަތް ފެށުމަށްޓަކައި ތައްޔާރުވަމުން އަންނަ ކަމަށާއި، ހުޅުމާލޭ ހޮސްޕިޓަލަށް އިތުރުކުރާ ބައިގެ މަސައްކަތް ކުރުމަށް ބަޔަކާ ހަވާލުކޮށްފައިވާ ކަމަށް، ހެލްތު މިނިސްޓަރު ޤީލާ ޢަލީ މިއަދު ވިދާޅުވެއްޖެއެވެ.
ހުޅުމާލޭ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. އަޙްމަދު ޝަމްހީދު ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ޤީލާ ވިދާޅުވީ، 500 އެނދުގެ ޖާގައިގެ ކެންސަރު ހޮސްޕިޓަލް އިމާރާތްކުރާނެ ޖާގަ މިހާރު ހަމަޖެހިފައިވާ ކަމަށާއި އެ މަޝްރޫއަށް ސަރުކާރުގެ އިކޮނޮމިކް ކައުންސިލުން ހުއްދަ ވެސް ދީފައިވާ ކަމަށެވެ.
"މިހާރު ކުރިއަށްދަނީ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް، އެގޮތުން ޓެކްނިކަލް ރިކުއަޔަމަންޓްސް ކަނޑައެޅުމާއި ޚިދުމަތްތައް ޕްލޭންކުރުމާއި އިންޖިނިއަރިންގެ ފަރުމާތައް އެކުލަވައިލުމުގެ މަސައްކަތްތައް މިހާރު ކުރަމުންދާކަން ދަންނަވައިލަން،" ޤީލާ ވިދާޅުވިއެވެ.
ޒަމާނީ ވަސީލަތްތަކާއެކު ގާއިމްކުރާ އެ ހޮސްޕިޓަލުގައި ކުޑަކުދިންނާއި އަންހެނުންނަށް ޚާއްސަ ބަލިތަކަށާއި އެހެނިހެން ބަލިތަކަށް ވެސް ފަރުވާ ދެވޭނެ ކަން ޤީލާ ފާހަގަކުރެއްވިއެވެ.
އޭގެ އިތުރުން ޤީލާ ވިދާޅުވީ ހުޅުމާލޭ ހޮސްޕިޓަލާ އިންވެގެން އޮތް ބިމުގައި އެ ހޮސްޕިޓަލަށް އިތުރުކުރާ 250 އެނދުގެ ޖާގައިގެ ބައިގެ މަސައްކަތްކުރުމަށް މިހާރު ވަނީ ބަޔަކާ ހަވާލުކޮށްފައި ކަމަށެވެ. މިހާރު ކުރިއަށް ދަނީ ޓެކްނިކަލް މަސައްކަތްތަކާއި ފަރުމާގެ މަސައްކަތް ކަމަށް އޭނާ ވިދާޅުވިއެވެ.
"މި މަޝްރޫއު ނިމުމުން ހޮސްޕިޓަލުގެ ޖާގައާއި އެނދުގެ އަދަދު އިތުރުކުރެވި އިތުރު ސްޕެޝަލިޓީގެ ޚިދުމަތް، އަދި ޒަމާނީ އޮޕަރޭޝަން ތިއޭޓަރެއްގެ ޚިދުމަތް ވެސް ލިބިގެން ދާނެ،" ޤީލާ ވިދާޅުވިއެވެ.
ޤީލާ މީގެ ކުރިން ވަނީ، ކެންސަރު ބައްޔަށް ފަރުވާ ދެވޭ، މަލްޓި-ސްޕެޝަލިޓީ ހޮސްޕިޓަލުގެ މަސައްކަތްތައް 2028ވަނަ އަހަރުގެ ކުރިން ނިންމައިލައި، ކެންސަރަށް ބޭނުންވާ އަސާސީ ފަރުވާ އެ ހޮސްޕިޓަލް މެދުވެރިކޮށް ދެވެން ފެށޭނެ ކަމަށް ވިދާޅުވެފައެވެ.
މީގެ ކުރިން ޤީލާ ވިދާޅުވިގޮތުގައި، ކެންސަރު ބައްޔަށް ފަރުވާ ހޯދަމުންދާ، އަދި ހޯދައިފައިވާ 2،000 އަށް ވުރެ ގިނަ ދިވެހީން އެބަތިއްބެވެ.
މިހާރުވެސް އައިޖީއެމްއެޗާއި ހުޅުމާލޭ ހޮސްޕިޓަލުން ކީމޯތެރަޕީގެ ޚިދުމަތްދެމުންދާ ކަން ޤީލާ ފާހަގަކުރެއްވިއެވެ.
ކެންސަރު ބައްޔަކީ ރާއްޖޭގައި ނުރައްކާތެރި މިންވަރަކަށް އާންމުވަމުންދާ ބައްޔަކެވެ. އެ ބަލި ޖެހުމުގައި ދިރިއުޅުމުގެ ވައްޓަފާޅީގެ ދައުރު ވަރަށް ބޮޑެވެ. އަދި އާއިލީ ގޮތުން ވާރުތަ ކުރުމުގެ ފުރުސަތު ވެސް އޮވެއެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ރާއްޖޭގެ 2020 ވަނަ އަހަރު ތަފާސްހިސާބުތަކުގެ މައްޗަށް އަންދާޒާކޮށްފައިވާ ގޮތުގައި ދިވެހިރާއްޖޭގައި އަހަރަކު މަރުވާ މީހުންގެ 17 އިންސައްތަ މީހުން މަރުވަނީ ކެންސަރު ބަލީގައެވެ.
ކެންސަރު ހޮސްޕިޓަލްގެ މަޝްރޫއަކީ މިދިޔަ ސަރުކާރުގައި ފެށި މަސައްކަތެކެވެ. އޭރުގެ ސަރުކާރުން ނިންމާފައި އޮތީ ލ. ގަމުގައި އެ ހޮސްޕިޓަލް ތަރައްގީކުރާށެވެ. އޭރުގެ ސަރުކާރުން ކެންސަރު ހޮސްޕިޓަލް ތަރައްގީކުރަން އުޅުނީ އަވަށްޓެރި އިންޑިއާގެ އެހީގައެވެ.
ރާއްޖޭގައި ކެންސަރު ހޮސްޕިޓަލެއް އަޅައިދޭނެ ކަމަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވިދާޅުވީ 2019ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ހަތަރުވަނަ ދުވަހު ވާޗުއަލްކޮށް ބޭއްވި ރަސްމިއްޔާތެއްގައެވެ. އޭގެ ފަހުން، ހޮސްޕިޓަލްގެ މަސައްކަތްތައް ކުރުމަށް އިންޑިއާގެ ޓީމެއް ވެސް ވަނީ ރާއްޖެއަށް އައިސްފައެވެ. އެކަމަކު، ދައުރު ހަމަވިއިރު ވެސް އެ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ފެށިފައެއް ނުވެއެވެ.