ފަތުރުވެރިކަމުން ލިބުނު އާމްދަނީ ދަށްވެ، ޑޮލަރު ލިބުނުވަރު 15 ޕަސެންޓް ދަށަށް

ފަތުރުވެރިންތަކެއް ރިސޯޓެއްގައި: ފަތުރުވެރިކަމުން ލިބުނު އާމްދަނީ ދަށްވެ، ޑޮލަރު ލިބުނުވަރު ވަނީ 15 ޕަސެންޓް ދަށަށް ގޮސްފައި -- ފޮޓޯ/ ޓްރެވެލް ޓްރޭޑް މޯލްޑިވްސް

ރާއްޖެއަށް ފަތުރުވެރިކަމާ ގުޅުންހުރި ދާއިރާތަކުން އާމްދަނީ ދަށްވެ، ގައުމަށް ޑޮލަރުން ލިބުނު އާމްދަނީ 15 ޕަސެންޓް ދަށްވެއްޖެއެވެ.

ދައުލަތުގެ ޓެކްސް އިދާރާ، މީރާއިން ނެރުނު ތަފާސްހިސާބުގައިވާ ގޮތުގައި، މިދިޔަ މަހު އެ އިދާރާއަށް ބަލައިގެންފައިވާ ޖުމުލަ އާމްދަނީއަކީ 2.05 ބިލިއަން ރުފިޔާއެވެ. އެ އަދަދަކީ އެ މަހު ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 0.3 ޕަސެންޓް ދަށް އަދަދެއް ކަމަށާއި އެއީ ވޭތުވެދިޔަ އަހަރުގެ މެއި މަހު ލިބުނު އާމްދަނީއަށްވުރެ 5.8 ޕަސެންޓް ދަށް އަދަދެއްކަން މީރާއިން ފާހަގަކުރިއެވެ.

މީރާއިން ބުނީ، މިދިޔަ މަހުގެ އާމްދަނީ އަންދާޒާއަށްވުރެ ދަށްވި މައިގަނޑު އެއް ސަބަބަކީ ފަތުރުވެރިކަމުގެ ދައިރާ ނޫން ދާއިރާތަކުގެ ޖީއެސްޓީ އާއި ގްރީން ޓެކުހާއި، ރިޒޯޓުތަކުގެ ކުލީގެ އިތުރުން ކޯޓާ ފީން ލިބިފައިވާ އާމްދަނީ ދަށްވުން ކަމަށެވެ. އަދި މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން، މިދިޔަ އަހަރުގެ މެއި މަހާ އަޅައިބަލާއިރު މި އަހަރުގެ މެއި މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 4.4 ޕަސެންޓް ދަށްވިކަން މީރާއިން ފާހަގަކުރިއެވެ.

އެ އިދާރާއިން އިތުރަށް ބުނީ، މިދިޔަ އަހަރުގެ މެއި މަހު ލިބުނު އާމްދަނީ އާ އަޅައިބަލާއިރު މި އަހަރުގެ މެއި މަހު ލިބިފައިވާ އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ، ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ އާއި ގްރީން ޓެކުހާއި، އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ލިބުނު އާމްދަނީ މަދުވުން ކަމަށެވެ. އެގޮތުން ފަތުރުވެރިކަމާ ގުޅުންހުރި ދާއިރާތަކުގެ އާމްދަނީ 19.5 ޕަސެންޓް ދަށްވެފައިވާ ކަމަށާއި، އެއީ މިދިޔަ އަހަރުގެ އަހަރު މެއި މަހާއި އަޅައިބަލާއިރު މި އަހަރުގެ މެއި މަހު އައި ފަތުރުވެރިންގެ އަދަދު 24.4 ޕަސެންޓް ދަށްވުމުން ކަމަށް ތަފާސްހިސާބުގައިވެއެވެ.

މީގެ އިތުރުން، ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު) ފީގެ ގޮތުގައި ލިބުނު އާމްދަނީ ވެސް މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ވަނީ ދަށްވެފައިކަން މީރާއިން ފާހަގަކުރިއެވެ.

