ޕެކިންއާއެކު 13 ކިލޯއަށްވުރެ ގިނަ ކެނެބިސް ރާއްޖެއަށް އެތެރެކުރިކަމަށް ތުހުމަތުކޮށް ދިވެއްސަކު މިއަދު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ، ގދ. ތިނަދޫ، ދޫރަފިޝް، އުމުރުން 30 އަހަރުގެ ޙަސަން ޝަމްޢާންއެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، ޓްރެފިކްކުރުމުގެ ތުހުމަތުގައެވެ.
ކޯޓު އަމުރުގައި ވާގޮތުން އޭނާ ހައްޔަރުކޮށްފައިވަނީ އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރަކަށް ހެކި ހުށަހަޅާފައިވުމުންނެވެ. އެގޮތުން ނިމުނު އާދީތަ ދުވަހު ރާއްޖެއައި މެލޭޝިއާ އެއާލައިން ފްލައިޓުން ރެޑްބޮކްސް މެދުވެރިކޮށް ގެނައި ކޫރިއާ ބޭގެއްގައި ހިމެނޭ ޕެކޭޖުތައް ކަސްޓަމުން އެކްސްރޭކުރުމުގެ ތެރޭގައި ޝައްކުކުރެވިގެން ބަލާ ފާސްކޮށްފައިވާ ކަމަށް ކޯޓު އަމުރުގައި ވަނީ ބުނެފައެވެ.
އެގޮތުން އެ ޕެކޭޖު ބަލާފާސްކުރިއިރު، ޕެކޭޖުގެ ތެރޭގައި އޮތް 14 ބެޑްޝީޓެއްގެ ތެރޭގައި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރިކަމަށާއި އެތަކެތި އެ ވަގުތު ޓެސްޓުކުރުމުން ކެނެބިއްސަށް ޕޮޒިޓިވެވެފައިވާ ކަމަށް ކޯޓު އަމުރުގައި ވަނީ ބުނެފައެވެ.
މީގެ އިތުރުން އެ ތަކެތީގެ ވަގުތީ ބަރުދަނުގައި ޕެކިންއާއެކު 13.86 ކިލޯ ހުރިކަމަށް ކޯޓު އަމުރުގައި ވަނީ ބުނެފައެވެ.
ކޯޓު އަމުރުގައި އިތުރަށް ބުނެފައިވަނީ މަސްތުވާތަކެތި ހިމެނޭ ޕެކޭޖުތަކަކީ، އެހެން މީހެއްގެ ނަމުގައި ގެނެސްފައިވާ ތަކެތި ކަމަށާއި ތުހުމަތުކުރެވޭ ފަރާތުން އެތަކެއްޗާ ހަވާލުވުމަށް ދިޔައީ ރައްޓެއްސެއް ބުނެގެން ކަމަށް އޭނާ ކޯޓުގައި ބުނެފައިވާ ކަމަށެވެ.
ކްރިމިނަލް ކޯޓުން މިއަދު އޭނާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ޖަހާފައިވާއިރު، ބަންދުގެ މުއްދަތު ހަމަވާނީ އަންނަ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހަށެވެ.
މަސްތުވާތަކެތީގެ މިފަދަ މައްސަލަތަކަކީ މިހާރު ރާއްޖޭގައި ވަރަށް އާންމުވެފައިވާ މައްސަލައެކެވެ. ކަސްޓަމުން މިއަދު ވަނީ، ރާއްޖެ އެތެރެކުރަން އުޅުނު 3.6 ކިލޯގެ ކެނެބިސް އަތުލައިގަނެފައިވާ ކަމަށް ބުނެފައެވެ.
އެތަކެތި އަތުލައިގެންފައިވަނީ ކޫރިއާ މެދުވެރިކޮށް ގެނެސްފައިވާ ޕެކޭޖެއްގައި މަސްތުވާތަކެތި ފޮރުވާފައި ހުރިކަމަށް ކަސްޓަމްސްއަށް ޝައްކުކުރެވިގެން، ބަލައި ފާސްކުރުމުގެ ތެރޭގައިކަމަށާއި އަތުލައިގަތް ޝިޕްމަންޓުން ފެނިފައިވަނީ 3600 ގްރާމްގެ ކެނަބިސް ކަމަށް ކަސްޓަމުން ވަނީ ބުނެފައެވެ.