އެމްއައިބީ ގެސްޓްހައުސް އެވޯޑްސް 2026: ފޯމު ހުށަހަޅަން ހުޅުވާލައިފި

އެމްއައިބީ ހެޑް އޮފީސް: އެމްއައިބީއިން ފުރަތަމަ ފަހަރަށް ބާއްވާ "އެމްއައިބީ ގެސްޓްހައުސް އެވޯޑްސް 2026"އަށް ފޯމު ހުށަހަޅަން ވަނީ ހުޅުވާލައިފައި -- ފޮޓޯ: އެމްއައިބީ

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ން އިންތިޒާމުކޮށްގެން ފުރަތަމަ ފަހަރަށް ބާއްވާ "އެމްއައިބީ ގެސްޓްހައުސް އެވޯޑްސް 2026"އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެމްއައިބީން ބުނި ގޮތުގައި، އެވޯޑުތައް ކާމިޔާބުކުރުމަށް، މައިގަނޑު އަށް ކެޓަގަރީއަކުން ގެސްޓްހައުސްތަކަށް ކުރިމަތިލެވޭނެއެވެ.

ގެސްޓްހައުސްތަކުން ވާދަކުރެވޭނެ އަށް ކެޓަގަރީއަކީ:

  • ސާވިސް އެކްސެލެންސް އެންޑް ހޮސްޕިޓަލިޓީ: މެހުމާންދާރީ އަދި ޚިދުމަތުގެ ފެންވަރު އެންމެ މަތީ ދަރަޖައިގައި ފޯރުކޮށްދޭ ގެސްޓްހައުސްތަކަށް.
  • އޮތެންޓިކް މޯލްޑިވިއަން އެކްސްޕީރިއަންސް: ދިވެހި ސަގާފަތާއި، ކާބޯތަކެއްޗާއި، އާދަކާދަ އެންމެ ފުރިހަމައަށް ދައްކުވައިދޭ ގެސްޓްހައުސްތަކަށް.
  • އައިލެންޑް އެކްސްކާޝަންސް އެންޑް އެކްސްޕީރިއަންސަސް: ކަނޑުފަޅުގެ ހަރަކާތްތަކާއި، ރަށްރަށަށް ބަލާލަން ބުރުޖެހުމުގައި ރައްކާތެރި އަދި ފުރިހަމަ ޚިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކަށް.
  • ކަލިނަރީ އެކްސްޕީރިއަންސް: ކެއިންބުއިމުގެ ޚިދުމަތްތައް މޮޅު އަދި ދިވެހި ރަހަތަކަށް އިސްކަންދޭ ގެސްޓްހައުސްތަކަށް.
  • އިކޯ ފްރެންޑްލީ އެވޯޑް: ތިމާވެށި ރައްކާތެރިކުރުމަށާއި، ކުނި މަދުކުރުމާއި ހަކަތަ ސޭވްކުރުމަށް އިސްކަންދޭ ގެސްޓްހައުސްތަކަށް.
  • ކޮމިއުނިޓީ އިމްޕެކްޓް އެވޯޑް: ރަށުގެ އިޖުތިމާއީ އަދި އިގުތިސާދީ ކުރިއެރުމަށާއި ވަޒީފާގެ ފުރުސަތުތައް ހުޅުވާލުމަށް މަސައްކަތްކުރާ ފަރާތްތަކަށް.
  • ޑިޖިޓަލް ޕްރެޒެންސް އެވޯޑް: ސޯޝަލް މީޑިއާ އާއި ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ވިޔަފާރި އިސްތިހާރުކުރުމުގައި ކާމިޔާބު ފަރާތްތަކަށް.
  • އައިކޮނިކް މެރިން އެންޑް ޑައިވް އެކްސްޕީރިއަންސް އެވޯޑް: ކަނޑުއަޑީގެ ހަރަކާތްތަކާއި ޑައިވިން ޚިދުމަތްތައް ރައްކާތެރިކަމާއެކު، ތިމާވެއްޓަށް ގެއްލުންނުވާ ގޮތަށް ފޯރުކޮށްދޭ ފަރާތްތަކަށް.

އެމްއައިބީން މައުލޫމާތު ދޭގޮތުގައި މި އެވޯޑުތައް ދޭނީ ވަރަށް ދެފުށް ފެންނަ ގޮތަކަށް، ހުށަހަޅާ ހެކިތަކާއި ލިޔެކިޔުންތަކުގެ މައްޗަށް ބިނާކޮށެވެ. އެގޮތުން އެކި ފަންތީގެ ގެސްޓްހައުސްތަކުގެ މެދުގައި އިންސާފުވެރި މުބާރާތެއް ބޭއްވުމަށްޓަކައި ކޮޓަރީގެ އަދަދަށް ބަލައި، ދެ ގްރޫޕަކަށް ޓިއާ ބަހާލައިގެން އެވޯޑުތައް ވަޒަންކުރުމަށް ނިންމާފައިވާ ކަމަށް އެ ބެންކުން ވަނީ ބުނެފައެވެ.

މިގޮތުން ޓިއާ އެކަކަކީ ތިން ކޮޓަރިއާއި 10 ކޮޓަރިއާ ދެމެދުގެ ކުދި ގެސްޓްހައުސްތަކަށް ޚާއްސަ ގުރޫޕެވެ. އަދި ޓިއާ ދެއަކީ 11 ކޮޓަރިން ފެށިގެން މަތީގެ ގެސްޓްހައުސްތަކަށް ޚާއްސަ ގުރޫޕެވެ.

މި އެވޯޑާ ގުޅޭ އިތުރު މައުލޫމާތު އެމްއައިބީގެ ވެބްސައިޓުން ލިބެން ހުންނައިރު، ޚާއްސަ ޕޯޓަލްއެއް މެދުވެރިކޮށް އެވޯޑަށް ފޯމު ހުށަހެޅޭނެއެވެ.

comment ކޮމެންޓް