ދުނިޔޭގެ އެންމެ މޮޅު ދެ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކްރިސްޓިއާނޯ ރޮނާލްޑޯއާއި ލޫކާ މޮޑްރިޗްގެ ތެރެއިން އެކަކަށް ބުރާސްފަތި ދުވަހުގެ މެޗަކީ ވޯލްޑް ކަޕްގައި ކުޅޭނެ ފަހު މެޗަށްވުމުގެ ފުރުސަތު ބޮޑެވެ. ނަމަވެސް ޕޯޗުގަލްގެ ކޯޗު ރޮބާޓޯ މާޓީނޭޒް ހުރީ އެއީ ރޮނާލްޑޯކަމަށް ވާން ބޭނުންވެފައެއް ނޫނެވެ.
ވޯލްޑް ކަޕްގެ ގަދަ 32 ގެ ބުރުގައި ޕޯޗުގަލްއާއި ކްރޮއޭޝިއާ ބައްދަލުކުރާ މެޗަކީ ރޮނާލްޑޯގެ "ލާސްޓް ޑާންސް" ނުވަތަ ފަހު ފެނިލުންކަމަށް ނުހެދުމަށް މާޓީނޭޒް ހުރީ ވަރަށް ބޮޑަށް އަޒުމް ކަނޑައަޅައިގެންނެވެ.
ގްރޫޕް ކޭގެ އެއްވަނައިގައި އޮވެ ޕޯޗުގަލް ދެވަނަ ބުރަށް ދަތުރުކުރީ އުޒްބެކިސްތާން އަތުން 5-0 އިން މޮޅުވި ނަމަވެސް، ކޮންގޯ އަދި ކޮލަމްބިއާއާ ދެކޮޅަށް ކުޅުނު މެޗުތައް އެއްވަރުވެގެންނެވެ.
ބުރާސްފަތި ދުވަހުގެރޭ ރާއްޖެގަޑިން ފަތިހު 04:00 ގައި ކުޅޭ މެޗަކީ ރޮނާލްޑޯ ވޯލްޑް ކަޕްގެ ނޮކައުޓް ބުރުގައި ކުޅޭނެ 9 ވަނަ މެޗެވެ. ނަމަވެސް މީގެކުރިން ކުޅުނު 8 ނޮކައުޓް މެޗުގައިވެސް އޭނާއަށް ލަނޑެއް ނުޖެހެއެވެ. މި މެޗަކީ މުބާރާތުގައި އޭނާ ކުޅޭނެ 25 ވަނަ މެޗެވެ.
މި މެޗަކީ ހަމައެކަނި ރޮނާލްޑޯގެ ފަހު މެޗަށްވުން އެކަށީގެންވާ މެޗެއް ނޫނެވެ. ކްރޮއޭޝިއާގެ ކެޕްޓަން ލޫކާ މޮޑްރިޗަށްވެސް މިއީ ވޯލްޑް ކަޕްގެ ފަހު މެޗަށް ވެދާނެއެވެ. 2012 އިން 2018 އަށް ރެއާލް މެޑްރިޑްގައި އެކުގައި ކުޅުނު މި ދެ ކުޅުންތެރިންވެސް ވަނީ މިފަހަރުގެ ވޯލްޑް ކަޕްގައި މިހާތަނަށް ކުޅުނު ތިން މެޗުގައިވެސް ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެފައެވެ. ނަމަވެސް ޕޯޗުގަލްގެ ކޯޗު މާޓިނޭޒް ބޭނުންވަނީ ރޮނާލްޑޯގެ ވޯލްޑް ކަޕް ދަތުރު ކުރިއަށްގެންދިއުމަށެވެ.
"އެމީހުން ފުޓްބޯޅައިގައި ދެމިތިބޭ ދެމިތިބުމަކީ އެމީހުން ހާއްސަކޮށްދޭ ކަމެއް. އުމުރުން 40 އަހަރުން މަތީގެ ލޫކާ މޮޑްރިޗް އަދިވެސް ގިނަ މެޗުތަކެއް ކުޅެމުންދާއިރު ރޮނާލްޑޯއާ އެއްވަރަށް އޭނާއަކީވެސް ޓީމަށް ވަރަށް މުހިންމު ކުޅުންތެރިއެއް." މާޓިނޭޒް ބުންޏެވެ.
މާޓީނޭޒް އިތުރަށް ބުނީ އުމުރަކީ ހަމައެކަނި ނަންބަރެއް ކަމަށާއި، މުހިންމީ އެ ކުޅުންތެރިން ދައްކާ ކުޅުމާއި ޗޭންޖިން ރޫމްގައި ދައްކާ ނަމޫނާ ކަމަށެވެ. އަދި ބުރާސްފަތި ދުވަހުގެ މެޗަކީ ރޮނާލްޑޯގެ ފަހު މެޗަށް ނުވުމަށް އުންމީދުކުރާ ކަމަށްވެސް އޭނާ ބުންޏެވެ.
ޕޯޗުގަލް އެންމެ ފަހުން ކުޅުނު ބޮޑު ދެ މުބާރާތުގައިވެސް ފުރަތަމަ ނޮކައުޓް ބުރު ފަހަނައަޅައި ގޮސްފައިވާއިރު، މިހާރު އެޓީމު އޮތީ ބަލިނުވެ ތިން މެޗު ހަމަކޮށްފައެވެ. ޕޯޗުގަލްގެ ކުޅުން އަދި އެންމެ ރަނގަޅަށް ދެއްކިފައި ނުވިނަމަވެސް، ނޮކައުޓް ބުރާއެކު ޓީމު އެންމެ ފުރިހަމަ ފޯމަށް އަންނާނެ ކަމުގެ ފުރިހަމަ އިތުބާރު ކޯޗަށް އެބައޮތެވެ.