ކެމްޕޭނުތަކުގައި އަބަދު ވެސް އާންމުންގެ ސަމާލުކަން ހޯދަން ތަފާތު އުކުޅުތައް ބޭނުންކުރެއެވެ. ޒަމާން ބަދަލުވަމުން އައިސް، މިއަދު ސިޔާސީ ލީޑަރުންނަށް ހަމައެކަނި ބޮޑެތި ޕޯޑިއަމްތަކުގައި ތިއްބަވައިގެން ދެއްވާ ދިގު ތަގުރީރުތަކުން ފުއްދާލެވެން ނެތްކަން ވަރަށް ސާފެވެ.
އާންމުން ބޭނުންވަނީ ހަމައެކަނި ސިޔާސަތުތަކެއް ނޫނެވެ. އެ މީހުން ބޭނުންވަނީ އެ މީހުންގެ ދިރިއުޅުމުގެ އާދަކާދަތައް ދަންނަ، އެ މީހުންނާ ގުޅޭ، އަދި އާދައިގެ ދިރިއުޅުމުގެ ތެރެއިން ފެންނަ ލީޑަރުންނެވެ. އަދި، އެކަން އެ މީހުންނަށް އަންގައިދޭން ޖެހެނީ މަންޒަރުތަކުންނެވެ.
އެކަން އެންމެ ރަނގަޅަށް ދެނެގަނެގެން ހުންނެވި އެއް ބޭފުޅަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.
އާންމުންގެ ސަމާލުކަން ދަމަައިގަންނަން އެ މަނިކުފާނު ވަރަށް ތޫނުފިލިވާނެއެވެ. މިޒާޖުގައި ވެސް މީހުންގެ ތެރޭގައި އުޅުއްވުމަށް ލޯބިކުރައްވާ ކަމަށް މީގެ ކުރިން އެކިއެކި އިންޓަވިއުތަކުގައި ވިދާޅުވެފައިވެއެވެ. އެ މަނިކުފާނު ބޭނުންފުޅުވަނީ ގޭގެއަށް ޒިޔާރަތްކޮށްލާ، އާންމުންނާ ބައްދަލުވެލައި، މީހުންގެ ތެރޭގައި ވުމަށް ކަމަށް އެއް ފަހަރަށްވުރެ ގިނައިން ވިދާޅުވެފައިވެއެވެ.
އެމްޑީޕީގެ ޗެއާޕާސަންކަމަށް ކުރައްވާ ކެމްޕޭންގެ ތެރެއިން ވެސް ފެންނަނީ އެ ފަދަ މަންޒަރުތަކެވެ.
މިއަދު މި ފެނުނީ އަދި މާ ހެއްވާ ފަދަ ވީޑިއޯއެކެވެ. ރ. އަތޮޅަށް ކުރައްވަމުން ގެންދަވާ ކެމްޕޭންގެ ތެރެއިން އެ މަނިކުފާނު ހުންނެވީ ރޮށި ދަމާށެވެ. ފެންނަ ފެނުމަށް ނުފަރިތައެއް ވެސް ނޫނެވެ. އެ މަނިކުފާނު ފުއްގަނޑު ނަންގަވައި، ރޮށި ދަމާތަން އެމްޑީޕީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓުން އާންމުކުރައްވާފައި އެބައޮތެވެ.
"އަސްލުގައި އަޅުގަނޑުމެންނަކަށް ނޭނގޭ އަނބުރާކަށް. އަޅުގަނޑުމެން މަންމަމެން ހަދާއިރުގައި މީތި [ރޮށި ދަމާ އެތި] އެނބުރެމުން އެނބުރެމުން ދެއެއް ނޫންތޯ؟... އަޅުގަނޑުމެން ނުފަރިތަކަމުންނޭ އެހެން އެވަނީ،" ރޮށިދަމަން ހުންނަވައިގެން އެ މަނިކުފާނު ވިދާޅުވެއެވެ.
އަތްޕުޅުގައި ފުށް ހާކައިގެން، ފިލާގަނޑުމަތީގައި ރޮށި ދަމަން ހުންނެވި މަންޒަރުން ދައްކައިދޭން ބޭނުންފުޅުވަނީ އެ މަނިކުފާނަކީ "އެލީޓް" ނުވަތަ މަތީ ފަންތީގެ ބޭފުޅެއް ނޫން ކަމާއި، އާންމު ރައްޔިތުމީހާގެ ދިރިއުޅުމުގެ ތަކުލީފުތަކާއި އުފާތައް އެ މަނިކުފާނަށް ވެސް އިހުސާސްކުރެއްވޭ ކަމެވެ. އެ މަނިކުފާނުގެ ނިޔަތެއް ނުވަތަ، އެކަން ކުރައްވާ ސަބަބެއް ނޭނގެއެވެ. އެނގޭ ކަމަކީ މިއީ ވަރަށް ބޮޑު ސަމާލުކަމެއް ލިބޭ ކަމެއް ކަމެވެ.
