2028ގައި އެމްޑީޕީއަށް ވެރިކަން ހޯދައިދޭން 24 ގަޑިއިރު މަސައްކަތްކުރާނަން: ނަޝީދު

ކުރީގެ ރައީސް ނަޝީދު: ވިދާޅުވީ އެމްޑީޕީއަށް ވެރިކަން ހޯދައިދޭން މަސައްކަތްކުރައްވާނެ ކަމަށް --- ސަން ފޮޓޯ: އަޙްމަދު އިޔާދު

މައި އިދިކޮޅު ޕާޓީ އެމްޑީޕީއަށް 2028ވަނަ އަހަރު ވެރިކަން ހޯދައިދޭން މެދުކެނޑުމެއްނެތި، 24 ގަޑިއިރު މަސައްކަތްކުރައްވާނެ ކަމަށް، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެއެވެ.

"ބޮޑު ބަދަލު"ގެ ނަމުގައި، އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި އެ ޕާޓީގެ ޗެއާޕާސަންކަމަށް ވާދަކުރައްވާ ނަޝީދު ދ. ކުޑަހުވަދޫގައި ތިބި އެމްޑީޕީގެ ސަޕޯޓަރުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރޭ އެ ޕާޓީގެ މެންބަރަކު ވަނީ، އެމްޑީޕީއަށް ވެރިކަން ހޯދައިދިނުމަށްޓަކައި ނަޝީދު މަސައްކަތެއް ކުރައްވާނަންތޯ ސުވާލުކޮށްފައެވެ.

"ސައުވީސް ގަޑިއިރު، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް އެކަން ކުރެވޭނެ (ވެރިކަން އަލުން ހޯދޭނެ) އިނގޭތޯ،" އެމަނިކުފާނު ޖަވާބުގައި ވިދާޅުވިއެވެ.

ނަޝީދު ސަކަ މިޒާޖެއްގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، އެމަނިކުފާނުގެ ހަޔާތްޕުޅުގައި ކުރައްވަން އެނގިވަޑައިގެންނެވި ކަމަކީ "ވެރިކަމުން މީހުން ބޭލުން" ކަމަށެވެ.

"ރައީސް މައުމޫން [އަބްދުލްގައްޔޫމް] 30 އަހަރު ވެރިކަމުގައި އިންނެވީ، އަޅުގަނޑުމެންނަށް އެކަންވެސް ކުރެވިއްޖެ، ރައީސް [އަބްދުالله] ޔާމީން ހުރިހާ ބާރުތަކަކާއެކީ އިންނެވީ، އަޅުގަނޑުމެންނަށް އެކަންވެސް ކުރެވިއްޖެ،" ނަޝީދު ވިދާޅުވިއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރު ބަދަލުކުރަން ޖެހޭނެ ކަމަށް ވިދާޅުވެ، ނަޝީދު ވަނީ، މި ސަރުކާރު ބަދަލުކުރުމަށް އެމަނިކުފާނާ "އެއްވަރަށް މަސައްކަތްކުރާ އެކަކުވެސް ނުހުންނަ ވަރަށް" މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

ދެހާސް އަށްވަނަ އަހަރު ވެރިކަމަށް ވަޑައިގަތުމުގެ ކުރިން އެމްޑީޕީގެ ޗެއާޕާސަންކަން ކުރެއްވި ނަޝީދު، އެ މަގާމަށް ވާދަކުރައްވަން ނިންމެވިކަން ހާމަކުރެއްވީ މިދިޔަ އޭޕްރިލް މަހުގެ 19ވަނަ ދުވަހެވެ. އެމަނިކުފާނަށް، އެ މަގާމު ހޯދައި ދެއްވުމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޟް އިސްމާޢީލް ގެންދަވަނީ މަސައްކަތްކުރައްވަމުންނެވެ.

https://sun.mv/220834

ޗެއާޕާސަން ކަމަށް ނަޝީދު ވާދަކުރައްވާނެ ކަމާއި، ފައްޔާޟް ވެރިކަމަށް ގެނައުމަށް ތާއީދުކުރައްވާކަން ނަޝީދު ހާމަކުރެއްވުމުގެ އިތުރުން، އެ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައިވަނީ، ގާނޫނުއަސާސީއާއި ވެރިކަން ހިންގުމުގެ ނިޒާމަށް ގެންނަން ދެ ބޭފުޅުންނަށް ފެނިވަޑައިގަންނަވާ ގިނަ ބަދަލުތަކެއް ހުށަހަޅުއްވައިފައެވެ. އޭގެ ތެރޭގައި ދައުލަތުގެ އެންމެ އިސްވެރިޔާގެ އިތުރުން ސަރުކާރުގެ އިސްވެރިޔާއަކީ ވަކި ބޭފުޅެއް ގޮތުގައި ހަމަޖެއްސުން ހިމެނެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ނިޒާމީ ގިނަ ބަދަލުތަކެއް ގެންނަން ނަޝީދާއި ފައްޔާޟް ވަކާލާތުކުރައްވާތާ ދުވަސްތަކެއް ވެއްޖެއެވެ. އެ ބަދަލުތައް ގެންނަން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރަން ދެ ބޭފުޅުން ވަނީ ސަރުކާރަށް ގޮވާލައްވައިފައެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ނަޝީދުގެ ތާއީދު ފައްޔާޟަށް އޮންނާނެކަން ހާމަކުރެއްވިއިރު، އެމްޑީޕީގެ ތެރޭގައި ރިޔާސީ ޓިކެޓަށް އޮތް ވާދަވެރިކަން ވަރަށް ބޮޑެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވެސް މީގެ ކުރިން އެ ފަދަ ޝައުގުވެރިކަމެއް ފާޅުކުރެއްވިއެވެ. އަދި، އެ ޕާޓީގެ ރައީސް ޢަބްދުﷲ ޝާހިދު ވެސް އެ ކަމަށް މަސައްކަތްކުރައްވާ ކަމަށް އަޑުފެތުރޭއިރު، އޭގެ އިތުރުން ވެސް އެހެން ބައެއް ބޭފުޅުންގެ ޝައުގުވެރިކަން ރިޔާސީ ޓިކެޓަށް އެބައޮތެވެ.

ފައްޔާޟާއި ނަޝީދު އެކުގައި މަސައްކަތްކުރައްވާއިރު، އެ ބޭފުޅުންނާއި އެ ޕާޓީގެ ލީޑާޝިޕާ މެދުގައި ކައުންސިލް އިންތިޚާބަށް ފަހު ނުތަނަވަސްކަމެއް އުފެދުނެވެ. އެ ގޮތުން، ދެ ބޭފުޅުންނަށް ވާހަކަދައްކަވަން ފުރުސަތު ނުދެއްވި ކަމަށް ވިދާޅުވެ، އެ ދެ ބޭފުޅުން ވަނީ ކައުންސިލް އިންތިޚާބުގެ ކާމިޔާބީ ފާހަގަކުރަން އެ ޕާޓީން ބޭއްވި ޖަލްސާއަށް ވެސް ވަޑައިނުގަންނަވަން ނިންމަވައިފައެވެ.

comment ކޮމެންޓް