އީރާނުގެ ހަނގުރާމައިގެ ސަބަބުން އޭޝިއާ ޕެސިފިކަށް ބޮޑެތި އަސަރުތަކެއް އެބަ ކުރޭ: ޖަޕާނުގެ ބޮޑުވަޒީރު

ޖަޕާނުގެ ބޮޑުވަޒީރު ސަނައޭ ތަކައިޗީ---

އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންގެންދާ ހަނގުރާމައިގެ ސަބަބުން ހުރުމޫޒް ކަނޑުއޮޅިން މުދާ އުފުލުމަށް އެޅިފައިވާ ހުރަސްތަކާއެކު، އޭޝިއާ ޕެސިފިކް ސަރަޙައްދަށް އޭގެ ނޭދެވޭ ބޮޑެތި އަސަރުތަކެއް ކުރަމުންދާ ކަމަށް ޖަޕާނުގެ ބޮޑުވަޒީރު ސަނައޭ ތަކައިޗީ މިއަދު ވިދާޅުވެއްޖެއެވެ.

އޮސްޓްރޭލިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ ޤައުމުގެ ބޮޑުވަޒީރު އެންތަނީ އަލްބަނީޒްއާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ތަކައިޗީ ވަނީ، ހުރުމޫޒް ކަނޑުއޮޅި ބަންދުވުމުގެ ސަބަބުން އިންޑޯ-ޕެސިފިކް ސަރަޙައްދަށް އިންތިހާއަށް އަސަރުކުރަމުންދާ ކަމަށް ވިދާޅުވެފައެވެ. އަދި މި މައްސަލައަށް އަވަސް ޙައްލެއް ހޯދުމަށް ދެ ޤައުމުން ގުޅިގެން މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން އެކަމަނާ ދެއްވިއެވެ.

ދުނިޔޭގެ ތެލާއި ގުދުރަތީ ގޭހުގެ ފަސްބައިކުޅަ އެއްބައި އާންމުގޮތެއްގައި ދަތުރުކުރަނީ ހުރުމޫޒް ކަނޑުއޮޅިންނެވެ. ނަމަވެސް ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާއާއި އިސްރާއީލުން އީރާނަށް ދިން ޙަމަލާތަކާ ގުޅިގެން، އީރާނުން ވަނީ އެ މަގުން ބޯޓުފަހަރު ދަތުރުކުރުން ހުއްޓުވާފައެވެ.

އިންޓަނޭޝަނަލް އެނާޖީ އޭޖެންސީން ހާމަކުރާ ގޮތުގައި، އެ ކަނޑުއޮޅިން އުފުލާ ތެލުގެ އަށްޑިހަ އިންސައްތަ ޚާއްޞަކޮށްފައިވަނީ އޭޝިއާގެ ޤައުމުތަކަށެވެ. ޖަޕާނަށް ބޭނުންވާ ހަކަތައިގެ ތިންބައިކުޅަ އެއްބައި ފޯރުކޮށްދެނީ އޮސްޓްރޭލިއާއިންނެވެ. އަދި އޮސްޓްރޭލިއާގެ ގުދުރަތީ ގޭސް އެންމެ ގިނައިން ގަންނަ ޤައުމަކީވެސް ޖަޕާނެވެ.

މި ދަތުރުފުޅުގައި ދެ ޤައުމުގެ ދެމެދުގައި ހަކަތައާއި، އިޤުތިޞާދާއި، ދިފާޢީ އަދި މުހިންމު މައުދަންތަކާ ގުޅޭގޮތުން އެއްބަސްވުންތަކެއްގައި ވަނީ ސޮއިކޮށްފައެވެ.

އޮސްޓްރޭލިއާގެ ބޮޑުވަޒީރު އަލްބަނީޒް ވިދާޅުވި ގޮތުގައި، ޖަޕާނެކޭ އެއްފަދައިން އޮސްޓްރޭލިއާއިންވެސް ތެލުގެ ބާވަތްތައް ލިބުމުގައި ހުރި ދަތިތަކާ މެދު ކަންބޮޑުވެއެވެ.

މީގެ އިތުރުން، ޖަޕާނުގެ ބައިވެރިވުން ހިމެނޭ މައުދަން ނެގުމުގެ މަޝްރޫޢުތަކަށް 1.3 ބިލިއަން އޮސްޓްރޭލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދިނުމަށް އޮސްޓްރޭލިއާއިން ވަނީ ނިންމާފައެވެ. އަދި ދިފާޢީ ގުޅުން ބަދަހިކުރުމުގެ ގޮތުން، ޖަޕާނުން އޮސްޓްރޭލިއާގެ ކަނޑުގެ ސިފައިންނަށް 10 ބިލިއަން އޮސްޓްރޭލިއަން ޑޮލަރުގެ މޮގާމީ ކްލާހުގެ މަނަވަރުތަކެއް ފޯރުކޮށްދިނުމަށްވެސް ދާދިފަހުން ވަނީ އެއްބަސްވެފައެވެ.

comment ކޮމެންޓް