އެލްޖީއޭގެ މުވައްޒަފުން ސިވިލް ސާވިސްއަށް ބަދަލުކުރަން ޤާނޫނަށް އިސްލާހު ހުށަހަޅައިފި

އެލްޖީއޭގެ ބައްދަލުވުމެއްގެ ތެރެއިން: އެލްޖީއޭގެ މުވައްޒަފުން ސިވިލް ސާވިސްއަށް ބަދަލުކުރަން ވަނީ ހުށަހަޅާފައި -- ފޮޓޯ/ އެލްޖީއޭ

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް މުހިންމު އިސްލާހުތަކެއް ވަނީ ހުށަހަޅާފައެވެ. މި އިސްލާހުތަކުގެ އެންމެ ބޮޑު މަޤުޞަދަކީ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ހިންގުން ހަރުދަނާކުރުމެވެ. މިގޮތުން، އެ އިދާރާގެ މުވައްޒަފުންނަކީ ސިވިލް ސާވިސްގެ މުވައްޒަފުން ކަމުގައި ހަމަޖައްސައި، މުވައްޒަފުން އައްޔަންކުރުމާއި ވަކިކުރުމުގެ ބާރު ސިވިލް ސާވިސް ކޮމިޝަނަށް ދިނުމަށް ވަނީ ނިންމާފައެވެ. އަދި ހަމައެހެންމެ، ކައުންސިލްތަކުން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތަކުގެ ތެރޭގައި ކުނި މެނޭޖުކުރުން ހިމެނުމަކީވެސް މި ބިލުގައިވާ މުހިންމު ކަމެކެވެ.

  • އެލްޖީއޭގެ މުވައްޒަފުން ސިވިލް ސާވިސްގެ ދަށަށް ބަދަލުކުރުން.
  • މުވައްޒަފުން އައްޔަންކުރުމާއި ވަކިކުރުމުގެ ބާރު ސިވިލް ސާވިސް ކޮމިޝަނަށް ދިނުން.
  • ކައުންސިލްތަކުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ކުނި މެނޭޖުކުރުން ހިމެނުން.
  • މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް ނޭޝަނަލް ޕޭ ކޮމިޝަނުން ކަނޑައެޅުން.

ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ އިދާރީ ހިންގުން ހަރުދަނާކުރުމުގެ ގޮތުން، އެ އޮތޯރިޓީގެ މުވައްޒަފުންނަކީ ސިވިލް ސާވިސްގެ މުވައްޒަފުން ކަމުގައި ހަމަޖެއްސުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް އިސްލާހެއް ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން މި އިސްލާހު ހުށަހަޅުއްވާފައިވަނީ ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު ޙަމަދު ޢަބްދުﷲއެވެ.

ސަރުކާރުން މި އިސްލާހު ހުށަހަޅުއްވާފައިވަނީ "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު" އަށެވެ. މި ބިލު ހުށަހެޅުމުގެ މައިގަނޑު މަޤުޞަދަކީ އެލްޖީއޭގެ ހިންގުން ހަރުދަނާކުރުމާއި، ކައުންސިލްތަކުން ދޭންޖެހޭ ޚިދުމަތްތަކުގެ ތެރޭގައި ކުނި މެނޭޖުކުރުން ހިމެނުމެވެ.

މިހާރު އަމަލުކުރަމުންދާ ޤާނޫނު އޮތްގޮތުން، އެލްޖީއޭގެ މުވައްޒަފުން އައްޔަންކުރުމާއި ވަކިކުރުމުގެ ފުރިހަމަ ބާރު އޮންނަނީ އެ އޮތޯރިޓީގެ ބޯޑަށެވެ. ބިލުގައި ހުށަހަޅާފައިވާ އެންމެ މުހިންމު އެއް ބަދަލަކީ އެލްޖީއޭގެ މުވައްޒަފުންނަކީ ސިވިލް ސާވިސްގެ މުވައްޒަފުން ކަމުގައި ހަމަޖެއްސުމެވެ.

މިގޮތުން، މުވައްޒަފުން އައްޔަންކުރުމާއި ވަކިކުރުމުގެ ބާރު ސިވިލް ސާވިސް ކޮމިޝަނަށް ދިނުމަށާއި، އިދާރާގެ ޒިންމާދާރު އިސްވެރިޔަކީ އެލްޖީއޭގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ކަމުގައި ކަނޑައެޅުމަށް ވަނީ ހުށަހަޅާފައެވެ. އަދި، މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް ކަނޑައަޅާނީ ނޭޝަނަލް ޕޭ ކޮމިޝަނުން ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން، ލާމަރުކަޒީ ޤާނޫނުގެ ދަށުން ރަށްރަށާއި ސިޓީތަކުގެ ކައުންސިލްތަކުން ފޯރުކޮށްދޭންޖެހޭ ޢާންމު ޚިދުމަތްތަކުގެ ތެރޭގައި 'ކުނި މެނޭޖުކުރުމުގެ ޚިދުމަތް' ހިމެނުމަށް ބިލުގައި ވަނީ އިޞްލާޙު ހުށަހަޅާފައެވެ. މިއީ ރަށްރަށުގެ ތިމާވެށި ރައްކާތެރިކުރުމާއި ކުނީގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމަށް ކައުންސިލްތަކަށް ލިބިދޭ ބާރެއް ކަމަށް ސަރުކާރުން ފާހަގަކުރެއެވެ.

މި އިޞްލާޙުތަކަށް ޢަމަލުކުރުމަށްޓަކައި ކަނޑައެޅިފައިވާ އިންތިޤާލީ މަރުޙަލާތަކެއް ވެސް ބިލުގައި ހިމެނެއެވެ. އެގޮތުން، ޤާނޫނަށް ޢަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި މުވައްޒަފުންގެ އޮނިގަނޑު އެކުލަވާލައި ސިވިލް ސާވިސް ކޮމިޝަނަށް ހުށަހަޅަންޖެހެއެވެ. އަދި، އޮނިގަނޑު ފާސްވާތާ ވަކި މުއްދަތެއްގެ ތެރޭގައި މުސާރައިގެ އޮނިގަނޑު ކަނޑައަޅައި، މުވައްޒަފުން އައު އޮނިގަނޑަށް ބަދަލުކޮށް ނިންމަންވާނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.

ސަރުކާރުން ބުނާގޮތުގައި މި ގެނެވޭ ބަދަލުތަކާއެކު، ކައުންސިލްތަކުގެ ހިންގުމަށާއި އެލްޖީއޭގެ އިދާރީ އޮނިގަނޑަށް ބޮޑެތި ހެޔޮ ބަދަލުތަކެއް އަންނާނެއެވެ.

އެލްޖީއޭއަކީ ލާމަރުކަޒީ ޤާނޫނުގެ ދަށުން ލޯކަލް ކައުންސިލްތަކުގެ މަސައްކަތްތަކާއި ހަރަކާތްތައް ވިލަރެސްކުރުމުގެ ޒިންމާ މަތިކޮށްފައިވާ އެންމެ މަތީ އިދާރާއެވެ.

comment ކޮމެންޓް