ދިފާއީ ދާއިރާއާއި ފަތުރުވެރިކަން ހިމެނޭހެން 7 ދާއިރާއަކުން ރާއްޖެ އާއި ލަންކާއާ ދެމެދު އެއްބަސްވުންތަކެއް

ސްރީލަންކާއިން ރައީސް މުއިއްޒަށް ރަސްމީކޮށް މަރުހަބާ ދެންނެވުން --- ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްރީލަންކާއަށް ކުރައްވަމުންދާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމުގެ ގޮތުން މުހިންމު މަޝްވަރާތަކެއް ބާއްވައި، އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުންތަކެއްގައި މިއަދު ސޮއިކުރައްވައިފިއެވެ.

ކޮލަމްބޯގައި ބޭއްވުނު މި ބައްދަލުވުމުގައި ސްރީލަންކާގެ ރައީސް އަނޫރާ ކުމާރަ ދިސާނާޔަކައާއެކު ރައީސް މުޢިއްޒު ވަނީ ދެ ގައުމުގެ މަސްލަހަތު ހިމެނޭ ކަންކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައިއެވެ.

މި ބައްދަލުކުރެއްވުމަށްފަހު މީޑިއާއަށް ދެއްވި ބަޔާނުގައި ރައީސް ޑރ މުޢިއްޒު ވިދާޅުވީ، މި ދަތުރުފުޅަކީ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް އަވައްޓެރި ގުޅުން އާ ހަރުފަތަކަށް ގެންގޮސް، ކުރިމަގަށް އަމާޒުކުރެވޭ ބަދަހި ޕާޓްނަޝިޕެއްގެ ފެށުން ކަމަށެވެ.

ސްރީލަންކާއިން ރައީސް މުއިއްޒަށް ރަސްމީކޮށް މަރުހަބާ ދެންނެވުން --- ފޮޓޯ: ރައީސް އޮފީސް

ރާއްޖެއާއި ސްރީ ލަންކާއާއި ދެ ގައުމުގެ ދެމެދުގައި މިއަދު ސޮއިކުރެވުނު އެއްބަސްވުންތަކުގެ ތެރޭގައި ދިފާއީ ގޮތުންނާއި ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރަން އެއްބަސްވުންތަކެއްގައި ވަނީ ސޮއިކޮށްފައިއެވެ.

"ދެ ގައުމުގެ ދެމެދުގައި މިއަދު ވަނީ މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކުރެވިފައި. އެގޮތުން ސޮއިކުރެވުނު އެއްބަސްވުންތަކުގެ ތެރޭގައި ދިފާއީ ދާއިރާ، ޒުވާނުންނާއި ކުޅިވަރު ކުރިއެރުވުން، އަދި ފަތުރުވެރިކަމުގެ ދާއިރާ ހިމެނޭ،" ރައީސް މުއިއްޒު ވިދާޅުވިއެވެ.

އިގްތިސާދީ ގޮތުން ދޭ އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ވިޔަފާރިއާއި އިންވެސްޓްމަންޓްތައް ފުޅާކުރުމަށް ދެ ގައުމުންވެސް މަސައްކަތްކުރާނެ ކަމަށެވެ.

ސްރީލަންކާއިން ރައީސް މުއިއްޒަށް ރަސްމީކޮށް މަރުހަބާ ދެންނެވުން --- ފޮޓޯ: ރައީސް އޮފީސް

މިގޮތުން ސްރީލަންކާގައި ބޭންކް އޮފް މޯލްޑިވްސްގެ ބްރާންޗެއް ގާއިމުކުރުމުގެ ފުރުސަތުތަކާއި، ރާއްޖޭގެ ފެންވަރު ރަނގަޅު މަހުގެ އުފެއްދުންތައް ސްރީލަންކާގެ ބާޒާރަށް ތައާރަފްކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެވުނުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، މަތީ ތައުލީމާއި ފަންނީ ތަމްރީނު ދިނުމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށްވެސް ދެ ގައުމުން ވަނީ އެއްބަސްވެފައެވެ. ރައީސް ވިދާޅުވި ގޮތުގައި، ހަލުވިކަމާއެކު ބަދަލުވަމުންދާ ދުނިޔޭގައި ޒުވާނުންނަށް ބޭނުންވާ ހުނަރުތައް ފޯރުކޮށްދިނުމަކީ ދެ ގައުމުގެވެސް އިސްކަމެއް ދޭ ކަމެކެވެ.

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްރީލަންކާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި، ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އެކި ދާއިރާތަކުން އިތުރަށް ބަދަހިކުރުމަށްޓަކައި ސޮއިކުރި ހަތް ފަހުމުނާމާ:

• ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުން އާކުރުން
• އަރުޝީފު ބެލެހެއްޓުމުގެ ދާއިރާއިން ގުޅުން ބަދަހިކުރުން
• މުދައްރިސުންނާއި ސްކޫލްތަކުގެ އިސްވެރިން ތަމްރީނުކުރުމާއި ހުނަރު ތަރައްޤީކުރުން
• ކުޅިވަރާއި ޒުވާނުން ބިނާކުރުމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުން އާކުރުން
• ދިފާޢީ ދާއިރާއިން ގުޅުން ބަދަހިކުރުން
• ދިފާޢީ ދާއިރާގެ ތަޢުލީމާއި، ތަމްރީނާއި، ދިރާސާކުރުމުގެ އެއްބަސްވުން އާކުރުން
• ޔުނިވަރސިޓީ އޮފް ކޮލަމްބޯ އާއި ރާއްޖޭގެ ކަމާބެހޭ އިދާރާތަކާ ދެމެދު ތަޢުލީމީ ގުޅުން ބަދަހިކުރުން

"އަޅުގަނޑުމެންގެ އަމާޒަކީ މި އެއްބަސްވުންތަކުގެ ސަބަބުން ދެ ގައުމުގެ ރައްޔިތުންނަށް އަމަލީ ގޮތުން ފައިދާކުރާނެ މަގުތައް ފަހިކޮށްދިނުން،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުންނާއި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

ސްރީލަންކާއިން ރައީސް މުއިއްޒަށް ރަސްމީކޮށް މަރުހަބާ ދެންނެވުން --- ފޮޓޯ: ރައީސް އޮފީސް

ރައީސް ވަނީ ސްރީލަންކާ ސަރުކާރުންނާއި ރައްޔިތުން އެމަނިކުފާނަށް ވިދާޅުވި ހޫނު މަރުހަބާއަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ސްރީލަންކާއަށް ކުރައްވާ މި ދަތުރުފުޅަކީ، ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެގެ ދަޢުވަތަކަށް، ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ.

ސްރީލަންކާގެ ރައީސް، އަނޫރާ ކުމާރާ ޑިސަނާޔަކެ ވަނީ 2025 ޖުލައި 28 އިން 30 އަށް ދިވެހިރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރައްވާފައެވެ.

އެދަތުރުފުޅަކީ ދެ ގައުމުގެ ދެމެދުގައި ޚާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން ކުރެއްވި ދަތުރުފުޅެކެވެ.

comment ކޮމެންޓް