ގދ. ފަރެސްމާތޮޑާގައި ގެއެއްގައި އަލިފާން ރޯވެ ބޭނުންނުކުރެވޭ ވަރަށް އަނދައި، އެ ގޭގައި ދިރިއުޅޭ ފަސް މީހުން ވަގުތީ ބޯހިޔާވެހިކަމަށް ބަދަލުކޮށްފިއެވެ.
ގދ. ފަރެސްމާތޮޑާގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފައިވާކަމުގެ މައުލޫމާތު މިއަދުގެ ފަތިހު 04:15 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ވަނީ ބުނެފައެވެ. އަދި އެ ރިޕޯޓު ލިބުމާއެކު، ފުލުހުން އެ ސަރަހައްދަށް ގޮސް ފަޔާ އެންޑް ރެސްކިއު ސާވިސް އަދި ރަށު ކައުންސިލާ ގުޅިގެން އަލިފާން ނިއްވުމުގެ މަސައްކަތް ކުރި ކަމަށް ވަނީ ބުނެފައެވެ.
ފުލުހުން ބުނީ އެ ހާދިސާގައި އެކަކަށް ކޮންމެވެސް ވަރަކަށް އަނިޔާވެފައިވާ ކަމަށާއި ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައިނުވާ ކަމަށެވެ. އަދި ތަހުގީގަށް މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، އެ ހާދިސާ ހިނގަން މެދުވެރިވެފައިވަނީ ގޭގެ ކޮޓަރިއެއްގައި ހުރި އޭސީއެއްގައި ރޯވެގެން ކަމަށް ބެލެވޭ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ގެންދަނީ އެ ހާދިސާ އިތުރަށް ތަހުގީގު ކުރަމުންނެވެ.
މިކަމާ ގުޅިގެން 'ސަން' އިން ސުވާލުކުރުމުން ފަރެސްމާތޮޑާ ކައުންސިލް ރައީސް، މުޙައްމަދު ސަބާޙް ވިދާޅުވީ އަލިފާނުގެ އެ ހާދިސާގައި އެއްވެސް ވަރަކަށް ބޭނުންނުކުރެވޭ ވަރަށް އެ ގެ އަނދާފައިވާ ކަމަށެވެ. އެހެންކަމުން އެ ގޭގައި ދިރިއުޅޭ ފަސް މީހުން މިހާރު ވަގުތީ ބޯހިޔާވަހިކަމަށް ބަދަލުކޮށްފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
އެކަކަށް އަނިޔާވީ، ގެއިން ނިކުންނަން ދަނިކޮށް، ސީލިންގުން ބައެއް ވެއްޓި ގައިގެ ކުޑަތަންކޮޅެއް ފިހުމުން ކަމަށާއި، ކުޑަ ކުއްޖަކަށް ދުމުގެ އަސަރުކޮށް، ނޭވާހިއްލާ ގޮތްވި ކަމަށް ކައުންސިލް ރައީސް ވަނީ ވިދާޅުވެފައެވެ.
"އެ ގެ ހަމަ އެއްކޮށް އަނދައި އަޅިއަށްވެފައި ހުރީ. ފާރުތައް ވެސް އަދި ކޮޅަށް ހުއްޓަސް ހަމަ އަތްލާ ތަންތަންކޮޅު ފައިބަމުންދަނީ. އެހެންވެ އާއިލާއިން އެދުނީމަ، ކައުންސިލުން އެތަން ސާފުކުރުމުގެ މަސައްކަތް ފަށަން ތައްޔާރުވަނީމި،"
އެ ގޭގައި ދިރިއުޅޭ ފަރާތްތައް ވަގުތީ ބޯހިޔާވަހިކަމަށް ބަދަލުކޮށް، އެ މީހުންނަށް މާލީ އެހީ ފޯރުކޮށްދީފައިވާ ކަމަށް ވެސް ކައުންސިލް ރައީސް ވަނީ ވިދާޅުވެފައެވެ.