އިންޑިއާގެ ބަތަލާ އަދި މިހާރުގެ ސިޔާސީ ލީޑަރު ކަންގަނާ ރަނައުތު އެ ޤައުމުގެ ތާރީޚީ ވާހަކަތަކެއް ކިޔައިދޭ ފިލްމު "ބާރަތު ބާގިޔާ ވިދާތާ"ގެ ފުރަތަމަ މޯޝަން ޕޯސްޓަރު ދައްކާލައިފިއެވެ.
"ދަ އަންސީން ހީރޯސް"ގެ ނަމުގައި ނެރުނު މި މޯޝަން ޕޯސްޓަރަކީ، އަޅުގަނޑުމެންގެ ވަށައިގެން އަބަދުވެސް އުޅޭ، ނަމަވެސް ގިނަ ފަހަރަށް މީހުންގެ ސަމާލުކަން ނުލިބޭ ފަރާތްތަކަށް އިޙުތިރާމް ކުރުމުގެ މަގްސަދުގައި އެ ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ނެރުނު ޕޯސްޓަރެކެވެ.
މި މޯޝަން ޕޯސްޓަރުން ދައްކުވައިދެނީ އާންމު ދިރިއުޅުމުގެ ތެރެއިން ފެންނަ ކެރޭ ބަތަލުންނެވެ. އޭގެ ތެރޭގައި ނަރުހުން، ވޯޑު ބޯއިން، ކްލީނަރުން، ލިފްޓް އޮޕަރޭޓަރުން، ސެކިއުރިޓީ މުވައްޒަފުން އަދި އެޑްމިނިސްޓްރޭޓަރުން ހިމެނެއެވެ.

ފިލްމު "ބާރަތު ބާގިޔާ ވިދާތާ"ގެ މަންޒަރެއްގައި ބަތަލާ ކަންގަނާ--ފޮޓޯ/ބޮލީވުޑްހަންގާމާ
މިއީ އަޅުގަނޑުމެން ކޮންމެ ދުވަހަކު ބައްދަލުވާ، ނަމަވެސް މާބޮޑު އަހައްމިއްޔަތުކަމެއް ނުދެވޭ މޫނުތަކެކެވެ. ރަށުތެރޭގައި ބިރުވެރިކަން ފެތުރޭ ވަގުތު، އަމިއްލަ ނަފުސަށްވުރެ ޒިންމާ އިސްކޮށް، ހޮސްޕިޓަލުގެ ފާރުތަކުގެ އެތެރޭގައި ޚިދުމަތް ދިނުމުގައި ދެމިތިބެނީ މި މޫނުތައްކަން ފިލްމު "ބާރަތު ބާގިޔާ ވިދާތާ"ގެ ޕޯސްޓަރުން ދައްކުވައިދެއެވެ.
މި ފިލްމާ ބެހޭގޮތުން ކަންގަނާ ބުނީ، ބާރަތު ބާގިޔާ ވިދާތާ އަކީ ކާރިސާތަކުގެ ވަގުތު އިންސާނިއްޔަތުކަމުގެ އައްޑަނައަކަށްވެ، ޚިދުމަތުގައި ދެމިތިބޭ މީހުންނަށް އަރުވާ އިޙުތިރާމެއް ކަމަށެވެ.
މުސީބާތެއް ކުރިމަތިވުމުން އަޅުގަނޑުމެން އާންމުކޮށް އުއްމީދު ކުރަނީ ސަލާމަތީ ބާރުތަކަށް ކަމުގައިވީ ނަމަވެސް، މި ފިލްމަކީ ދުނިޔެ ނުރައްކަލުގެ ތެރޭގައި އޮންނައިރު އެއްވެސް މީހެއްގެ ސަމާލުކަން ނުލިބޭ ޔުނީފޯމުތަކަށް ދެވޭ ހަދިޔާއެއް ކަމަށް ކަންގަނާ ވަނީ ބުނެފައެވެ.
އެއީ ލޭގެ ކުލަ ޖެހިފައިވާ އޭޕްރަންތަކާއި، ހޮސްޕިޓަލުގެ ހެދުންތަކުގައި ތިބޭ މީހުން ކަމަށާއި ހަގީގީ ހިތްވަރަކީ މެޑެއްޔަކަށް ނުވަތަ ތައުރީފަކަށް ބަލައިގެން ކުރާ ކަމެއް ނޫންކަމުން އެފަދަ ހިތްވަރުގަދަ ޝަހްސިއްޔަތުންގެ ވާހަކަ މި ފިލްމު މެދުވެރިކޮށް ގެނެސްދެވުމަކީ ލިބޭ ވަރަށް ބޮޑު ފަޚުރެއްގެ ގޮތުގައި ކަންގަނާ ވަނީ ސިފަކޮށްފައެވެ.
މަނޯޖް ތަޕާޑިއާ ލިޔެ، ޑައިރެޓްކޮށްފައިވާ މި ފިލްމު ބެލުންތެރިންނަށް ގެނެސްދޭނީ އަންނަ މަހުގެ 12 ވަނަ ދުވަހެވެ.