ޝައްކުކުރެވޭ މަރުތައް ތަހުގީގު ކުރާ، ފުލުހުންގެ ހޯމިސައިޑް އެންޑް ޑެތު އިންވެސްޓިގޭޝަން ޔުނިޓްގެ އިސް ވެރިޔަކަށް ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ސާމިހް އަލުން އައްޔަންކޮށްފިއެވެ.
މީގެ ކުރިން ސާމިހް އެ މަގާމުގައި ހުންނަވަނިކޮށް، އެ މަގާމުން ދުރުކުރީ، މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ 18ވަނަ ދުވަހު، އުމުރުން 21 އަހަރު ހައްވާ ޔުމްނު، ހ. ފެންޓޯނިއާގެއާ ޖެހިގެން ހުރި ގުދަނެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު މައްސަލަ ފުލުހުން ތަހުގީގު ކުރި ގޮތާ ގުޅޭ ގޮތުން ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ.
އޭރު "ސަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ސާމިހު ހޯމިސައިޑް ޔުނިޓްގެ ވެރިޔާގެ މަގާމުން ވަކިކުރުމަށްފަހު، ބަދަލުކޮށްފައި ވަނީ ފުލުހުންގެ ތަހުގީގުތަކުގެ މިންގަނޑު ކަނޑައަޅާ ޑިޕާޓްމެންޓަށެވެ.
މިއަދު ފުލުހުންގެ ތަރުޖަމާނު ސުޕްރިޓެންޑެންޓު އޮފް ޕޮލިސް އާރިފް "ސަން"އަށް މައުލޫމާތު ދެއްވި ގޮތުގައި ސާމިހު ވަނީ އަލުން، ހޯމިސައިޑް އެންޑް ޑެތު އިންވެސްޓިގޭޝަންގެ އިސް ވެރިޔާގެ މަގާމަށް އައްޔަންކޮށްފައެވެ.
ޔުމްނު ވެއްޓުނު ހާދިސާއާ ގުޅޭ ގޮތުން ފުލުހުން ފުރަތަމަ ވެސް ބުނެފައިވަނީ ޔުމްނު ވެއްޓިފައި ވަނީ އަމިއްލައަށް ކަމަށެވެ. ނަމަވެސް އެ މައްސަލައިގައި ފުލުހުން މައުލޫމާތު ހާމަކުރާ ގޮތަށް އިތުބާރު ނުކުރެވޭ ކަމަށް ބުނެ، ޔުމްނުއަށް އިންސާފު ހޯދައި ދިނުމަށް ގޮވާލައި ޒުވާނުން ވަނީ ސިލްސިލާ މުޒާހަރާތަކެއް ކޮށްފައެވެ.
މީގެ އިތުރުން ފުލުހުން ސައްހަ ނޫން މައުލޫމާތު ދޭ ކަމަށް ބުނެ އޭރު ޔުމްނުގެ އާއިލާއިން ވެސް، ސާމިހް މަގާމުން ވަކިކުރުމަށް ގޮވާލިއެވެ.
ޔުމްނު، .ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވައި ފެނުނު މައްސަލަ ތަހުގީގުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ގަރާރަކުން ރިޔާސީ ކޮމިޝަނެއް ވެސް އުފެއްދެވިއެވެ. އެ ކޮމިޝަނުން ހެދި ތަހުގީގީ ރިޕޯޓުގައިވަނީ ޔުމްނު ވައްޓާލީ ކަމަށް ނުބެލެވޭ ކަމަށާއި އެކަމުގައި އިތުރު މީހެއްގެ ބައިވެރިވުން އޮތް ކަމަށް ނުބެލެވޭ ކަމަށެވެ. ނަމަވެސް އެ މައްސަލައިގެ ތަހުގީގުގައި މައްސަލަތަކެއް ފާހަގަވެފައި ވާކަމަށާއި ފަރުވާކުޑަކުރި ފުލުހުންގެ މައްސަލަ ބަލައި، އިސްލާހީ ފިޔަވަޅު އެޅުން މުހިންމު ކަމަށް ވެސް ކޮމިޝަނުން ބުނެފައިވެއެވެ.