2024ގައި ހަދިޔާކުރި 7.6 މިލިއަން ޑޮލަރުގެ ޑައިވިން ސާމާނުން އޮޕަރޭޝަނަށް ފަސޭހަވިކަމަށް އުންމީދުކުރަން: ޖަޕާން

2024 ވަނަ އަހަރު ޖަޕާން ސަރުކާރުން ރާއްޖޭގެ ކޯސްޓުގާޑަށް ހަދިޔާކުރި 7.6 މިލިއަން ޑޮލަރުގެ ޑައިވިން ސާމާނު --

ދިވެހިރާއްޖޭގައި ހުންނަވާ ޖަޕާނުގެ ސަފީރު އިޝިގާމީ ރުމިކޯ ވަނީ، 2024 ވަނަ އަހަރު ޖަޕާނުން ދިވެހި ކޯސްޓުގާޑަށް ހަދިޔާކުރި 7.6 މިލިއަން ޑޮލަރުގެ ޑައިވިން ސާމާނުގެ ސަބަބުން މިހާރު ކުރިއަށްދާ އޮޕަރޭޝަންތަކަށް ބޮޑު ލުޔެއް ލިބޭނެކަމަށް އުންމީދުކުރައްވާކަން ހާމަކުރައްވާފައެވެ. މިއީ ފަތުރުވެރިންތަކެއް ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފްގެ ސިފައިންގެ ބޭކަލަކު ނިޔާވި ހިތާމަވެރި ހާދިސާއާ ގުޅިގެން ދެއްވި ބަޔާނެކެވެ. މި އެހީގެ ތެރޭގައި ޑައިވަރުންނަށް ދިމާވާ ސިއްހީ ނުރައްކާތަކަށް އަވަސް ފަރުވާ ދިނުމަށް ބޭނުންކުރާ ޕޯޓަބަލް ޗެމްބަރާއި ޒަމާނީ އެހެނިހެން އާލާތްތައް ހިމެނެއެވެ. މިކަމާ ގުޅިގެން، ކަނޑު އަޑީގެ ފުން ސަރަހައްދުތަކުގައި މަސައްކަތްކުރުމަށް ސިފައިންގެ ފަންނީ ގާބިލުކަން އިތުރުކުރުމުގެ ގޮތުން 100 މީޓަރަށް ފީނުމުގެ ތަމްރީނު ޕްރޮގްރާމެއް ފެށުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

  • ޖަޕާނުން 2024 ވަނަ އަހަރު ވަނީ 7.6 މިލިއަން ޑޮލަރުގެ އަގުހުރި ޑައިވިން ސާމާނު އެމްއެންޑީއެފަށް ހަދިޔާކޮށްފައެވެ.
  • މި ތަކެތީގެ ތެރޭގައި ޑައިވަރުންނަށް އަވަސް ފަރުވާ ދިނުމަށް ބޭނުންކުރާ ޕޯޓަބަލް ޗެމްބަރު ފަދަ ޒަމާނީ ވަސީލަތްތައް ހިމެނެއެވެ.
  • ކަނޑުމަތީގެ އޮޕަރޭޝަނެއްގައި ސިފައިންގެ މީހަކު ނިޔާވުމާ ގުޅިގެން، ފުން ސަރަހައްދުތަކަށް ފީނުމުގެ ގާބިލުކަން އިތުރުކުރުމުގެ މުހިންމުކަން ވަނީ ބޮޑުވެފައެވެ.
  • މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން 100 މީޓަރަށް ޑައިވްކުރެވޭ ފެންވަރަށް ސިފައިން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް ފެށުމަށް ވަނީ ނިންމާފައެވެ.

ކަނޑުމަތީގެ ނުރައްކާތެރި އޮޕަރޭޝަނެއްގެ ތެރޭގައި އެމްއެންޑީއެފްގެ ސިފައިންގެ ބޭކަލަކު ނިޔާވި ހާދިސާއާ ގުޅިގެން، ޖަޕާނުން ރާއްޖެއަށް ހަދިޔާކުރި ޑައިވިން ސާމާނުގެ ބޭނުން މިފަދަ އޮޕަރޭޝަންތަކުގައި ހިފަމުންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމިކޯ އިއްޔެ ވިދާޅުވެއްޖެއެވެ.

ސަފީރު އިޝިގާމީ އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، 2024 ވަނަ އަހަރު ޖަޕާން ސަރުކާރުން ރާއްޖޭގެ ކޯސްޓުގާޑަށް ހަދިޔާކުރި 7.6 މިލިއަން ޑޮލަރުގެ ޑައިވިން ސާމާނުގެ ސަބަބުން، މިހާރު ކުރިއަށްދާ އޮޕަރޭޝަންތަކަށް ފަސޭހަވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

ޑިސެމްބަރު 17، 2024 ގައި ޖަޕާނުން ހަދިޔާކުރި މި އެހީގެ ތެރޭގައި، ޑައިވް ކުރުމުގެ ތެރޭގައި ދިމާވާ "ޑިކޮމްޕްރެޝަން ސިކްނެސް" ނުވަތަ ބެންޑުވުމުގެ ހާލަތްތަކުގައި އަވަސް ފަރުވާ ދިނުމަށް ބޭނުންކުރާ ޕޯޓަބަލް ރިޕްރެޝަން ޗެމްބަރާއި، ޒަމާނީ އެހެނިހެން ޑައިވިން އިކުއިޕްމަންޓްތައް ހިމެނެއެވެ. މި ތަކެތި ސިފައިންނާ ހަވާލުކޮށްދެއްވީ އޭރުގެ ސަފީރު ޓަކެއުޗީ މިޑޯރީއެވެ. މި ހަފްލާގައި އޭރުގެ ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ޖަޕާނުގެ ސަފީރު މިކަން ފާހަގަކުރައްވާފައި މިވަނީ، ގެއްލުނު ފަތުރުވެރިންތަކެއް ހޯދުމުގެ އޮޕަރޭޝަނެއްގައި އުޅުއްވި އެމްއެންޑީއެފްގެ ސާޖަންޓު ފަސްޓު ކްލާސް މުޙައްމަދު މަހުދީ ނިޔާވުމާ ގުޅިގެން، ކަނޑު އަޑީގެ އޮޕަރޭޝަންތަކަށް ބޭނުންވާ ވަސީލަތްތަކުގެ މުހިންމުކަން ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.

މި ހާދިސާއިން އެނގޭ އެއް ކަމަކީ ރާއްޖޭގެ ސިފައިންގެ ޑައިވަރުން މިހާތަނަށް 50 މީޓަރަށް ފީނުމަށް ތަމްރީނުވެފައިވީ ނަމަވެސް، ކަނޑު އަޑީގެ މާ ފުން ސަރަހައްދުތަކުގައި ހިންގާ އޮޕަރޭޝަންތަކަށް ބޭނުންވާ ފަންނީ ގާބިލުކަން އިތުރުކުރަން ޖެހިފައިވާ ކަމެވެ.

https://sun.mv/222137

މިކަމަށް ހައްލެއް ހޯދުމަށް ސަރުކާރުން މިހާރު ވަނީ 100 މީޓަރަށް ޑައިވްކުރެވޭ ފެންވަރަށް ސިފައިން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް ފެށުމަށް ނިންމާފައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

comment ކޮމެންޓް