އެ ވީޑިއޯ އެކަންޏެއް ނޫނެވެ. މިދިޔަ ދުވަސްތަކުގައި އެފަދަ ކިތަންމެ މަންޒަރެއް ފެނިއްޖެއެވެ.
އިހަށް ދުވަހު ރައްޓެއްސަކު ވެސް އެ ފަދަ އެހެން ވީޑިއޯއެއް ހިއްސާކުރިއެވެ. އެ ވީޑިއޯ ހުޅުވާލިއިރު އަދި މާ ހިނިއައެވެ. ގެއެއްގައި ކުޑަކުއްޖަކަށް ކާންދެއްވަން އިންނެވީ ކާކުކަން އެނގޭ ހެއްޔެވެ؟ ކުރީގެ ރައީސް ނަޝީދެވެ.
އެއް ބަޔަކަށް އެކަން ކަމުދިޔައިރު، އަނެއް ބަޔަކަށް ކަމަކު ނުދެއެވެ.

ނަޝީދާއި ޞާލިޙް އެއް ތައްޓަކުން ފަރިއްކުޅުވަނީ: މިއީ ވަރަށް ވައިރަލްވި ވީޑިއޯއެއް -- ފޮޓޯ/ ހުސައިން ޝާފިއު - އެކްސް
ހަނދާންވީ އޭގެ ދުވަސްކޮޅެއް ކުރިން އެމްޑީޕީގެ ހަރުގެ ޖަލްސާއެއް ނިންމަވާލެއްވުމަށް ފަހު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙާއި ނަޝީދު އެއް ތައްޓަކުން ފަރިއްކުޅުވާ ވީޑިއޯ މަތިންނެވެ. އެ ވީޑިއޯ ވެސް ވަރަށް ބޮޑަށް ވައިރަލްވިއެވެ. މި ފަހުން ވަރަށް ބޮޑަށް ސިޔާސީ ގޮތުން ޚިޔާލު ތަފާތު ދެ ރައީސުން އެއް ތައްޓަކުން ފަރިއްކުޅުވަން ތިއްބެވީމައެވެ.
ވިދާޅުވު ނުވި ކަމުގައިވިޔަސް، "އަޅުގަނޑުމެންގެ މެދުގައި މައްސަލައެއް ނެތް"ކަން އާންމު މެންބަރުންނަށް އަންގައިދިނުމަށް ދިން ވަރުގަދަ ސިގްނަލެކެވެ. މިއީ ސިޔާސީ ބްރޭންޑިންގައި ބޭނުންކުރާ "ވިޝުއަލް ކޮމިއުނިކޭޝަން" ނުވަތަ މަންޒަރުން މުވާސަލާތުކުރުމުގެ އެންމެ ފުރިހަމަ އެއް މިސާލެވެ.
އެ އެކަންޏެއް ނޫނެވެ.
މާލޭގެ މަގެއް މަތިން ދިމާވި ތުއްތު ކުއްޖަކާ ވާހަކަދައްކަވަން ހުންނެވި ވީޑިއޯ ވެސް ހަމަ އެހާ ތަފާތެވެ. އެ ކުއްޖާއާ ވާހަކަފުޅު ދެއްކެވިލެއް ގާތްކަމާއި އެކުވެރިކަމުންނެވެ.
"މިއީ ކާކު ލިޔެފައި؟ ކޮއްކޮ ލިޔެފައި؟" ކުޑަކުއްޖާގެ އަތުގައި އޮތް ފޮތެއް ބައްލަވަމުން ނަޝީދު އެ ކުއްޖާއާ ސުވާލުކުރިއެވެ.
"ވެރީ ގުޑް. އަސްލުގައި ވެސް؟ ހާދަ ރަނގަޅޭ،" އެ ކުއްޖާ ބޯޖަހައިލުމުން ނަޝީދު ވިދާޅުވިއެވެ.
ފަސް އަހަރުގެ އެ އަންހެން ކުއްޖާއާ އެ މަނިކުފާނު ވާހަކަދެއްކެވި ވީޑިއޯއަށް ވެސް ވަރަށް ބޮޑު ސަމާލުކަމެއް ލިބުނެވެ. މިއީ އެ މަނިކުފާނުގެ ކެމްޕޭންތަކުގައި އަބަދު ވެސް ފެންނަ މަންޒަރެކެވެ. މި ފަދަ ވީޑިއޯތަކާއި ފޮޓޯތައް ނުފެންނަ ނަމަ، ހަގީގަތުގައި ނަޝީދުގެ ކެމްޕޭނެއްހެން ވެސް ހީނުވާނެއެވެ.
