42 ފުޅި ބަނގުރަލާއެކު މާފުށިން 23 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފި

ބަނގުރަލުގެ މައްސަލައިގައި މާފުށިން ހައްޔަރުކުރި ނަބީހު އަބްދުއްރަޝީދު --- ފޮޓޯ: ފުލުހުން

ޖުމުލަ 42 ފުޅި ބަނގުރަލާއެކު ކ. މާފުށިން ޒުވާން ފިރިހެނަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މާފުށީގައި ފުޅާ ދާއިރާއެއްގައި ބަނގުރަލުގެ ވިޔަފާރި ކުރަމުންދާކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި ހައްޔަރުކޮށްފައި ވަނީ ހދ. ކުޅުދުއްފުއްޓަށް ނިސްބަތްވާ އުމުރުން 23 އަހަރުގެ ނަބީހު ޢަބްދުއްރަޝީދު ކަމަށް ފުލުހުން ވަނީ މައުލޫމާތުދީފައެވެ.

އޭނާ ހައްޔަރުކޮށްފައި ވަނީ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި މާފުށީ ޕޮލިސް ގުޅިގެން ހިންގި އޮޕަރޭޝަންގައި މިދިޔަ ހުކުރު ދުވަހު ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ އެ އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން، މާފުށީގައި އޭނާ ދިރިއުޅެމުންދިޔަ ގެ ބަލައިފާސްކުރިއިރު 42 ފުޅި ބަނގުރާ ފެނިފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ނަބީހު ޢަބްދުއްރަޝީދުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އަށްދުވަހަށް އޭނާ ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

ބަނގުރަލުގެ މައްސަލަ މި ފަހަކަށް އައިސް ރާއްޖޭގައި ވަނީ ވަރަށް ބޮޑުވެފައެވެ. ވަކިން ޚާއްސަކޮށް މާލެ ސަރަހައްދުގައި މި މައްސަލަ ވަކިން ބޮޑެވެ. ދާދި ފަހުން ވެސް ފުލުހުން ވަނީ ކައުންޓަ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން މާލޭގައި ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ޖުމްލަ 826 ފުޅި ބަނގުރާ އަތުލައިގެންފައެވެ.

https://sun.mv/229012

އެ އޮޕަރޭޝަންގައި އަތުލައިގަތް ބަނގުރާ ފުޅިތައް ހުރީ ސްޓޯ ރޫމެއްގެ އެކި ތަންތަނުގައި ހާމައަށް ބަހައްޓާފައި ކަމަށާއި ބައެއް ފުޅިތައް ފޮށިގަނޑުތަކުގައި ބަންދުކޮށްފައި ހުރިއިރު، އެ ފޮށިތަކުގައި ބަނގުރަލުގެ އެކި ބްރޭންޑްތަކުގެ ނަންތައް ލިޔެފައި ހުރިކަމަށް ފުލުހުން ވަނީ ބުނެފައެވެ.

comment ކޮމެންޓް