ޔަމާލް ހުއްޓުވައިގެން ސްޕެއިން ސިއްސުވާލަން އޮސްޓްރިއާގެ ކޯޗު ތައްޔާރު

ފީފާ ވޯލްޑް ކަޕް 2026 ގެ ގަދަ 32 ބުރުގައި ސްޕެއިންއާއި ކްރޮއޭޝިއާ މެޗުގެކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން އޮސްޓްރިއާގެ ކޯޗު ރަލްފް ރަންގްނިކް--

ސްޕެއިން ޒުވާން ހުނަރުވެރި ތަރި ލަމީން ޔަމާލް ހުއްޓުވުމަކީ އޮސްޓްރިއާއަށް އެންމެ މުހިންމު އިސްކަމެއްދޭނެ ކަންތައް ކަމަށް އެ ޓީމުގެ ކޯޗު ރާލްފް ރަންގްނިކް ބުނެފިއެވެ.

ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގަދަ 32 ޓީމު ކުޅޭ ބުރުގައި ބުރާސްފަތި ދުވަހުގެ ރޭ ސްޕެއިނާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން ރަންގްނިކް ބުނީ، އުމުރުން 18 އަހަރުގެ ޔަމާލަކީ ދުނިޔޭގެ ހުރިހާ ފުޓްބޯޅަ ސަޕޯޓަރުންވެސް ބަލާލަން ބޭނުންވާފަދަ މޮޅު ކުޅުންތެރިއެއް ކަމަށެވެ.

ނަމަވެސް، މެޗުގައި އޭނާއަށް ބޯޅަ ލިބޭ މިންވަރު މަދުކޮށް، އޭނާގެ ނުރައްކާތެރި ހަމަލާތައް ހުއްޓުވަން އޮސްޓްރިއާއިން ވަރަށް ގާތުން މަސައްކަތްކުރާޏެ ކަމަށް ކޯޗު ބުންޏެވެ.

އަނިޔާއިން ސަލާމަތްވެ، އެ ފޯމުގައި ހިފަހައްޓާލައިފިނަމަ ކުރިއަށްއޮތް 12 ނުވަތަ 14 އަހަރުވެސް ޔަމާލް ދުނިޔޭގެ ފެންވަރުގައި ވިދާލާނެ ކަމަށް ރަންގްނިކް ފާހަގަކުރިއެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ސްޕެއިނަށްވުރެ ގިނައިން އޮސްޓްރިއާއިން ލަނޑު ޖެހިނަމަވެސް، 2023 ވަނަ އަހަރުގެ މާރިޗު މަހުން ފެށިގެން ބަލިނުވެ 34 މެޗު ހަމަކޮށްފައިވާ ސްޕެއިން ފަދަ ވަރުގަދަ ޓީމެއް ބަލިކުރަން ކުރިއަށްވުރެ މާ ބޮޑަށް ކުޅުން ރަނގަޅުކުރަން ޖެހޭނެކަމަށް ކޯޗު އެއްބަސްވެއެވެ.

ފީފާ ވޯލްޑް ކަޕް 2026 ގައި ސްޕެއިންގެ ތަރި ލަމީން ޔަމާލް--

މި މެޗާ ބެހޭގޮތުން އޮސްޓްރިއާގެ ކެޕްޓަން ޑޭވިޑް އަލާބާ ބުނީ، ސްޕެއިނަކީ ރީތި ފުޓްބޯޅައެއް ކުޅޭ، ތަފާތު ދައްކާލެވޭނެ ފަދަ މޮޅު ކުޅުންތެރިން ތިބި ޓީމެއްކަން އެނގޭ ކަމަށާއި ނަމަވެސް އޮސްޓްރިއާއިން ފަހަތަށް ނުޖެހި، ކުރިއަށް ޖެހިލައިގެން މެޗުން މޮޅުވާން މަސައްކަތްކުރާނެ ކަމަށެވެ.

އަނިޔާގެ ސަބަބުން ޑިފެންޑަރު ފިލިޕް މަވީނޭއަށް މި މެޗުގައި ނުކުޅެވުނު ނަމަވެސް، ޓީމުގައި އެކަން ފޫބެއްދޭނެ ފެންވަރު އެބަހުރި ކަމަށާއި، މުބާރާތުގެ އެންމެ ފޭވަރިޓް އެއް ޓީމަށް ގޮންޖަހާލެވޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ކޯޗު ރަންގްނިކް ވަނީ ބުނެފައެވެ.

comment ކޮމެންޓް