ފަތުރުވެރިއެއް ވީއައިއޭގައި: ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު ވަނީ މަދުވެފައި -- ފޮޓޯ/ ވެލާނާ އެއާޕޯޓު

އެ އިދާރާއިން ވަނީ މިދިޔަ މަހު ލިބުނު އާމްދަނީގެ ތެރޭގައި 89 މިލިއަން އެމެރިކާ ޑޮލަރު ހިމެނޭކަން ފާހަގަކޮށްފައެވެ. މިދިޔަ އަހަރުގެ މެއި މަހު 104.7 މިލިއަން ޑޮލަރު ލިބިފައިވާއިރު، މި އަހަރުގެ މެއި މަހު ޑޮލަރުގެ އާމްދަނީ ވަނީ 15 ޕަސެންޓް ދަށްވެފައެވެ.

މީރާއިން ބުނީ މިދިޔަ މަހު ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީ ކަމަށެވެ. އެއީ 56.3 ޕަސެންޓް ނުވަތަ 1.1 ބިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އާމްދަނީން ނަގާ ޓެކުހުން ކަމަށްވާއިރު އެއީ 234 މިލިއަން ރުފިޔާ ކަމަށް ތަފާސްހިސާބުގައިވެއެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 28ގައި އެމެރިކާއާއި އިސްރާއީލުން އީރާނަށް ދިން ހަމަލާތަކާ ގުޅިގެން މެދުއިރުމަތީގައި ބޮޑު ހަނގުރާމައެއް ފެށި، އެ ސަރަހައްދުގެ ގައުމުތަކުގެ އެއާލައިންތައް ހުއްޓުމަކަށް އައެވެ. މެދުއިރުމައްޗަކީ ރާއްޖެއަށް އަންނަ ގިނަ އަދަދެއްގެ ފަތުރުވެރިން ބޭނުންކުރާ ރޫޓެއް ކަމުން، އެ ދުވަސްވަރު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ދަށްވިއެވެ.

މީރާ ޓެކްސްޕޭޔާ ސާވިސް ސެންޓަރު: މީރާއިން ވަނީ ފަތުރުވެރިކަމުން ލިބުނު އާމްދަނީ މަދުވި ކަމަށް ބުނެފައި --

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުން ދައްކާ ގޮތުގައި މާރިޗް މަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަނީ މިދިޔަ އަހަރުގެ އެ މަހާ އަޅައިބަލާއިރު 20.7 ޕަސެންޓް ދަށްވެފައެވެ. އަދި އޭޕްރިލް މަހު އައި އަދަދު ވަނީ 24.4 ޕަސެންޓް ދަށްވެފައެވެ.

އެ ދެ މަހަށް ފަހު، ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ވަނީ އިތުރުވާން ފަށައިފައެވެ. އެގޮތުން، މިދިޔަ މަހު އައި ފަތުރުވެރިންގެ އަދަދު ވަނީ މިދިޔަ އަހަރުގެ މެއި މަހާ އަޅައިބަލާއިރު 1.7 ޕަސެންޓް ދަށްވެފައެވެ.

ރާއްޖެއަކީ އިމްޕޯޓަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ ގައުމެއް ކަމަށްވާއިރު، ވިޔަފާރިތަކާއި އާންމުންނަށް ޑޮލަރުގެ ބޭނުން ވަރަށް ބޮޑަށް ޖެހެއެވެ. އަދި ރާއްޖޭގައި ދަރަނި އިންތިހާއަށް ބޮޑުވެފައިވުމުން ދައުލަތަށް ވެސް ވަނީ ޑޮލަރުގެ ބޭނުން ޖެހިފައެވެ.