ދައްކުވައިދޭން ބޭނުންފުޅުވަނީ އޯގާތެރިކަމާއި، މުސްތަގުބަލުގެ ޖީލުތަކަށް ދެއްވާ އަހައްމިއްޔަތުކަމެވެ. ސިޔާސީ ލީޑަރުން ކުޑަކުދިންނާ އެކު ފެނުމަކީ، އެ ބޭފުޅުންގެ ކިބައިގައިވާ އިންސާނީ ސިފަތައް (ހިއުމަން އެލެމެންޓް) އާންމުންނަށް ދައްކައިދީ، އާއިލާތަކުގެ ތާއީދު ހޯދުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވެސް ކެމްޕޭނުތަކުގައި ބޭނުންކުރާ ކާމިޔާބު ސްޓްރެޓެޖީއެކެވެ
މިއީ އާންމު ވޯޓުލާ މީހުންގެ ޖަޒުބާތާ ކުޅެލުމަށްޓަކައި، ވަރަށް ފަރުވާތެރިކަމާ އެކު ރޭވިގެން، ސިޔާސީ ބްރޭންޑިންގެ ތެރެއިން އެހެން ގައުމުތަކުގައި ވެސް ސިޔާސީ ބޭފުޅުން ކުރައްވާ ކަމަކެވެ.
އަދި، ދޮށީ އުމުރުގެ މީހުންނާ އެކު ވަގުތު ހޭދަކުރައްވައި، އެ މީހުންގެ ވާހަކަތައް އައްސަވަން ހުންނެވި މަންޒަރުތަކަކީ ވެސް ކެމްޕޭނުގެ މުހިންމު ބައެކެވެ. ދިވެހި މުޖުތަމައުގައި ދޮށީ އުމުރުގެ މީހުންނަކީ ނުހަނު ގަދަރުވެރި، އަދި އާއިލާތަކުގެ ނިންމުންތަކަށް ނުފޫޒު ފޯރުވޭ ފަދަ ބައެއް ކަމަށްވާއިރު، އެ މީހުންނަށް އިހުތިރާމު އަދާކުރުމުގެ ގޮތުން އެކުގައި ވަގުތު ހޭދަކުރުމަކީ ވޯޓު ހޯދުމަށް މުހިންމު ކަމެކެވެ.
ސިޔާސީ މުވާސަލާތުގެ ދާއިރާގެ ތަޖުރިބާކާރުން ބަޔާންކުރާ ގޮތުގައި، މިފަދަ މަންޒަރުތަކުން އާންމުންގެ ސިކުނޑިތަކަށް ކުރާ އަސަރު، ދިގު ސިޔާސަތުތައް ލިޔެފައިވާ ކަރުދާސްތަކަށްވުރެ މާ ބޮޑެވެ.
އިންސާނުންގެ ސިކުނޑި އުފެދިފައިވާ ގޮތުން ލިޔެފައިވާ ލަފުޒުތަކަށްވުރެ ބޮޑަށް، ޖަޒުބާތާ ގުޅިފައިވާ މަންޒަރުތައް ހަނދާނުގައި ހަރުލުން ފަސޭހައެވެ. ރޮށި ދެމުމާއި، ކުޑަކުދިންނަށް ކާންދިނުން ފަދަ ކަންކަމަކީ ކޮންމެ އިންސާނަކަށް ވެސް އެ ކަންކަމާ ގުޅިފައިވާ އަމިއްލަ ތަޖުރިބާތަކެއް ހުންނަ ކަންކަމެވެ. އެހެންވެ، ސިޔާސީ ލީޑަރަކު އެފަދަ ކަމެއް ކުރައްވަނިކޮށް ފެނުމުން، އާންމު ރައްޔިތުމީހާއަށް އެ ލީޑަރަކީ "އަހަރެމެން ފަދަ އާދައިގެ މީހެއް"ކަމުގެ އިހުސާސް ކުރެވެއެވެ.
މިފަދަ އުކުޅުތަކަށް އިނގިރޭސި ބަހުން ކިޔަނީ "ރީޓެއިލް ޕޮލިޓިކްސް"އެވެ. މީގެ މާނައަކީ، ބޮޑެތި ޖަލްސާތަކުގައި ގިނަ ބަޔަކާ އެއްފަހަރާ މުހާޠަބުކުރުމުގެ ބަދަލުގައި، ވަކިވަކި ފަރުދުންނާ ނުވަތަ ކުދި ގްރޫޕުތަކާ ގާތުން ބައްދަލުކޮށް، އެ މީހުންގެ ދިރިއުޅުމުގެ އާދައިގެ ކަންކަމުގެ ތެރެއިން ގުޅުން ބަދަހިކުރުމެވެ.
މި ފަދަ ސިޔާސީ އިލްމުވެރި ހަރަކާތްތައް ރާއްޖޭގައި އެންމެ ފުރިހަމައަށް ހިންގަވާ އެއް ބޭފުޅަކީ ނަޝީދެވެ. އެ މަނިކުފާނުގެ ކޮންމެ ކެމްޕޭނަކީ މި ފަދަ ސްޓްރެޓީޖިކް ކެމްޕޭނެކެވެ. ބައެއް މީހުންނަށް އެކަން ވަރަށް ކަމުދެއެވެ. އެކަމަކު، އަނެއް ބަޔަކަށް އެއީ ކަން ދެއްކުމެވެ.