އިސްރާއީލުން ފަލަސްތީނުގެ 93 އިންސައްތަ ކުދިން މަރާލިކަމަށް ބެލެވެނީ ގަސްދުގައި: އދ

އިސްރާއީލު ސިފައިން ފަލަސްތީނުގެ ކުޑަކުއްޖަކު ހައްޔަރުކޮށްގެން ގެންދަނީ --

އދ. ގެ ކުޑަކުދިންނާ ބެހޭ އިދާރާ، ޔުނިސެފުން ބުނާ ގޮތުގައި 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 އިން ފެށިގެން އިސްރާއީލުން ޣައްޒާއާއި ހުޅަނގު އައްސޭރީގައި ދިން ހަމަލާތަކުގައި ޝަހީދުކޮށްލާފައިވާ ކުޑަކުދިންގެ 93 އިންސައްތަ މަރާލާފައިވަނީ ގަސްދުގައެވެ. މި މުއްދަތުގައި 20،000 އަށްވުރެ ގިނަ ކުޑަކުދިންނާއެކު ޖުމްލަ 75،000 މީހުން ވަނީ ޣައްޒާއިން ޝަހީދުކޮށްލާފައެވެ. ބައިނަލްއަގްވާމީ ޖިނާއީ ކޯޓުން އިސްރާއީލުގެ ވެރިން ހައްޔަރުކުރުމަށް އަމުރު ނެރެފައިވީނަމަވެސް، އެމެރިކާއިން ދަނީ ކޯޓުގެ އިސްވެރިންނަށް ބިރުދައްކައި ފިޔަވަޅު އަޅަމުންނެވެ.

  • ޝަހީދުކޮށްލި ކުދިންގެ 93 އިންސައްތަ މަރާލާފައިވަނީ ގަސްދުގައިކަމަށް ޔުނިސެފުން ބުނުން
  • ޣައްޒާއާއި ހުޅަނގު އައްސޭރިން 20،800 އަށްވުރެ ގިނަ ކުޑަކުދިން ވަނީ ޝަހީދުކޮށްލާފައި
  • ބައިނަލްއަގްވާމީ ޖިނާއީ ކޯޓުން އިސްރާއީލުގެ ވެރިން ހައްޔަރުކުރުމަށް އަމުރު ނެރުން
  • މައްސަލަ ބަލާ ފަނޑިޔާރުންނާއި ޕްރޮސެކިއުޓަރަށް އެމެރިކާއިން ބިރުދައްކައި ފިޔަވަޅު އެޅުން

ނިޔުޔޯކް (13 މެއި 2026): އިސްރާއީލުން ފަލަސްތީނުގެ ކުޑަކުދިންނަށް އަމާޒުކޮށް ދީފައިވާ ހަމަލާތަކަށް ބަލާއިރު އިސްރާއީލުގެ އަމާޒަކީ ފަލަސްތީނުގެ ކުޑަކުދިންގެ ޖީލާއި ޒުވާނުންގެ ޖީލު ނައްތާލުން ކަމަށް ބެލެވޭނެ ހެކިތައް ވަރަށް ބޮޑަށް ފެންނަން އެބަހުރިކަމަށް އދ އިން ބުނެފިއެވެ.

ކުޑަކުދިންނާ ބެހޭ އދ. ގެ ފަންޑް ޔުނިސެފް އިން ބުނި ގޮތުގައި 2023 ވަނަ އަހަރުގެ އޮކްޓޯބަރު ހަތަކުން ފެށިގެން އިސްރާއީލުގެ އިސްތިއުމާރީ ސިފައިން ޣައްޒާއާއި ހުޅަނގު އައްސޭރިއަށް ދިން ހަމަލާތަކުގައި މަރާލާފައިވާ ފަލަސްތީނުގެ އެތަށް ހާސްކުޑަކުދިންގެ ތެރެއިން 93 އިންސައްތަ ކުދިންނަކީ ގަސްދުގައި އެކުދިން މެރުމުގެ ނޫނީ ފުރާނަ ދުއްވާލުމުގެ ބޭނުމުގައި ޝަހީދުކޮށްލާފައިވާ ކުދިންކަން ބެލިބެލުމުން ހާމަވާ ކަމަށެވެ. ހަނގުރާމައިގެ ތެރެއިން ގަސްދުގައި ނޫންގޮތަށް މަރާލާފައިވަނީ އެންމެ ހަތް އިންސައްތަ ކުދިން ކަމަށާއި، އެނޫން ކުދިން މަރާލާފައި ވަނީ ގަސްދުގައި ކަމަށް ބެލެވޭކަމަށް ޔުނިސެފް އިން ބުނެފައިވެއެވެ.

ދެހަސްތޭވީސް ވަނަ އަހަރުގެ އޮކްޓޯބަރު ހަތަކުން ފެށިގެން މިހާތަނަށް އިސްރާއީލުން ޣައްޒާގެ ރައްޔިތުންގެ ތެރެއިން 75 ހާސް މީހުން ޝަހީދުކޮށްލާފައި ވާއިރު އޭގެ ތެރޭގައި 20 ހާހަށްވުރެ ގިނަ ކުޑަކުދިން ހިމެނެއެވެ. އެ ތާރީޚުން ފެށިގެން އިސްރާއީލު ސިފައިން ހުޅަނގު އައްސޭރީގައި ދިން ހަމަލާތަކުގައި ފަލަސްތީނުގެ 3،000 ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާއިރު އޭގެތެރޭގައި 800 އަށް ވުރެ ގިނަ ކުޑަކުދިން ހިމެނޭކަމަށް ޔުނިސެފުން ހާމަކޮށްފައިވެއެވެ.

