މުއްދަތު އިތުރުނުކުރާނެ ކަމަށް ކުރިން ވިދާޅުވި ނަމަވެސް، މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ފުލެޓާއި ގޯއްޗަށް ފޯމު ހުށަހެޅުމުގެ މުއްދަތު މިއަދު އިތުރުކޮށްފިއެވެ.
ކުރިން ގޯއްޗާއި ފުލެޓަށް ކުރިމަތިލާން ދިން ސުންގަޑި ހަމަވާނީ މި މަހުގެ ނިޔަލަށެވެ. އޭގެ ކުރިން، މިދިޔަ އޭޕްރީލް މަހު ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ ފުލެޓާއި ގޯއްޗަށް ކުރިމަތިލުމުގެ މުއްދަތު އިތުރުނުކުރާނެ ކަމަށް ވިދާޅުވެފައެވެ.
ނަމަވެސް، މިއަދު ހައުސިން މިނިސްޓްރީން ކުރި އިއުލާނެއްގައި ވަނީ އަންނަ މަހު 15 23:59ގެ ނިޔަލަށް އެ މުއްދަތު އިތުރުކޮށްދީފައެވެ.
އިއުލާނުގައި ބުނި ގޮތުގައި، ގޯއްޗާއި ފުލެޓަށް ކުރިމަތިލާން މުއްދަތު އިތުރުކޮށްދިނީ، އަޟްހާ އީދު ބަންދާ ގުޅިގެން ސަރުކާރު ބަންދުވެފައިވާތީ ފޯމު ފުރަން ބޭނުންވާ ލިޔެކިޔުންތައް ހަމަކުރުމުގައި ދަތިތައް ދިމާވާ ކަމަށް ބުނެ، ޝަކުވާ ހުށަހަޅަމުންދާތީ ކަމަށެވެ.

ގޯތިތަކާ މީހުން ހަވާލުވަނީ: ގޯއްޗާއި ފުލެޓަށް ކުރިމަތިލުމުގެ މުއްދަތު އަނެއްކާ ވެސް ވަނީ އިތުރުކޮށްފައި --- ފޮޓޯ/ ހައުސިން މިނިސްޓްރީ
ފާހަގަކޮށްލެވޭ ގޮތުގައި، ގޯއްޗާއި ފުލެޓަށް ކުރިމަތިލުމުގެ މުއްދަތު ފުރަތަމަ އިތުރުކުރީ، މިދިޔަ މަހުގެ ހަތަރުވަނަ ދުވަހު އޮތް މުހިންމު އިންތިޚާބުތަކަށް ތައްޔާރުވަމުންދިޔަ ދަނޑިވަޅެއްގައެވެ.
ފާއިތުވި މުއްދަތުގައި ގޯއްޗާއި ފުލެޓަށް ހުށަހެޅުމުގެ ޝަރުތުތަކަށް އެކި ބަދަލުތައް ގެނެސްފައިވެއެވެ. އެ ބަދަލުތައް ގެންނަނީ، ފޯމް ހުށަހެޅުމުގެ މުއްދަތު ހަމަވާން ގާތްވެފައިވަނިކޮށް ކަމަށް ބުނެ ސަރުކާރަށް ފާޑުކިޔުން ވެސް އަމާޒުވިއެވެ.
ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ބޯހިޔާވަހިކަމުގެ ފުރަތަމަ ސްކީމަށް ހުށަހެޅުމުގެ ފުރުސަތު ހައުސިން މިނިސްޓްރީއިން ހުޅުވާލީ ނިމިދިޔަ ޖަނަވަރީ މަހުގެ 18 ވަނަ ދުވަހެވެ. އެ ޕްރޮގްރާމުގެ ދަށުން 7،900 ފްލެޓާއި 15،000 ގޯތި ދޫކުރަން ސަރުކާރުން ވަނީ ނިންމާފައެވެ.
އޭގެ ތެރެއިން 4،000 ފްލެޓު ދިނުމަށް ހަމަޖެހިފައި ވަނީ މާލޭގެ ރަށްވެހިންނަށެވެ. އަދި، މާލޭގައި ރަށްވެހިވެފައިނުވާ މާލޭގައި ދިރިއުޅެމުން އަންނަ މީހުންނަށް 1،500 ޕްލެޓު ދިނުމަށް ނިންމާފައިވާއިރު ބާކީ 2،400 ފްލެޓު ދިނުމަށް ނިންމާފައިވަނީ ސަރުކާރުން ކަނޑައަޅާފައިވާ ޚާއްސަ ކެޓަގަރީތަކަށެވެ.