ޗުއްޓީ ދަތުރުތައް މަދުކުރުމަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ގޮވައިލެއްވުމާއެކު، އިންޑިއާގެ ފަތުރުވެރިން މަދުވެދާނެ ކަމުގެ އިންޒާރު ކަމާ ބެހޭ ފަރާތްތަކުން ދީފިއެވެ.
ކަން އެހެން އޮތްއިރު، އިންޑިއާއަކީ ރާއްޖެއަށް ފަތުރުވެރިން އެންމެ ގިނައިން އަންނަ މާކެޓުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. ރާއްޖޭގެ ޓޮޕް 10 މާކެޓުތަކުގެ ހަވަނައިގައި އޮތް އިންޑިއާއިން އަހަރުގެ މިހާތަނަށް 42،482 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. އެއީ މިދިޔަ އަހަރު ވެސް ހަވަނައިގައި އޮތް މާކެޓެވެ.
މެދުއިރުމަތީގައި މިހާރު އޮތް ހަނގުރާމައިގެ ހާލަތުގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ އަގު އުފުލެމުންދާތީ ގޭގައި ތިބެގެން މަސައްކަތް ކުރުމާއި، ރަން ފަދަ އަގުބޮޑު މުދާ ގަތުން މަދުކުރުމާއި ބޭރު ދަތުރުތައް ކުރުންވެސް މަދުކުރުމަށް އިންޑިއާ ރައްޔިތުންނަށް އެ ގައުމުގެ ބޮޑު ވަޒީރު މޯދީ ވަނީ ގޮވާލައްވައިފައެވެ.
މޯދީ ވިދާޅުވީ ކޮވިޑް ދުވަސްވަރު އެޅި ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް ފަދައިން ފިޔަވަޅު އަޅައިފިނަމަ، އިންޑިއާގައި ތެޔޮ ބޭނުންކުރުން މަދުވެ، ބޭރު ފައިސާ ސަލާމަތްކުރުމަށް އެހީތެރިވެދޭނެ ކަމަށެވެ. އެ ގައުމުން 90 ޕަސަންޓް ތެޔޮ އިމްޕޯޓްކުރާއިރު، އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށި ފަހުން ތެޔޮ ގަންނަން ޚަރަދު ކުރާ މިންވަރު ވަނީ އެތައް މިލިއަން ޑޮލަރަކަށް އިތުރުވެފައެވެ.
އެކަން ހައްލުކުރުމަށް މޯދީ ގޮވައިލެއްވީ ޗުއްޓީ ދަތުރުތައް މަދުކޮށް، ގޭގައި ތިބެ މަސައްކަތްކުރުން ފަދަ ފިޔަވަޅުތައް އެޅުމަށެވެ.

މީގެކުރިން ރާއްޖެއައި އިންޑިއާގެ ފަތުރުވެރިންތަކެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ
މެދުއިރުމަތީގެ މަސްރަހު ނުތަނަވަސްވެ، ތެލުގެ އަގު މައްޗަށް ދިއުމުގެ ސަބަބުން ވައިގެ ދަތުރުފަތުރުގެ އަގުތައް ވަނީ އިންތިހާއަށް އުފުލިފައެވެ. މީގެ ނަތީޖާއެއްގެ ގޮތުން، އިންޑިއާއިން ބޭރަށް ދަތުރުކުރަން ބޭނުންވާ މީހުންގެ އަދަދު މިހާރު ވެސް 10 އިންސައްތައާއި 15 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވެފައިވާ ކަމަށް ސިނާއަތުގެ އިސްވެރިންނާ ހަވާލާދީ ރޮއިޓާސްއިން ވަނީ ރިޕޯޓުކޮށްފައެވެ.
މީގެ އިތުރުން، އިންޑިއާގެ ބޮޑުވަޒީރުގެ ބަހަށް ރައްޔިތުން ކުރާ އިތުބާރު ބޮޑުކަން ފާހަގަކުރައްވަމުން، އިންޑިއަން އެސޯސިއޭޝަން އޮފް ޓުއާ އޮޕަރޭޓާސްގެ ރައީސް ރަވީ ގޮސައިން ވިދާޅުވީ، ބޮޑުވަޒީރުގެ ނަސޭހަތާއެކު ގިނަ ބަޔަކު މި އަހަރުގެ ދަތުރުތައް އަންނަ އަހަރަށް ފަސްކުރުމަކީ ވަރަށް ގާތް ކަމެއް ކަމަށެވެ.
ހަނގުރާމަ ފެށިފަހުން ތެލުގެ އަގު އުފުލުމާ ގުޅިގެން ގިނަ ގައުމުތަކަކުން ވަނީ އިގްތިސާދަށް ކުރާ އަސަރު ކުޑަ ކުރުމަށް ފިޔަވަޅުތައް ތައާރަފްކޮށްފައެވެ.
ޗައިނާއިން ވަނީ އެގައުމުގެ ތެޔޮ ރިފައިނަރީތަކުން މި ވަގުތަށް ތެޔޮ އެކްސްޕޯޓްކުރުން ހުއްޓާލުމަށް އަމުރުކޮށްފައެވެ. އަދި ޗައިނާގެ ބައެއް އެއާލައިންތަކުން ޖެޓް ފިއުލްގެ އަގު ބޮޑުވުމުން ފްލައިޓްތައް ވަނީ މެދުކަނޑާލާފައެވެ. އޮސްޓްރޭލިއާގެ ބައެއް ސްޓޭޓްތަކުން ވަނީ އާންމު ދަތުރުފަތުރު ހިލޭ ނުވަތަ ދަތުރުފަތުރުގެ އަގު ދެބައިކުޅަ އެއްބައި ކުޑަކޮށްފައެވެ.