ބޮޑު ތަފާތަކުން ކާމިޔާބުކުރެއްވި ނަޝީދަށް 69 އިންސައްތަ ވޯޓު ލިބިވަޑައިގަތް

ޗެއާޕާސަން އިންތިޚާބު ކާމިޔާބުކުރެއްވުމަށްފަހު ރޭ ބޭއްވި އުފާފާޅުކުރުމުގައި ނަޝީދު -- ސަން ފޮޓޯ/ ޝާތިއު އަބްދުﷲ

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަން އިންތިޚާބު, ކުރީގެ ރައީސް މުހައްމަދު ނަޝީދު ބޮޑު ތަފާތަކުން ކާމިޔާބުކުރެއްވި އިރު ވަގުތީ ނަތީޖާ ދައްކާ ގޮތުން އެމަނިކުފާނަށް 69 އިންސައްތަ ވޯޓު ލިބިއްޖެއެވެ.

ވާދަވެރި ކެމްޕެއިނަކަށް ފަހު ނަޝީދު މި އިންތިޚާބު ކާމިޔާބުކުރެއްވީ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމާ ވާދަކުރެއްވުމަށް ފަހެވެ.

https://sun.mv/223260

މި އިންތިޚާބުގައި ވޯޓުލާފައި ވަނީ މި އަހަރުގެ އޭޕްރީލް މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް އެ ޕާޓީގެ ދަފުތަރުގައި ރަޖިސްޓަރީވެފައިވާ މެންބަރުންނަށެވެ.

އިއްޔެގެ ވޯޓުގައި ސައްހަ 30،363 ވޯޓުގެ ތެރެއިން 20،943 ވޯޓު ލިބިވަޑައިގަތީ ނަޝީދަށެވެ. އެއީ 69 އިންސައްތަ ވޯޓެވެ.

ވަކިވަކި އަތޮޅުތަކަށް ބަލާއިރު ނަޝީދަށް އެންމެ ގިނަ ވޯޓު ލިބިވަޑައިގަތީ ލ، ގދ، ތ އަދި ފ އަތޮޅުންނެވެ. އެގޮތުން:

  • ލ. އަތޮޅުން 86.5 ޕަސެންޓް
  • ގދ. އަތޮޅުން 83.5 ޕަސެންޓް
  • ތ. އަތޮޅުން 83.1 ޕަސެންޓް
  • ފ. އަތޮޅުން 79.6 ޕަސެންޓް
  • އދ. އަތޮޅުން 79.1 ޕަސެންޓް
  • ފުވައްމުލަކު ސިޓީން 78.9 ޕަސެންޓް
  • ބޭރު ގައުމުތަކުގައި ބެހެއްޓި ވޯޓު ފޮށިތަކުން 77.1 ޕަސެންޓް
  • މ. އަތޮޅުން 73.6 ޕަސެންޓް
  • ކ. އަތޮޅުން 71.1 ޕަސެންޓް
  • އއ. އަތޮޅުން 70.6 ޕަސެންޓް
  • މާލެ ސިޓީން 70.3 ޕަސެންޓް
  • ނ. އަތޮޅުން 69 ޕަސެންޓް
  • ތިނަދޫ ސިޓީން 69 ޕަސެންޓް
  • ބ. އަތޮޅުން 68.5 ޕަސެންޓް
  • ގއ. އަތޮޅުން 67.9 ޕަސެންޓް
  • އައްޑޫ ސިޓީން 67.2 ޕަސެންޓް
  • ކުޅުދުއްފުށި ސިޓީން 66.1 ޕަސެންޓް
  • ރ. އަތޮޅުން 66.1 ޕަސެންޓް
  • ވ. އަތޮޅުން 65.6 ޕަސެންޓް
  • ށ. އަތޮޅުން 64.6 ޕަސެންޓް
  • ދ. އަތޮޅުން 57.7 ޕަސެންޓް
  • ހއ. އަތޮޅުން 52 ޕަސެންޓް
  • ހދ. އަތޮޅުން 51.9 ޕަސެންޓް
  • ޅ. އަތޮޅުން 43.3 ޕަސެންޓް

