ފީފާ ވޯލްޑް ކަޕުގައި ގާއިމުކޮށްފައިވާ ލަނޑު ރެކޯޑު މުގުރާލާނެ ކަމަށް ބެލެވޭ ދެ ކުޅުންތެރިން ކަމަށްވާ އާޖެންޓީނާގެ ލިއޮނަލް މެސީ އާއި ފްރާންސްގެ ކީލިއަން އެމްބާޕޭގެ ތެރެއިން، އޭނާގެ ރެކޯޑު މެސީ މުގުރާލުމަކީ އެންމެ އެދޭ ގޮތް ކަމަށް ޖަރުމަނުގެ ކުރީގެ މަޝްހޫރު ފޯވާޑް މިރޮސްލާވް ކްލޯޒާ ބުނެފިއެވެ.
ވޯލްޑް ކަޕްގެ ތާރީޚުގައި ވެސް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ޝަރަފު 16 ލަނޑާއެކު ހޯދާފައިވާ ކްލޯޒާ ބުނި ގޮތުގައި، މި ފަހަރުގެ މުބާރާތަކީ ޓީމުތައް އިތުރުކޮށްގެން ގިނަ މެޗުތަކެއް ކުޅޭ މުބާރާތަކަށް ވުމުން ލަނޑު ޖަހާނެ ފުރުސަތުތައް ވަރަށް ބޮޑަށް އިތުރުވެގެންދާނެއެވެ.
އަދި އޭނާގެ މި ރެކޯޑު މުގުރާލާނެ ކަމަށް ބެލެވޭ ދެ ކުޅުންތެރިން ކަމަށްވާ އާޖެންޓީނާގެ ލިއޮނަލް މެސީ އާއި ފްރާންސްގެ ކީލިއަން އެމްބާޕޭގެ ތެރެއިން، އޭނާގެ ރެކޯޑު މެސީ މުގުރާލުމަކީ އޭނާ އެންމެ އެދޭ ގޮތް ކަމަށް ވެސް ކްލޯޒާ ވަނީ ހާމަކޮށްފައެވެ.
ކްލޯޒާ ޖަރުމަނުގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ބުނީ އޭނާއަކީ އަބަދުވެސް މެސީގެ ވަރަށް ބޮޑު ސަޕޯޓަރެއް ކަމަށާއި، މެސީއަކީ ފުޓްބޯޅައިގެ "ޖީނިއަސް" އެއް ކަމަށެވެ.
އެހެންކަމުން އޭނާގެ ރެކޯޑު މެސީގެ އަތްމައްޗަށް ދިއުމަކީ އޭނާއަށް ލިބޭނެ ވަރަށް ބޮޑު އުފަލެއް ކަމަށް ބުންޏެވެ. މިހާތަނަށް ވޯލްޑް ކަޕްގައި 13 ލަނޑު ޖަހާފައިވާ މެސީ މި ފަހަރުގެ މުބާރާތާ ކުރިމަތިލަނީ އޭނާގެ 6 ވަނަ ވޯލްޑް ކަޕް ކުޅުމަށެވެ.
އަނެއްކޮޅުން ފާއިތުވި ދެ ވޯލްޑް ކަޕްގައި 12 ލަނޑު ޖަހާފައިވާ އެމްބާޕޭ ވެސް ހުރީ މި ރެކޯޑާ ވަރަށް ގާތުގައެވެ. މި ފަހަރުގެ ވޯލްޑް ކަޕްގައި އާޖެންޓީނާ ކުޅޭ ފުރަތަމަ މެޗުގައި ޖޫން 16 ގައި އަލްޖީރިއާއާ ދެކޮޅަށް ނުކުންނައިރު، ފްރާންސްގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ސެނެގާލްއާއެވެ.