އިޓަލީގެ މަޝްހޫރު ފެޝަން ބްރޭންޑް އޯވީއެސްގެ މާލޭ އައުޓްލެޓުގައި ފިރިހެނުންގެ އަންނައުނަށް ޚާއްސަކޮށްގެން ފަންގިފިލާއެއް ހުޅުވައިފިއެވެ.
މާލޭގެ މެދުޒިޔާރަތް މަގުގެ، ހ. އެސްޖެހިގޭގައި ހުންނަ އޯވީއެސް ޝޯރޫމްގައި ފިރިހެނުންގެ ޚާއްސަ ސެކްޝަނެއް ރަސްމީކޮށް ހުޅުވީ މިދިޔަ އާދިއްތަ ދުވަހެވެ.
އޯވީއެސްއަކީ ރާއްޖޭގައި ހެޔޮ އަގުގައި ޔޫރަޕްގެ ފެޝަން ފޯރުކޮށްދޭ އެންމެ އިތުބާރު ހުރި އެއް ބްރޭންޑެވެ.
ޒަމާނީ ދިވެހިންގެ ރަހަތަކާ ގުޅޭގޮތަށް ފަރުމާކޮށްފައިވާ މި އާ ކަލެކްޝަންގައި އާންމު ދިރިއުޅުމުގައި ބޭނުންކުރެވޭނެ ކެޝުއަލް އަންނައުނާއި، އޮފީސް އަދި ބިޒްނަސް އެޓަޔާގެ އިތުރުން ރަސްމީ މުނާސަބަތުތަކަށް ޚާއްސަ ގަމީހާއި ފަޓުލޫނާއި ސޫޓު ފަދަ އަންނައުނު ހުންނާނެވެ.

މާލޭގެ އޯވީއެސްގައި ފިރިހެނުންނަށް ވަކި ފްލޯއެއް ހުޅުވުން --- ސަން ފޮޓޯ: މުޙައްމަދު ޝާން
ދެހާސް ސައުވީސް ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު މާލޭގައި އޯވީއެސްގެ ފުރަތަމަ ޝޯރޫމް ހުޅުވި ފަހުން އޯވީއެސް ވަނީ ދިވެހި ކަސްޓަމަރުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައެވެ.
ފުރަތަމަ އަންހެނުންނާއި ކުޑަކުދިންގެ ފޭރާމަށް ޚާއްސަކޮށްގެން ފެށި މި ބްރޭންޑަކީ ފެންވަރު ރަނގަޅު އަދި ސްޓައިލިޝް ހެދުންތައް އަތްފޯރާ ފަށުގައި ފޯރުކޮށްދިނުމުގެ ސަބަބުން ކަސްޓަމަރުންގެ ބޮޑު އިތުބާރެއް ލިބިފައިވާ ބްރޭންޑެކެވެ.
މި ފަހަރު ފިރިހެނުންނަށް ޚާއްސަ ވަކި ފްލޯއެއް ހުޅުވުމަކީ ރާއްޖޭގައި އޯވީއެސްގެ ޚިދުމަތްތައް ފުޅާކުރުމަށް ކުރިއަށް ރޭވިފައިވާ މަސައްކަތްތަކުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެކެވެ.

މާލޭގެ އޯވީއެސްގައި ފިރިހެނުންނަށް ވަކި ފްލޯއެއް ހުޅުވުން --- ސަން ފޮޓޯ: މުޙައްމަދު ޝާން
އިޓަލީގައި 1972 ވަނަ އަހަރު އުފެއްދި އޯވީއެސް އަކީ މިހާރު އެ ގައުމުގެ އެންމެ ބޮޑު ފެޝަން ރީޓެއިލާގެ އިތުރުން ޔޫރަޕްގައި ވެސް އެންމެ މަގުބޫލު އެއް ބްރޭންޑެވެ.
ޔޫރަޕާއި މެދުއިރުމަތީގެ އިތުރުން އޭޝިއާގެ ގައުމުތަކުގައި ފުޅާވެފައިވާ އެ ކުންފުންޏަކީ އިޓަލީގެ ފަރުމާތަކާއި މޮޅު މަސައްކަތްތެރިކަމާ، އޭގެ އަގާ އަޅައިބަލާއިރު އެކަށީގެންވާ މޮޅު އުފެއްދުންތަކެއް ފޯރުކޮށްދިނުމުގައި ނަމޫނާ ބްރޭންޑެކެވެ.

މާލޭގެ އޯވީއެސްގައި ފިރިހެނުންނަށް ވަކި ފްލޯއެއް ހުޅުވުން --- ސަން ފޮޓޯ: މުޙައްމަދު ޝާން
މީގެ އިތުރުން އޯވީއެސްއަކީ ތިމާވެއްޓާ ރައްޓެހި އުސޫލުތަކާއި ދެމެހެއްޓެނިވި ގޮތެއްގައި ތަކެތި އުފެއްދުމަށް ދުނިޔޭގެ ފެންވަރުގައި އިސްކަންދޭ ކުންފުންޏެއްކަން ފާހަގަކޮށްލެވެއެވެ.
މާލޭގައި ހުންނަ އޯވީއެސް ޝޯރޫމަށް އަލަށް އިތުރުކުރި ފިރިހެނުންގެ ފެޝަން ފްލޯއާ އެކު މިހާރު އެއް ފުރާޅެއްގެ ދަށުން އަންހެނުންނާއި ފިރިހެނުންގެ އިތުރުން ކުޑަކުދިންގެ ޚާއްސަ ކަލެކްޝަންތައް ލިބެން ހުންނާނެއެވެ.

މާލޭގެ އޯވީއެސްގައި ފިރިހެނުންނަށް ވަކި ފްލޯއެއް ހުޅުވުން --- ސަން ފޮޓޯ: މުޙައްމަދު ޝާން
މިއީ ޔޫރަޕްގެ ޒަމާނީ ފެޝަން ދިވެހި ކަސްޓަމަރުންނަށް ފަސޭހައިން ލިބޭނެ ގޮތް ހެދުމަށް އެ ބްރޭންޑުން ކުރާ މަސައްކަތަށް ލިބުނު އިތުރު ކުރިއެރުމެކެވެ.
އިޓަލީގެ ޒަމާނީ ފަރުމާތައް ހިމެނޭ، ފެންވަރު ރަނގަޅު އަދި އަގުހެޔޮ އޯވީއެސްގެ އަންނައުނަކީ ތަފާތު އެކި މުނާސަބަތުތަކާއި ދިރިއުޅުމުގެ އެކި ހާލަތްތަކާ ގުޅޭނެހެން ތައްޔާރުކޮށްފައިވާ އަންނައުނެވެ.