ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ އައްޑޫ ހިތަދޫ އުތުރު ދާއިރާގެ އައު މެންބަރު ކަމަށް އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓު އަދި އައްޑޫގެ ކުރީގެ މޭޔަރު ޢަބްދުالله ޞާދިޤް (ސޯބެ) އިންތިޚާބުވީ ކުޑަ ތަފާތަކުން ކަމަށާއި، މިއީ ސަރުކާރަށް ލިބުނު ކާމިޔާބެއް ގޮތަށް ވެރިކަންކުރާ ޕީއެންސީން ސިފަކޮށްފިއެވެ.
މިއަދު ބޭއްވި ބައި-އިލެކްޝަންގެ ނަތީޖާ ދައްކާ ގޮތުން، އިންތިޚާބުގައި ވޯޓުލީ 2،730 މީހުންގެ ތެރެއިން ސޯބެއަށް ލިބުނީ 1،375 ވޯޓެވެ. އަދި ވެރިކަންކުރާ ޕީއެންސީގެ ފަރާތުން ވާދަކުރެއްވި ހިތަދޫ މޫލެކެޑެ ދާއިރާގެ ކުރީގެ ކައުންސިލަރު އަޙްމަދު ސަޢީދު (ސޮޑާ)އަށް ލިބުނީ 1،313 ވޯޓެވެ.
ސާޅީސް ދެ ބާތިލު ވޯޓު ވެސް އޭގެ ތެރޭ ހިމެނުނެވެ.
އެހެންކަމުން، އިލެކްޝަންސް ކޮމިޝަނުގެ ނަތީޖާ ދައްކާ ގޮތުން، ސޯބެ މި އިންތިޚާބު ކާމިޔާބުކުރެއްވީ 62 ވޯޓުގެ ތަފާތުންނެވެ.
ވަކިވަކި ފޮށިތަކަށް ބަލާއިރު، އިންތިޚާބުގައި ބެހެއްޓި ހަތް ފޮށީގެ ތެރެއިން ހަތަރު ފޮށްޓަކުން ކުރި ހޯދީ ސަޢީދެވެ. ސޯބެއަށް ކުރި ލިބުނީ ތިން ފޮށިންނެވެ.
މި ސަރުކާރުގެ އާޓްސް މިނިސްޓަރު ހީނާ ވަލީދު ފޭސްބުކްގައި ލިޔުއްވި ޕޯސްޓެއްގައިވަނީ، އައްޑޫގައި ބަހައްޓައިފައި ހުރި ފޮށިތަކުން ސަޢީދަށް ކުރި ލިބުނުކަން ފާހަގަކުރައްވައިފައެވެ.
"ތިން ރައީސުންގެ ތާއީދާއެކު 62 ވޯޓުގެ ތަފާތަކީ އުއްމީދީ ނަތީޖާއެއް،" ސޯބެއަށްވެސް މަރުހަބާ ދަންނަވައި، ހީނާ ކުރެއްވި އެ ޕޯސްޓުގައިވެއެވެ.
މީގެ އިތުރުން، ޕީއެންސީގެ ހިތަދޫ މެދު ދާއިރާގެ ނައިބު ރައީސް ޙުސައިން ރަޝީދު 'ފޭސްބުކް'ގައި ކުރެއްވި ޕޯސްޓެއްގައިވަނީ، އައްޑޫ ހިތަދޫ އުތުރުގެ ބައި-އިލެކްޝަންގެ ނަތީޖާއަކީ ކުރީގެ ތިން ރައީސުންނާ ވާދަކުރައްވައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހޯއްދެވި "ތާރީޚީ" ކާމިޔާބެއްގެ ގޮތުގައި ސިފަކުރައްވައިފައެވެ.
އަދި ޕީއެންސީގެ ބައެއް އެކްޓިވިސްޓުން ވަނީ، ހިތަދޫގައި ބެހެއްޓި ވޯޓުފޮށިތަކުން ކާމިޔާބު ހޯއްދަވައިފައިވަނީ ސަޢީދުކަން ފާހަގަކުރައްވައިފައެވެ.
ފާހަގަކުރެވޭ ގޮތުގައި، ކުރީގެ ދެ ރައީސުން ކަމަށްވާ މުޙައްމަދު ނަޝީދާއި އިބްރާހީމް މުޙައްމަދު ޞާލިޙްގެ އިތުރުން، ސޯބެއަށް ތާއީދުކުރައްވާކަން ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމް ވަނީ ހާމަކުރައްވައިފައެވެ.
ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ، އެ ގޮނޑި ފުރުއްވަމުން ގެންދެވި ކުރީގެ މެންބަރު މުޙައްމަދު ސިނާން (ސިނާ) އާއި އިތުރު ބަޔަކު އިސްލާމިކް ބޭންކުން ނަގާފައިވާ 3.8 މިލިއަން ރުފިޔާގެ ލޯނެއް ނުދެއްކުމުގެ ސަބަބުން، އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން މިދިޔަ އޭޕްރީލް މަހުގެ 12ވަނަ ދުވަހު ކަނޑައެޅުމާ ގުޅިގެންނެވެ.
ފާހަގަކުރެވޭ ގޮތުގައި އައްޑޫ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނާ ސަރުކާރުން ކުރިމަތިލީ މިދިޔަ އޭޕްރިލް މަހު ބޭއްވި ކައުންސިލް އިންތިޚާބާއި، މައި ދެ އިންތިޚާބު އެއްކޮށްލުމާ ގުޅޭ ގޮތުން ނެގި ޚިޔާލު ހޯދުމުގެ ވޯޓުގައި ކުރިމަތިވި ބޮޑު ނާކާމިޔާބީއަށް ފަހެވެ.
ސޯބެ ހިތަދޫ އުތުރުގެ ގޮނޑި ކާމިޔާބުކުރެއްވުމުން، ދެން މަޖިލީހުގައި އިދިކޮޅު އެމްޑީޕީގެ 13 މެންބަރުން ތިއްބަވާނެއެވެ. އެއާއެކު، ދެން މަޖިލީހުގައި ޕީއެންސީ ތަމްސީލުކުރައްވާނީ 74 މެންބަރުންނެވެ.