ރިޔާސީ އިންތިޚާބެއް ކާމިޔާބުކުރެވޭނީ އެންމެ ޕާޓީއަކަށް ނޫން ކަމަށާއި، އެމްޑީޕީގެ ވިސްނުމާ އެއްގޮތަށް ރާއްޖެ ތަރައްގީކުރަން ބޭނުންވާ ހުރިހާ ޕާޓީތަކަށް މަރުހަބާ ކިޔަން ޖެހޭނެ ކަމަށް، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިރޭ ވިދާޅުވެއްޖެއެވެ.
އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަންކަމަށް ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމްގެ ކެމްޕެއިން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ޞާލިޙް ވަނީ، ފެހި ގާނޫނުއަސާސީގެ ދަށުން މިހާތަނަށް އިންތިޚާބުވީ ހުރިހާ ސަރުކާރެއްވެސް ވެރިކަމަށް އައިސްފައިވަނީ ކޯލިޝަނަކުން ކަން ފާހަގަކުރައްވައިފައެވެ.
އެގޮތުން، ޚުދު އެމަނިކުފާނު ހިމެނިވަޑައިގަންނަވާހެން ކުރީގެ ދެ ރައީސުން ކަމަށްވާ މުޙައްމަދު ނަޝީދާއި ޢަބްދުالله ޔާމީންވެސް ވެރިކަމަށް ވަޑައިގަތީ ކޯލިޝަނަކުން ކަން ޞާލިޙް ފާހަގަކުރެއްވިއެވެ.
"...އަދި ރިޔާސީ އިންތިޚާބެއް ކާމިޔާބުކުރުމުގައި މީއަކީ އެންމެ ޕާޓީއަކަށް ކުރެވޭ ވަރުގެ ކަމެއްނޫން އަދިއެއް، އަޅުގަނޑުމެންގެ ވިސްނުމާ އެއްގޮތަށް މި ރާއްޖެ ތަރައްގީކުރަން ބޭނުންވާ އެންމެންނަށް އަޅުގަނޑުމެން މަރުހަބާކިޔަން ޖެހޭނެ،" ޞާލިޙް ވިދާޅުވިއެވެ.
ޞާލިޙް ވިދާޅުވީ، ވަށައިގެން ތިބި މީހުން ހަމައެކަނި ކައިރިކޮށްގެން އިންތިޚާބު ކާމިޔާބެއް ނުކުރެވޭނެ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ، މިވަގުތު އެމްޑީޕީގައި 60،000އެއްހާ މެންބަރުން ތިބިއިރު، ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމަށްޓަކައި އޭގެ އިތުރަށް 91،000 އެއްހާ ވޯޓު އިތުރަށް ބޭނުންވާ ކަމަށެވެ. ޞާލިޙް ވިދާޅުވިގޮތުގައި، އެ ވޯޓުތައް ހޯދޭނީ ކޯލިޝަނުގެ ބައިވެރިން ގަބޫލުކުރާ ވިސްނުމަކާއި އެ މީހުން ގެންގުޅޭނެ ކަމުގެ ޔަގީންކަން އޮތް ސިޔާސަތާ އެކީއެވެ.
އެމްޑީޕީގައި އެތައް ސިޔާސީ ލީޑަރުންނެއް ތިބިކަން ފާހަގަކުރައްވައި، އެ ޕާޓީގެ ޓިކެޓުގައި ރިޔާސީ އިންތިޚާބަށް ވާދަކުރަން ބޭނުންވާ ގިނަ ކެންޑިޑޭޓުން އެބަ ތިބި ކަމަށް، ޞާލިޙް ވިދާޅުވިއެވެ.
އެއަށްފަހު ޞާލިޙް ވަނީ، 2018ވަނަ އަހަރު އޭރު ސޮއިކުރި ކޯލިޝަން އެއްބަސްވުމަށް އަލިއަޅުވައިލައްވައިފައެވެ. އެގޮތުން ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމާއި ކުރީގެ ދެ ރައީސުން ކަމަށްވާ މައުމޫން ޢަބްދުލްޤައްޔޫމާއި މުޙައްމަދު ނަޝީދުގެ އިތުރުން އަދާލަތު ޕާޓީގެ ރައީސް ޢިމްރާން ޢަބްދުالله އާ އެކީ ސޮއިކުރެއްވި އެއްބަސްވުމުގައި މަގާމުތައް ބަހާނެ ގޮތާއި ސަރުކާރު ހިންގާނެ ގޮތާއި މަޖިލީހުގެ މެންބަރުން ބަހާނެ ގޮތާ ހަމައަށް އަމަލުކުރާނެ ގޮތް ބަޔާންކޮށްފައިވާނެ ކަމަށް، ޞާލިޙް ވިދާޅުވިއެވެ.
"އަޅުގަނޑު އަމިއްލައަށް ދިން މަގާމެއް އެހެން ޕާޓީއަކަށް ނޯންނާނެ،" ޞާލިޙް ވިދާޅުވިއެވެ.