ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން އުފެއްދުންތެރިކަމުގެ ނިސްބަތުން އެންމެ ދަރަނި ބޮޑު ގައުމަކަށް ރާއްޖެވީ ވޭތުވެދިޔަ ސަރުކާރުތަކުން އިސްރާފުކޮށް، ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ގައުމު ހިންގުމުގެ ސަބަބުން ކަމަށް، ކުރީގެ ހޯމް މިނިސްޓަރު ޢުމަރު ނަޞީރު މިއަދު ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ މާލީ އިދާރާ، އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް)އިން އާންމުކޮށްފައިވާ އެންމެ ފަހުގެ ރިޕޯޓަށް ބަލާއިރު، ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން އުފެއްދުންތެރިކަމުގެ ނިސްބަތުން އެންމެ ބޮޑު ދަރަނި އޮތް ގައުމަކީ ރާއްޖެއެވެ.
އެ ރިޕޯޓުގައިވާ ގޮތުން، ރާއްޖޭގެ ދައުލަތުގެ ޖުމުލަ ދަރަނި މިހާރު ހުރީ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން (ޖީޑީޕީ) 125.4 އިންސައްތައިގައެވެ.
އެ ރިޕޯޓުގައިވާ ހިސާބުތަކަށް އިޝާރާތްކުރައްވައި ޢުމަރު 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައިވަނީ، ދެކުނު އޭޝިއާ ގައުމުތަކުގެ ތެރެއިން އުފެއްދުންތެރިކަމުގެ ނިސްބަތުން ރާއްޖެ އެންމެ ދަރަނި ބޮޑު ގައުމަކަށްވީ މި ގައުމުގައި ވެރިކަންކުރި ސިޔާސީ ޕާޓީތަކުން ވޭތުވެދިޔަ 18 އަހަރު ހިންގި އިސްރާފު ބޮޑު، ކޮރަޕްޝަން ގިނަ ސަރުކާރުތަކުގެ ސަބަބުން ކަމަށެވެ.
އައިއެމްއެފްގެ ރިޕޯޓުގައިވާ ގޮތުން ރާއްޖެއަށް ފަހު ދެން އެންމެ ދަރަނި ބޮޑު ގައުމެއްގެ ގޮތުގައި އުޅެނީ ޖީޑީޕީގެ 103.6 އިންސައްތައިގެ ދަރަންޏަކާއެކު ބޫޓާނެވެ. ސަރަހައްދުގެ އެންމެ ބޮޑު އިގްތިސާދީ ބާރު ކަމަށްވާ އިންޑިއާގެ ދަރަނި 84.1 އިންސައްތައިގައި އުޅޭއިރު، އިގްތިސާދީ ގިނަ ހީނަރުކަމެއް ތަހައްމަލު ކުރަމުންދާ ޕާކިސްތާނުގެ ދަރަނި ހުރީ 72.8 އިންސައްތައިގައެވެ. މީގެ އިތުރުން ނޭޕާލްގެ ދަރަނި 48.1 އިންސައްތައިގައި ރެކޯޑު ކުރެވިފައިވާއިރު، މުޅި ދެކުނު އޭޝިއާއިން ވެސް އެންމެ ދަރަނި ކުޑަ ގައުމެއްގެ ގޮތުގައި ފާހަގަކުރެވެނީ ޖީޑީޕީގެ އެންމެ 42 އިންސައްތައިގެ ދަރަންޏެއް އޮތް ބަންގްލަދޭޝްއެވެ.
ރާއްޖޭގެ ދަރަނި މިހާރު ހުރި މިންވަރަކީ ބަންގްލަދޭޝް ފަދަ ގައުމުތަކާ އަޅާބަލާއިރު ގާތްގަނޑަކަށް ތިންގުނަ އިތުރު އަދަދެކެވެ. ރާއްޖެއަށް މިވަގުތު އޮތީ ދަރަނި މެނޭޖުކުރުމާއި ދައުލަތުގެ މާލިއްޔާއަށް ކުރިމަތިވެފައިވާ ފިއްތުންތަކުން ސަލާމަތްވުމަށް ހަރުދަނާ މާލީ އަދަބުވެރިކަމެއް ގާއިމުކުރުމުގެ މަޖުބޫރުކަން ބޮޑުވެފައެވެ. ސާކްގެ އެހެން ގައުމުތަކަށްވުރެ ރާއްޖޭގެ ދަރަނީގެ ނިސްބަތް މަތިވުމަކީ މާލީ އިސްލާހީ ފިޔަވަޅުތައް އަވަސްކުރަން ޖެހޭކަން އަންގައިދޭ މުހިންމު ނިޝާނެކެވެ.
މި އަހަރު ދައުލަތުން ފާސްކޮށްފައި ވަނީ ރެކޯޑު އަދަދެއްގެ ބޮޑު ބަޖެޓެއް ކަމަށްވާއިރު އޭގެ މައިގަނޑު ސަބަބަކަށްވީ މި އަހަރު ޖުމުލަ 1.1 ބިލިއަން ޑޮލަރުގެ ދަރަނި ދައްކަން ޖެހުމެވެ. ފިނޭންސް މިނިސްޓްރީން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުން ދައްކާ ގޮތުގައި މިދިޔަ މަހުގެ 14އާ ހަމައަށް ލޯނު އަނބުރާ ދެއްކުމަށް 8.7 ބިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.