މެންބަރު ޒަރީރަށް ހަމަލާދިންތާ ގާތްގަނޑަކަށް ދެ ހަފުތާ، މީހަކު އަދި ހައްޔަރުނުކުރޭ

މަތިވެރި ދާއިރާގެ މެންބަރު ޙަސަން ޒަރީރު: އޭނާއަށް ހަމަލާދިން މައްސަލައިގައި މީހަކު އަދި ހައްޔަރުނުކުރޭ --- ފޮޓޯ: މަޖިލިސް

މަތިވެރި ދާއިރާގެ ޕީއެންސީ މެންބަރު ޙަސަން ޒަރީރަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލައަށް ދެ ހަފުތާ ވާން ގާތްވެފައިވާއިރު، އަދިވެސް އެ މައްސަލައިގައި މީހަކު ހައްޔަރުނުކުރާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ޒަރީރަށް ހަމަލާދީފައިވަނީ މިދިޔަ ޖޫން މަހުގެ 28ވަނަ ދުވަހުގެރޭގެ ވަގުތެއްގައެވެ.

'ސަން'އިން އޭރު ސުވާލުކުރުމުން ޒަރީރު ވިދާޅުވީ އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށެވެ. އެކަމަކު ފުލުހުން އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ވިދާޅުވެ އިތުރު ތަފުސީލެއް ނުދެއްވިއެވެ.

ފުލުހުން ވެސް ވަނީ އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ބުނެފައެވެ. އެކަމަކު ތަހުގީގަށް މިހާތަނަށް ލިބުނު އެއްވެސް ކުރިއެރުމެއްގެ ތަފުސީލެއް ހިއްސާނުކުރެއެވެ.

https://sun.mv/224010

ފުލުހުން މިއަދު 'ސަން'އަށް ބުނީ މި މައްސަލައިގައި މީހަކު އަދި ހައްޔަރުނުކުރާ ކަމަށެވެ.

ފާހަގަކުރެވޭ ގޮތުގައި، ނަވާރަވަނަ މަޖިލީހުގައި ވެސް މަތިވެރި ދާއިރާގެ މެންބަރުކަން ކުރެއްވި ޒަރީރަށް މީގެ ތިން އަހަރު ކުރިން ބަޔަކު ހަމަލާދިނެވެ.

ޒަރީރަށް ހަމަލާދިނީ އޭނާ މެންބަރުކަމުގައި ހުންނަވަނިކޮށް، މެއި 1، 2023ގައި ފަތިހު 04:15 އެހާކަންހާއިރު ބުރުޒުމަގުގައި ހުންނަ ހަބީބީ ކެފޭ ތެރެއިންނެވެ.

އެގޮތުން ޒަރީރުގެ ގައިގައި އަތުންނާއި ފައިން ތެޅުމަށްފަހު، އޭނާގެ ބޮލުގައި މަރުތޭލަކުން ޖަހައި ހަމަލާދީފައިވެއެވެ. މި މައްސަލައިގައި ޒަރީރު ވިދާޅުވާ ގޮތުގައި އޭނާއަށް ހަމަލާދިނީ ފަސް މީހުންގެ ގްރޫޕަކުންނެވެ.

އެ މައްސަލައިގައި ދައުލަތުން ދައުވާކުރީ ތ. ކިނބިދޫ، ދީފްރަމްގޭ މުޙައްމަދު އަވްޝަމާއި މާލޭ ތާޖްގޭ މުލާޢިމް މުޙައްމަދުގެ އިތުރުން، މާލޭ ނައިޓްވިލާ، އިބްރާހީމް ޢަބްދުﷲގެ މައްޗަށެވެ.

މީގެ ތެރެއިން އަވްޝަމާއި މުލާޢިމްގެ މައްޗަށް އުފުލާފައިވަނީ ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ދައުވާއެވެ. ޢަބްދުﷲގެ މައްޗަށް އުފުލީ ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާއެވެ.

ދައުލަތުން ކުރި މާރާމާރީގެ ދައުވާ އެކަށީގެންވާ މިންވަރަށް ސާބިތުކޮށްދެވިފައިނުވާ ކަމަށް ކަނޑައަޅައި، ކްރިމިނަލް ކޯޓުން ވަނީ އެ ތިން މީހުން ވެސް އޭރު މިނިވަންކޮށްފައެވެ.

comment ކޮމެންޓް