ޔަމާލްގެ 19 ވަނަ އުފަންދުވަހުގެ ހަދިޔާއަކަށް ބޭނުންވަނީ ފްރާންސް ބަލިކުރަން

ސްޕެއިންގެ ލަމީން ޔަމާލް--

ސްޕެއިންގެ ތަރި ލަމީން ޔަމާލްގެ 19 ވަނަ އުފަންދުވަހުގެ އެންމެ ބޮޑު ހަދިޔާއަކަށް ބޭނުންވަނީ ފީފާ ވޯލްޑް ކަޕްގެ ސެމީ ފައިނަލުގައި ފްރާންސް ބަލިކޮށް، ސްޕެއިން ފައިނަލަށް ގެންގޮސްދިނުމަށް ކަމަށް އޭނާ ބުނެފިއެވެ.

އެމެރިކާގެ ޑަލަސްގައި އޮންނަ އޭޓީ އެންޑް ޓީ ސްޓޭޑިއަމްގައި މިރޭ ކުޅޭ ވަރުގަދަ ސެމީ ފައިނަލް މެޗުގެ ކުރިން މީޑިއާއާ ވާހަކަދައްކަމުން ބާސެލޯނާގެ ފޯވާޑް ބުނީ، އިއްޔެ ފާހަގަކުރި އޭނާގެ އުފަންދުވަހާ ގުޅިގެން މާ ގިނަ ހަދިޔާތަކެއް އަދި ލިބިފައިނުވާ ކަމަށެވެ.

ނަމަވެސް، އޭނާގެ އެންމެ ބޮޑު އުންމީދަކީ ފްރާންސް ބަލިކުރުމަށްފަހު، އާދިއްތަ ދުވަހު ނިއުޔޯކްގައި އޮންނަ ފައިނަލް މެޗުން ޖާގަ ހޯދުން ކަމަށް ބުންޏެވެ.

"މާގިނަ ހަދިޔާތަކެއް ނުލިބޭ. އެންމެ ފުރިހަމަ ހަދިޔާއަކަށް ވާނީ އަންގާރަ ދުވަހުގެ މެޗުން މޮޅުވެ، ފައިނަލް މެޗު ކުޅެން ނިއުޔޯކަށް ދިއުން. އަހަރެން މި ޗެލެންޖް ގަބޫލުކުރަން،" ޔަމާލް ބުންޏެވެ.

މި މުބާރާތުގައި މުޅިން އަލަށް ކުޅޭ ޔަމާލަށް އަދި ޖެހުނީ އެންމެ ލަނޑެކެވެ. އޭނާއަށް މާ ގިނަ ލަނޑުތަކެއް ނުޖެހޭތީ ފާޑުކިޔުންތައް އަމާޒުވި ނަމަވެސް، އޭނާގެ އަމިއްލަ ރެކޯޑުތަކާ މެދު ކަންބޮޑުނުވާ ކަމަށާއި، މުޅި ޓީމުގެ ފޯކަސް ހުރީ ސްޕެއިން ފައިނަލަށް ގެންގޮސްދިނުމަށް ކަމަށް ޔަމާލް ބުންޏެވެ.

ޔަމާލް ވަނީ ފްރާންސް އަތުން ސްޕެއިން ޖެހިލުންވާންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ކުރިން ބުނި ބުނުން ތަކުރާރުކޮށްފައެވެ. އޭނާ ބުނި ގޮތުގައި ޔޫރަޕްގެ ޗެމްޕިއަނުންގެ ގޮތުގައި ސްޕެއިން މި މެޗަށް ނުކުންނަންވާނީ ފުރިހަމަ އިތުބާރާއެކުގައެވެ.

ސްޕެއިން އާއި ފްރާންސް ބައްދަލުކުރާ މި ފޯރިގަދަ ސެމީ ފައިނަލް މެޗުން މޮޅުވާ ބަޔަކު ފައިނަލްގައި ބައްދަލުކުރަން ޖެހޭނީ އިންގްލެންޑް ނުވަތަ އާޖެންޓީނާއާއެވެ.

comment ކޮމެންޓް