ކިޔުބާއަށް އަރައިގަތުމަށް އެމެރިކާއިން ތައްޔާރު ވަނީ

ހަވާނާ (3 މެއި 2026): ކިޔުބާއަށް އަރައިގަންނާނެ ކަމަށް ބުނެ އެމެރިކާގެ ހަރުކަށި ރައީސް ޑޮނަލްޑް ޓްރަމްޕް ދެމުންގެންދާ އިންޒާރުތަކަށް ކިޔުބާއިން ރައްދު ދީފިއެވެ.

ކިޔުބާގެ ރައީސް މީގަލް ޑިޔާޒް ކާނެލް ވިދާޅުވީ، އެމެރިކާއަކީ ދުނިޔޭގެ އަމަނާއި ސުލްހައަށް އޮތް އެންމެ ބޮޑު ނުރައްކާ ކަމަށާއި އެމެރިކާ މައިތިރިކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ބައިނަލްއަގުވާމީ މުޖްތަމައަށް ގޮވާލާ ކަމުގައެވެ. އެމެރިކާ ދާދި ފަހުން ވަނީ ވެނެޒުއެލާގެ ރައީސް ވަގަށް ނަގައި، އެ ގައުމުގެ ތެލުގެ ޚަޒާނާއަށް އަތްގަދަކޮށްފައެވެ.

އެއަށް ފަހު އެމެރިކާއިން ވަނީ ޔަހޫދީ އިސްރާއީލާ ގުޅިގެން އީރާނާ ދެކޮޅަށް ޣައިރު ގާނޫނީ ހަނގުރާމައެއް ފަށައި އެތައް ހާސް ބަޔަކު މަރާލައި ދުނިޔޭގެ އަމަނާއި ސުލްހަ ނަގާލުމުގެ އެތަށް އަމަލުތަކެއް ހިންގާފައެވެ.

މިހާރު އެމެރިކާއިން ގެންދަނީ އީރާނުގެ ބަނދަރުތައް ހިސާރު ކުރަމުންނެވެ. އެމެރިކާގެ ހަރުކަށި ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނަށް އަރައިގަތުމުގެ ކުރިން ވެސް ކިޔުބާއަށް ބިރުދައްކައި ކިއުބާގެ ރައްޔިތުން ހާލުގައި ޖެއްސުމަށްޓަކައި އެ ގައުމަށް އެތެރެކުރާ ތެލުގެ ޝިޕްމަންޓްތަކަށް ހުރަސްއަޅާފައެވެ. ނަމަވެސް، މިކަމުގެ ތެރެއަށް ރަޝިއާއިން ވަދެ، ރަޝިއާގެ ޓޭންކަރުތަކުގައި ކިޔުބާއަށް ތެޔޮ ފޯރުކޮށްދޭން ފެށުމުން އެ ކަމާ ދެކޮޅަށް ތެދުވާން އެމެރިކާއަށް ކެރިފައެއް ނުވެއެވެ.

ކިޔުބާއަށް އަރައިގަތުމުގެ އިންޒާރު ދެމުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއްޔެ ވިދާޅުވެފައިވަނީ ކިޔުބާއަށް އަރައިގަތުމާމެދު ވަރަށް ސީރިޔަސްކޮށް ވިސްނަމުން ގެންދާކަމުގައެވެ. އީރާނުގެ ކައިރިއަށް ފޮނުވި އެމެރިކާގެ މަތިންދާބޯޓު އުފުލާ މަނަވަރު މިހާރު މިސްރާބު ޖަހާފައިވަނީ ކިޔުބާއާ ދިމާއަށް ކަމަށާއި މި މަނަވަރު ކިޔުބާއާ ދެކޮޅަށް އަސްކަރީ ހަރަކާތެއް ހިންގުމަކީ އެކަށީގެންވާ ކަމެއް ކަމަށް ޓްރަމްޕް ވިދާޅުވެފައިވެއެވެ.

ކިޔުބާގެ ރައީސް މީގަލް ޑިޔާޒް ކާނެލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އަމިއްލަ ނަފުސުގެ ދިފާއުގައި ކިޔުބާ މަސައްކަތް ކުރާނެ ކަމަށާއި އެމެރިކާގެ އިސްތިއުމާރީ ބާރުތަކުގެ ކުރިމަތީގައި ކިޔުބާ އަމާން ނުދޭނެ ކަމުގައެވެ. ޓްރަމްޕް އިއްޔެ ވަނީ ކިޔުބާއާ ދެކޮޅަށް ދަތިކުރުމުގެ އިތުރު ފިޔަވަޅުތަކެއް އަޅާފައެވެ. ޓްރަމްޕާއި އެމެރިކާގެ އެ ނޫން މަސްއޫލުވެރިންގެ ވާހަކަތަކުން އެނގޭ ގޮތުގައި އެމެރިކާއިން ބޭނުންވަނީ ކިޔުބާގެ ވެރިކަން ބަދަލުކޮށް އެމެރިކާއިން ބުނާގޮތެއް ހަދާނެ ވެރިއަކު (ގޮނޑިކޮއްކޮއަކު) އެ ގައުމުގެ ވެރިކަމަށް ގެނައުމެވެ.

އެމެރިކާއިންވަނީ 1963 ވަނަ އަހަރުން ފެށިގެން ކިޔުބާއާ ދެކޮޅަށް ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. މިކަމުގެ ސަބަބުން ކިޔުބާގެ ރައްޔިތުންނަށް ދަނީ ބޮޑެތި ގެއްލުންތަކެއް ލިބި ދަތިތަކެއް ކުރިމަތިވަމުންނެވެ. ކިޔުބާއަށް ފަހު ދެން އެމެރިކާ އަރައިގަންނާނީ ގްރީންލޭންޑަށް ކަމަށް ވަނީ ބެލެވިފައެވެ.

comment ކޮމެންޓް