ޕޮލިސް އޮޕަރޭޝަނުގައި ނިޔާވި އާސިފްގެ އަގުވަޒަން ކުރުމަށް، މަގާމުގެ ކުރިއެރުން ދީފި

މަގާމުގެ ކުރިއެރުން ދީފައިވާ އާސިފް: ފުލުހުން ވަނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގައި އާސިފް އަދާކުރި އިޚުލާސްތެރި ދައުރު ފާހަގަކޮށްފައި -- ފޮޓޯ/ ފުލުހުން

ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ކަނޑުމަތީގައި ހަރަކާތްތެރިވުމުގެ ތެރޭގައި ނިޔާވި ސީނިއާ ސާޖަންޓް އަޙްމަދު އާސިފްގެ ޚިދުމަތުގެ އަގުވަޒަން ކުރުމުގެ ގޮތުން، އޭނާއަށް މިއަދު މަގާމުގެ ކުރިއެރުން ދީފިއެވެ.

ފުލުހުން ބުނީ އާސިފް ދެއްކި ނަމޫނާ މަސައްކަތާއި، މަސައްކަތަށް ބެހެއްޓި ފަރުވާތެރިކަމުގެ އަގުވަޒަންކުރުމުގެ ގޮތުން އޭނާއަށް ސަބް އިންސްޕެކްޓާ އޮފް ޕޮލިސްގެ ރޭންކް މިއަދު އަރުވައިފައިވާ ކަމަށެވެ.

ފުލުހުން ވަނީ އާސިފް ނިޔާވީ ރަސްމީ ވާޖިބު އަދާކުރަމުން ދަނިކޮށްކަން ފާހަގަކޮށް، އޭނާ ވަކިވެދިއުމަކީ މުއައްސަސާއަށާއި، ގައުމަށް ލިބުނު ފުން ހިތާމައެއް ކަމަށް ބުނެފައެވެ.

އެ މަގާމުގެ ކުރިއެރުމަކީ، މުޖުތަމައުގެ އަމަންއަމާންކަން ދެމެހެއްޓުމަށާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގައި އާސިފް އަދާކުރި އިޚުލާސްތެރި ދައުރާއި، ކުރި މަތިވެރި ޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދިން ޝަރަފެއްކަން ފުލުހުން ފާހަގަކުރިއެވެ. އަދި ދިވެހި ފުލުހުންގެ ޚިދުމަތުގައި އާސިފް ދެއްކި ނަމޫނާއާއި، ކޮށްދިން އަގުހުރި ޚިދުމަތްތަކުގެ ހަނދާންތައް އަބަދުވެސް އާކުރާނީ ނުހަނު އިޚުތިރާމާއެކުގައި ކަމަށް އެ މުއައްސަސާއިން ބުންޏެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މީގެ ކުރިން "ސަން" އަށް ވިދާޅުވި ގޮތުގައި، އާސިފް ގެއްލުނީ، ރޭ ދަންވަރު ފުލުހުން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގެ ތެރެއިންނެވެ.

https://sun.mv/223174

އެ ހާދިސާ ސަމާލުކަމަށް އައުމާއެކު އޭނާ ހޯދުމުގެ މަސައްކަތް ވަގުތުން ފެށި ކަމަށާއި އެގޮތުން، ހޯދުމުގެ މަސައްކަތުގެ ތެރެއިން، އާސިފް މޫދު އަޑިން ފެނުނު ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އޭނާގެ ހަށިގަނޑު އއ. މަތިވެރި ސިއްހީ މަރުކަޒަށް ގެންދިޔަ ކަމަށާއި ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ. ނަމަވެސް އެ ހާދިސާ ހިނގިއިރު ފުލުހުން ކުރިއަށްގެންދިޔައީ ކޮން އޮޕަރޭޝަނެއް ކަމެއް, އަދި ކަންކަން ހިނގައި ދިޔައީ ކިހިނެއް ކަމެއް ވެސް މިހާތަނަށް ފުލުހުން ހާމައެއް ނުކުރެއެވެ.

ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ކަނޑުމަތީގައި ހަރަކާތްތެރިވަމުން ދަނިކޮށް ނިޔާވި ސީނިއާ ސާޖަންޓް އަޙްމަދު އާސިފްގެ ޚިދުމަތުގެ އަގުވަޒަންކޮށް، އޭނާއަށް ސަބް އިންސްޕެކްޓާ އޮފް ޕޮލިސްގެ މަގާމުގެ ކުރިއެރުން މިއަދު ވަނީ ދީފައެވެ. ދިވެހި ފުލުހުންގެ މުއައްސަސާއިން ހާމަކުރި ގޮތުގައި މިއީ އޭނާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަދާކުރި އިޚުލާސްތެރި ވާޖިބާއި މަތިވެރި ޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން އެރުވި ޝަރަފެކެވެ.

  • ނިޔާވި ސީނިއާ ސާޖަންޓް އަޙްމަދު އާސިފަށް ސަބް އިންސްޕެކްޓާ އޮފް ޕޮލިސްގެ ރޭންކް ވަނީ ދީފައެވެ.
  • އޭނާ ނިޔާވީ ރޭ ދަންވަރު ފުލުހުން ހިންގި ކަނޑުމަތީގެ އޮޕަރޭޝަނެއްގައި ރަސްމީ ވާޖިބު އަދާކުރަމުން ދަނިކޮށްނެވެ.
  • އާސިފް ހޯދުމަށް ހިންގި މަސައްކަތުގެ ތެރެއިން އޭނާ ފެނިފައިވަނީ މޫދު އަޑިންނެވެ.
  • އއ. މަތިވެރި ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް އޭނާ ވަނީ ނިޔާވެފައެވެ.
  • މި ހާދިސާ ހިނގަން މެދުވެރިވި ސަބަބާއި، ކުރިއަށްގެންދިޔަ އޮޕަރޭޝަނުގެ ތަފުސީލުތައް ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
comment ކޮމެންޓް