ޒާތީ މައުލޫމާތު ރައްކާތެރިކުރުމުގެ ގާނޫނެއް ވުޖޫދުވެ، އެއަށް އަމަލުކުރަން ފެށުމުން ރާއްޖޭގައި މިހާރު އޮތް ޒާތީ މައުލޫމާތު ހާމަކުރުމުގެ ބިރުވެރި ހާލަތު ބަދަލުވެގެންދާނެ ކަމަށް މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު ވިދާޅުވެއްޖެއެވެ.
ރިފާއު މިފަދައިން ވިދާޅުވީ ސަރުކާރުގެ ފަރާތުން ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަލީ އިބްރާހީމް ހުށަހަޅުއްވާފައިވާ "ޒާތީ މަޢުލޫމާތު ރައްކާތެރިކުރުމުގެ ބިލު"ގެ އިބްތިދާއީ ބަހުސްގައި ވާހަކަދައްކަވަމުންނެވެ.
މި ބިލަކީ ރާއްޖޭގައި ޒާތީ މަޢުލޫމާތު އެއްކުރުމާއި، ޕްރޮސެސްކުރުމާއި އަދި ބޭނުންކުރުމުގެ ހަރުދަނާ ނިޒާމެއް ޤާއިމުކުރުމަށްޓަކައި ސަރުކާރުން އިއްޔެ މަޖިލީހަށް ހުށަހެޅި ބިލެކެވެ. ބިލުގެ މައިގަނޑު މަގްސަދަކީ މައުލޫމާތު ނިސްބަތްވާ ފަރާތްތަކުގެ ހައްގުތައް ހިމާޔަތްކުރުމާއި، މައުލޫމާތު ބޭނުންކުރާ ފަރާތްތައް ރެގިއުލޭޓްކޮށް އެފަރާތްތަކުގެ ޒިންމާތައް ކަނޑައެޅުމެވެ. މީގެ އިތުރުން، ޤާނޫނު އަސާސީގެ 24ވަނަ މާއްދާގައި ބަޔާންކުރާ ޒާތީ ދިރިއުޅުމުގެ ހައްގު ކަށަވަރުކޮށްދިނުމަކީ ވެސް މި ބިލުގެ މުހިންމު ބޭނުމެކެވެ.
ބަހުސްގައި ވާހަކަދައްކަވަމުން ރިފާއު ފާހަގަކުރެއްވި ގޮތުގައި، ސޯޝަލް މީޑިއާގައި މީހުންގެ އަބުރާއި އިއްޒަތް ނަގާލުމަށް ޓަކައި ސައްހަނޫން މައުލޫމާތު ފެތުރުމާއި، ފޮޓޯ އާއި ވީޑިއޯ އެޑިޓްކޮށްގެން ދައުރުކުރުމަކީ މިހާރު އާންމުވެފައިވާ ކަމެކެވެ.
"އަޅުގަނޑު ގަބޫލުކުރަނީ މި ގާނޫނުން އެކި ގޮތްގޮތައް މީހުންގެ ޒާތީ މައުލޫމާތުތައް ސޯޝަލް މީޑިއާގައި ބޭނުންކުރާ ފަރާތްތަކަށް ފިޔަވަޅު އެޅޫމަށް ފަސޭހަ ފުރުސަތުތަކެއް ލިބިގެންދާނެ،" ރިފާއު ވިދާޅުވިއެވެ.
މި ބިލުގައި ޒާތީ މަޢުލޫމާތު ޕްރޮސެސްކުރުމުގެ އުސޫލުތަކާއި، ޑޭޓާ ލީކުވުމެއް ފަދަ ކަމެއް ހިނގައިފިނަމަ އަމަލުކުރާނެ ގޮތްތައް ބަޔާންކޮށްފައިވެއެވެ. އަދި މި ޤާނޫނު ތަންފީޒުކުރުމަށް ޕްރައިވަސީ ކޮމިޝަނަރެއްގެ މަޤާމު އުފެއްދުމަށް ހިމަނާފައިވާއިރު، އެ މަސްއޫލިއްޔަތު އަދާކުރައްވާނީ އިންފޮމޭޝަން ކޮމިޝަނަރެވެ. ބިލުގައިވާ ގޮތުން ވަކި ހާލަތްތަކެއްގައި ޑޭޓާ ޕްރޮޓެކްޝަން އޮފިސަރުން ކަނޑައަޅަން ޖެހޭނެއެވެ.
ރާއްޖެ ޑިޖިޓަލައިޒް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުރައްވާ މަސައްކަތްޕުޅުގެ ދަށުން މިފަދަ ގާނޫނީ އޮނިގަނޑެއް ފުރިހަމަވުމަކީ މުހިންމު ކަމެއްގެ ގޮތުގައި ރިފާއު ސިފަކުރެއްވިއެވެ.
ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފެތޭ ގޮތަށް އެކުލަވާލާފައިވާ މި ބިލުގެ ސަބަބުން، ރާއްޖޭގެ ޑިޖިޓަލް އިގްތިޞާދަށާއި މީހުންގެ އަމިއްލަ މިނިވަންކަން ރައްކާތެރިކުރުމަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް ސަރުކާރުން ބުނެއެވެ.