އިސްރާއީލުން ޝަހީދުކޮށްލާފައިވާ ފަލަސްތީނުގެ ކުޑަކުދިންތަކެއް --

ފަލަސްތީނުގެ ނަސްލު ނައްތާލުމުގެ ޖަރީމާ ހިންގާކަމުގެ ތުހުމަތު ބައިނަލްއަގްވާމީ ފެންވަރުގައި އިސްރާއީލުގެ މައްޗަށް ވަނީ ކޮށްފައެވެ. މި މައްސަލައިގައި ބައިނަލްއަގްވާމީ އިންސާފުގެ ކޯޓުގައި އިސްރާއީލުގެ މައްޗަށް ވަނީ ދައުވާ ވެސް އުފުލާފައެވެ. އެ މައްސަލަ އެ ކޯޓުން ގެންދަނީ ބަލަމުންނެވެ.

މި ތުހުމަތު އިސްރާއީލުގެ މައްޗަށް ސާބިތުވިޔަސް އެމެރިކާއާއި ޔޫރަޕްގެ ގައުމުތައް އިސްރާއީލުގެ ހިމާޔަތުގައި އޮތުމުން އިސްރާއީލުގެ މައްޗަށް ބައިނަލްއަގްވާމީ ފެންވަރުގައި ދަތިކުރުމުގެ ފިޔަވަޅެއް އެޅުމަކީ ވުމަށްވުރެ ނުވުން ގާތް ކަމެކެވެ.

ފަލަސްތީނު ރައްޔިތުންގެ ނަސްލު ނައްތާލުމުގެ ޖަރީމާ ހިންގާކަމުގެ ތުހުމަތުގައި އިސްރާއީލުގެ ބޮޑުވަޒީރު ހިމެނޭ ގޮތަށް ޔަހޫދީ އަނިޔާވެރި ވެރިން ހައްޔަރު ކުރުމުގެ އަމުރެއްވެސް ބައިނަލްއަގްވާމީ ޖިނާއީ ކޯޓުންވަނީ ނެރެފައެވެ. ނަމަވެސް މި އަމުރު ނެރުއްވި ފަނޑިޔާރުންނާއި، މައްސަލަ ހުށަހެޅި އެކޯޓުގެ ޕްރޮސެކިއުޓަރަށް، އެމެރިކާއިން ވަނީ ބިރުދައްކައި ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތައް އަޅާފައެވެ.

މީގެ ތެރޭގައި އެބޭފުޅުން އެމެރިކާއަށް ވަނުން މަނާކުރުމާއި އެބޭފުޅުންގެ އެސެޓްތައް ފްރީޒްކުރުމާއި މާލީގޮތުން ދަތިކުރުމުގެ ފިޔަވަޅު އެޅުންފަދަ އެތަށް ކަމެއް ހިމެނެއެވެ.

އިސްރާއީލުން ޝަހީދުކޮށްލި ކުޑަކުއްޖެއްގެ ހަށިގަނޑު --

ބައިނަލްއަގްވާމީ ޖިނާއީ ކޯޓުގެ ޕްރޮސެކިއުޓަރު ކަރީމް ޚާން ދާދިފަހުން ވިދާޅުވެފައިވާ ގޮތުގައި އިސްރާއީލުގެ އިސްވެރިންގެ މައްސަލަ ނުބެލުމަށާއި އެ މައްސަލަ ބަލާނަމަ ހިތި ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ ކަމުގެ ބިރު އެމެރިކާ ވަނީ އޭނާއަށް ދައްކާފައެވެ. މިއީ ބައިނަލްއަގްވާމީ ކޯޓަށާއި، ބައިނަލްއަގްވާމީ އަދާލަތަށް އެމެރިކާ އަތްބޭނުމާއި، އަދާލަތަށް ހުރަސްއެޅުންކަމަށް ކަރީމް ޚާން ވަނީ ސިފަކުރައްވާފައެވެ.

ދާދިފަހުން ވަނީ ކަރީމް ޚާންގެ މައްޗަށް ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކެއް ވެސް ކޮށްފައެވެ. ނަމަވެސް މިކަން ތަހުގީގުކުރުމުން ކަރީމް ޚާންގެ މައްޗަށް ޖިންސީ ފުރައްސާރައިގެ ކުށް ސާބިތު ވެފައި ނުވާތީ މިއީ އޭނާގެ އަގު ވައްޓާލުމަށާއި އެ ކޯޓަށް ބިރުދައްކައި ތަހުގީގަށް ހުރަސްއެޅުމުގެ ގޮތުން އެމެރިކާއާއި އިސްރާއީލު އަޑީގައި އޮވެގެން ހިންގި ކަންތައްގަނޑެއް ކަމަށް ވަނީ ޝައްކު ކުރެވިފައެވެ.

comment ކޮމެންޓް