އިންޑިއާ ކަނޑަކީ އަމާން އަދި މި ސަރަހައްދުގައި ދިރިއުޅޭ އެންމެންނަށް ފުރުސަތުތައް ފަހިވެފައިވާ ކަނޑަކަށް ހެދުމަށް، ސްރީލަންކާއާއި ރާއްޖޭން ގުޅިގެން މަސައްކަތް ކުރުން މުހިންމު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ، ސްރީލަންކާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެ ގައުމުގެ ސަރުކާރުން ދެއްވި ރަސްމީ ޖާފަތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ އިންޑިއާ ކަނޑަކީ ދެ ގައުމު ވަކިކުރާ ބޯޑަރެއް ނޫން ކަމަށާއި، އެއީ ދެ ގައުމުގެ ތާރީޚާއި ސަގާފަތް ގުޅުވައިދޭ މަގެއް ކަމަށެވެ.

ސްރީލަންކާ ސަރުކާރުން ދެއްވި ރަސްމީ ޖާފަތުގައި ރައީސް ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް
އެ މަނިކުފާނުގެ ވާހަކަފުޅުގައި، މޫސުމީ ބަދަލުތަކަކީ މިހާރު ކުރިމަތިވަމުންދާ އެންމެ ބޮޑު ގޮންޖެހުންކަން ފާހަގަކުރައްވަމުން، އެއީ ހަމައެކަނި ދުރުގައި އޮތް ބިރެއް ނޫން ކަމަށާއި، އެއީ ކޮންމެ ދުވަހަކު ކުރިމަތިލާންޖެހޭ ހަގީގަތެއް ކަމަށް ރައީސް ބަޔާންކުރެއްވިއެވެ.
ޚާއްޞަކޮށް ކުދި ޖަޒީރާ ގައުމުތަކުގެ ދިިރިހުރުމުގެ ހައްގުގައި ބައިނަލްއަގުވާމީ މައިދާނުގައި ވަކާލާތުކޮށް، ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
"[ދެ ގައުމުގެ ގުޅުމަކީ] އަޅުގަނޑުމެންގެ އެންމެ ބޮޑު ބާރު. އެއީ އިންޑިއާ ކަނޑަކީ އަމާން އަދި މި ސަރަހައްދުގައި ދިރިއުޅޭ އެންމެންނަށް ފުރުސަތު ފަހިވެފައިވާ ކަނޑަކަށް ހެދުމަށް،" އެ މަނިކުފާނު ވިދާޅުވިއެވެ.

ސްރީލަންކާ ސަރުކާރުން ދެއްވި ރަސްމީ ޖާފަތުގައި ލަންކާގެ ރައީސް ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް
ރައީސް ވިދާޅުވީ ސްރީލަންކާއަކީ ރާއްޖެއާ ވަރަށް ގާތް، އާއިލީ ގުޅުމެއް އޮންނަ ގައުމެއް ކަމަށެވެ. އެގޮތުން އެ ގައުމީ ދިވެހި ދަރިވަރުން ތައުލީމު ހާސިލުކުރާ، އާއިލާތަކާއި ރަހުމަތްތެރިން ބޭސްފަރުވާއަށް ވެސް ދާ، އަދި އަބަދުވެސް އަމިއްލަ ގޭގައި އުޅޭ ފަދަ އިހުސާސެއް ކުރެވޭ ގައުމެއްގެ ގޮތުގައި އެ މަނިކުފާނު ސިފަކުރެއްވިއެވެ.
ސްރީލަންކާއިން ތައުލީމީ ދާއިރާއާއި، ސިއްހީ ދާއިރާ އަދި އިންސާނީ ވަސީލަތްތައް ތަރައްގީކުރުމުގައި ހޯދާފައިވާ ކުރިއެރުންތަކަކީ ނަމޫނާއެއް ކަމަށް ބަލައި، ކުރިމަގުގައި ތައުލީމާއި ޓެކްނޮލޮޖީގެ ދާއިރާއިން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރަން އުއްމީދު ކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
"ދިވެހިރާއްޖެއާއި ސްރީލަންކާއަކީ އެއް އާއިލާއެއް ފަދަ ގާތް އަވަށްޓެރި ދެ ގައުމު. މި ގުޅުމަކީ ވަގުތީ ފައިދާ އަށްވުރެ ބޮޑަށް، ޒަމާންތަކަކަށް ދެމިގެންގޮސްފައިވާ ހަގީގީ އިޚްތިރާމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއް." ރައީސް ވިދާޅުވިއެވެ.
ދެ ގައުމުގެ ކުރިމަގާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ޑިޖިޓަލް ޓްރާންސްފޮމޭޝަން، ދެމެހެއްޓެނިވި ފަތުރުވެރިކަން، އިއާދަކުރަނިވި ހަކަތަ އަދި ކަނޑުތައް ހިމާޔަތްކުރުމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
މީގެ އިތުރުން ރައީސް ވަނީ ސްރީލަަންކާގެ ކިބައިން އެހީތެރިކަމަށް އެދުނު ކޮންމެ ފަހަރަކުވެސް ރާއްޖެއަަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަން ފާހަގަކުރައްވާފައިއެވެ.
އަދި ތަރައްގީގެ ގޮތުން ރާއްޖެއަށް މިއަދު މި ހިސާބަށް ވާސިލްވެވުނީ ލަންކާގެ އެހީތެރި ކަމާއެކުގައި ކަމަށާއި، އެކަމަށްޓަކައި ދިވެހި ރައްޔިތުން ވަރަށް ބޮޑަށް ޝުކުރުވެރިވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދާއި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ސްރީލަންކާގެ ރައީސާއި ސަރުކާރާއި ރައްޔިތުން ދިވެހި ވަފުދަށް ބަހައްޓަވާ ފުރިހަމަ މެހެމާންދާރީއަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.