އެހެންވެ، ޑޮލަރުން ލިބޭ އާމްދަނީ އިތުރުކޮށް، އެ ފައިސާ ގައުމުގެ ތެރޭގައި ބެހެއްޓުމަށް ސަރުކާރުން އަންނަނީ ފިޔަވަޅުތައް އަޅަމުންނެވެ. އެހެންނަމަވެސް ޑޮލަރު ނުލިބޭ ކަމުގެ ކަންބޮޑުވުންތައް އިތުރުވެފައިވާއިރު، ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ވަނީ 20 ރުފިޔާއިން މަތީގައި ހިފެހެއްޓިފައެވެ.

މީރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ވޭތުވެދިޔަ މެއި މަހު ދައުލަތަށް ލިބިފައިވަނީ 2.05 ބިލިއަން ރުފިޔާގެ އާމްދަނީއެކެވެ. މިއީ އަންދާޒާކުރި ވަރަށްވުރެ ދަށް އަދަދެކެވެ. އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ފަތުރުވެރިންގެ އަދަދު މަދުވުމާއި، ޖީއެސްޓީ އާއި ގްރީން ޓެކުހުން ލިބުނު ފައިސާ މަދުވުމެވެ. މީގެ ސަބަބުން ޑޮލަރުގެ ދަތިކަން ބޮޑުވެފައިވާއިރު، މާލީ ހާލަތު ރަނގަޅުކޮށް ޑޮލަރު އެތެރެވާ މިންވަރު އިތުރުކުރުމަށް ސަރުކާރުން އަންނަނީ ފިޔަވަޅުތައް އަޅަމުންނެވެ.

  • މެއި މަހުގެ ޖުމުލަ އާމްދަނީއަކީ 2.05 ބިލިއަން ރުފިޔާ ކަމަށާއި، މިއީ ވޭތުވެދިޔަ އަހަރުގެ މެއި މަހާ އަޅައިބަލާއިރު 5.8 ޕަސެންޓް ދަށް އަދަދެއްކަން.
  • ޑޮލަރުން ލިބުނު އާމްދަނީ 89 މިލިއަން ޑޮލަރަށް ވެއްޓިފައިވާއިރު، މިއީ ފާއިތުވި އަހަރަށްވުރެ 15 ޕަސެންޓުގެ ދަށްވުމެއްކަން.
  • ފަތުރުވެރިންގެ އަދަދު މަދުވުމުގެ މައިގަނޑު ސަބަބަކީ މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން އެއާލައިންތަކުގެ ދަތުރުތަކަށް އައި ބަދަލުތައްކަން.
  • ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ޖީއެސްޓީން ކަމަށާއި، އެއީ 1.1 ބިލިއަން ރުފިޔާ ނުވަތަ ޖުމުލަ އާމްދަނީގެ 56.3 ޕަސެންޓްކަން.
  • ޑޮލަރުގެ ތާށިކަން އިންތިހާއަށް ބޮޑުވެ، ކަޅު ބާޒާރުގައި ޑޮލަރުގެ އަގު 20 ރުފިޔާއަށްވުރެ މަތީގައި ހިފެހެއްޓިފައިވާކަން.
  • އާމްދަނީގެ އަންދާޒާތަކަށްވުރެ ދައުލަތަށް ލިބުނު މިންވަރު ދަށްވުމާއެކު އިގުތިސާދީ އަދި މާލީ ބޮޑެތި ގޮންޖެހުންތަކާ ގައުމުން ކުރިމަތިލާންޖެހުން.
  • ފަތުރުވެރިކަމަށް އިގުތިސާދު ބަރޯސާވާ މިންވަރު ބޮޑުވުމުން، ބޭރުގެ ހަމަނުޖެހުންތަކުގެ ނޭދެވޭ އަސަރު ސީދާ ރާއްޖޭގެ އާމްދަނީއަށް ކުރުން.
  • އިމްޕޯޓަށް ބަރޯސާވާ ގައުމަކަށްވުމުން، ބޭރު ފައިސާގެ ދަތިކަން ހައްލުކުރުމަށްޓަކައި ހަރުދަނާ ފިޔަވަޅުތަކެއް އަވަހަށް އެޅުމުގެ މުހިންމުކަން.
comment ކޮމެންޓް