މާލެ ސިޓީން ނަޝީދަށް 70.3 ޕަސެންޓް ލިބުނުއިރު މީކާއީލްގެ ދާއިރާއިން ވެސް ކުރި ހޯއްދެވީ އެމަނިކުފާނެވެ. އެގޮތުން މީކާއީލްގެ ދާއިރާ ކަމަށްވާ ގަލޮޅު ދެކުނު -1 ވޯޓު ފޮށިން ވެސް ކުރީގައި އުޅުއްވަނީ ނަޝީދެވެ. އެ ވޯޓު ފޮށިން ނަޝީދަށް 166 ވޯޓު ލިބިވަޑައިގެންއިރު މީކާއީލަށް ލިބިވަޑައިގަތީ 119 ވޯޓެވެ.

https://sun.mv/223267

ހަމައެއާއެކު ގަލޮޅު އުތުރު ދާއިރާގެ -1 ވޯޓު ފޮށިން ވެސް ކުރީގައި އުޅުއްވަނީ ނަޝީދެވެ. އެ ވޯޓު ފޮށިން ނަޝީދަށް 195 ވޯޓު ލިބިވަޑައިގަތްއިރު މީކާއީލަށް ލިބިވަޑައިގަތީ އެންމެ 51 ވޯޓެވެ.

މި އިންތިޚާބަކީ ކުރިން އެ މަޤާމުގައި ހުންނެވި ފައްޔާޒު އިސްމާޢީލް މަޤާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން ބޭއްވި އިންތިޚާބެކެވެ. ފައްޔާޒު ހުންނެވީ ރައީސް ނަޝީދަށް ތާއީދު ކުރައްވައިގެންނެވެ. އަދި މީކާއިލް ނުކުމެވަޑައިގަތީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ފުރިހަމަ ތާއީދާ އެކުގައެވެ.

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ޗެއާޕާސަން ހޮވުމަށް ބޭއްވި އިންތިޚާބުގައި، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމާ ވާދަކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ބޮޑު ކާމިޔާބީއެއް ހޯއްދަވާފައެވެ. ސައްހަ 30363 ވޯޓުގެ ތެރެއިން ނަޝީދު ވަނީ 69 އިންސައްތަ ކާމިޔާބުކުރައްވާފައެވެ. މީކާއީލް މި އިންތިޚާބަށް ނުކުމެވަޑައިގަތީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ތާއީދާއެކުގައެވެ. އެހެންނަމަވެސް، މީކާއީލްގެ އަމިއްލަ ދާއިރާގެ ވޯޓު ފޮށިތަކުންވެސް ކުރި ހޯއްދެވީ ނަޝީދެވެ. މި އިންތިޚާބަކީ ކުރިން އެ މަގާމުގައި ހުންނެވި ފައްޔާޒު އިސްމާއީލް އިސްތިއުފާ ދެއްވުމާ ގުޅިގެން ބޭއްވި އިންތިޚާބެކެވެ.

  • އެމްޑީޕީގެ ޗެއާޕާސަންކަމަށް ރައީސް ނަޝީދު ހޮވިވަޑައިގަތީ 69 އިންސައްތަ ވޯޓުންނެވެ.
  • އެމަނިކުފާނަށް 20943 ވޯޓު ލިބިވަޑައިގަތެވެ.
  • އެންމެ ބޮޑު ތާއީދެއް ލިބިވަޑައިގަތީ ލ، ގދ، ތ އަދި ފ އަތޮޅުންނެވެ.
  • ވާދަވެރި ކެންޑިޑޭޓް މީކާއީލްގެ އަމިއްލަ ދާއިރާގެ ވޯޓު ފޮށިތަކުންވެސް ނަޝީދު ކުރި ހޯއްދެވިއެވެ.
  • މި އިންތިޚާބު ބޭއްވީ ކުރިން އެ މަގާމުގައި ހުންނެވި ފައްޔާޒު އިސްމާއީލް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
comment ކޮމެންޓް