އިމްތިހާން ކަރުދާސް ލީކުވެފައިވާ ކަމަށް ބުނެ މެއި މަހުގެ ކުރީކޮޅު އިންޑިއާގައި ބޭއްވި މުހިންމު އިމްތިހާނެއް ކެންސަލް ކުރުމުން އިންޑިއާގެ ވެރިރަށް ދިއްލީގައި މުޒާހަރާ ކުރަން ފަށައިފިއެވެ.
ނީޓް-ޔޫޖީގެ ނަމުން މަޝްހޫރު "ނޭޝަނަލް އެލިޖިބިލިޓީ ކަމް އެންޓްރެންސް ޓެސްޓް (އަންޑަގްރެޖުއޭޓް)" އަކީ އިންޑިއާގައި މެޑިސިން ކިޔަވަން ކޮންމެހެން ހަދަން ޖެހޭ ޓެސްޓެކެވެ.
މުޅި އިންޑިއާގެ 5،000 އަށް ވުރެ ގިނަ މަރުކަޒުގައި ގާތްގަނޑަކަށް 2.28 މިލިއަން ކެންޑިޑޭޓުން ވަނީ މެއި މަހުގެ ތިން ވަނަ ދުވަހު އެ އިމްތިހާން ހަދާފައެވެ.
އިމްތިހާން ކުރިއަށްގެންދާ ފެޑެރަލް ސަރުކާރުގެ ނޭޝަނަލް ޓެސްޓިން އެޖެންސީ (އެންޓީއޭ) އިން އެ އެޖެންސީގެ ހޯދުންތަކާއި ހިނގަމުންދާ ތަހުގީގަށް ބަލާއިރު އިމްތިހާން އަލުން ހަދަން ޖެހޭނެއެވެ.

އެ އިމްހާނުގައި މި އަހަރު 2.28 މިލިއަން ކުދިން ބައިވެރިވެފައިވޭ -- ފޮޓޯ/ ހިންދުސްތާން ޓައިމްސް
އިމްތިހާން އަލުން ބާއްވާނެ ތާރީޚެއް އަދި އިއުލާނުކޮށްފައެއް ނުވެއެވެ. އެޑްމިޝަން ޕްރޮސެސް ލަސްވެދާނެތީ ދަރިވަރުންނާއި ބެލެނިވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މައްސަލަ ތަހުގީގުކުރާ ފަރާތްތަކާ ހަވާލާދީ އިންޑިއާގެ މީޑީއާތަކުން ރިޕޯޓުކުރާ ގޮތުގައި ކަރުދާސް ލީކް ވެފައިވަނީ އިމްތިހާނު ބޭއްވުމުގެ ދުވަސްތަކެއް ކުރިން ހުޅަނގުގެ ސްޓޭޓް ރާޖަސްތާނުންނެވެ.
ރާޖަސްތާނުގެ ފުލުހުންގެ އިސް އޮފިޝަލަކު ނޫސް އެޖެންސީ އޭއެންއައިއަށް ވިދާޅުވީ އިމްތިހާނުގެ ކުރިން އިމްތިހާން ކަރުދާސް ދައުރުވި ކަމަށް ތުހުމަތު ކުރެވޭ ކަމަށާއި، އެ ކަރުދާހުގައި ހުރީ އިމްތިހާން ކަރުދާހުގައި ހުރި ސުވާލުތައް ކަމަށެވެ.
އެ މައްސަލަ މިހާރު ވަނީ ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ސީބީއައި) ގެ ފެޑެރަލް އިންވެސްޓިގޭޓަރުންނާ ހަވާލުކޮށްފައެވެ.