ޒިނޭގެ ތުހުމަތާއި ޒިނޭއަށް އިޢުތިރާފުވުން

މި ލިޔުމަކީ ޒިނޭގެ ތުހުމަތުކުރުމާއި އެކަމަށް އިޢުތިރާފުވުމާ ގުޅޭގޮތުން އިސްލާމްދީނުގައި ކަނޑައެޅިފައިވާ ހަރުކަށި އުސޫލުތައް ހަނދާންކޮށްދޭ، އަދި އެކަންކަމާމެދު ފަރުވާކުޑަނުކުރުމަށް ގޮވައިލާ ދެވިފައިވާ ވަރަށް މުހިންމު ދީނީ ނަސޭހަތެކެވެ. ޒިނޭއަކީ الله ޙައްދު ކަނޑައަޅުއްވައިފައިވާ ބޮޑުވެގެންވާ ފާފައެއްކަމާއި، އެ ފާފަޔާ ގާތްވުން ވެސް މަނާކުރައްވައިފައިވާކަން ކީރިތި ޤުރުއާނުގެ އާޔަތްތަކުން ވަރަށް ސާފުކޮށް ސާބިތުވެއެވެ. މީހެއްގެ މައްޗަށް މިފަދަ ބޮޑު ތުހުމަތެއް ކުރާނަމަ، އެކަމަށް ބޭނުންވާ ފުރިހަމަ ޝަރުޢީ ހެއްކާއެކު ޤާޒީއަށް މައްސަލަ ހުށަހަޅަންޖެހޭނެކަން ލިޔުމުގައި ބަޔާންކޮށްފައިވެއެވެ. އަދި ހަމައެހެންމެ، މީހަކު އަމިއްލައަށް އެކަމަށް އިޢުތިރާފުވެއްޖެނަމަ، އޭނާގެ މައްޗަށް ޝަރުޢީ ޙައްދު ޤާއިމުކުރަންޖެހޭނެކަން ވެސް ފާހަގަކޮށްފައިވެއެވެ. މި ދުވަސްވަރު މީސްމީޑިއާގައްޔާއި އާންމު މުޖުތަމަޢުގައި ޒިނޭގެ ވާހަކަތައް މަޖަލަކަށް ހަދައި، އެކިއެކި ފޮޓޯތަކާއި ވީޑިއޯތައް ފެތުރުން އާންމުވެފައިވުމަކީ ނުހަނު ކަންބޮޑުވާންޖެހޭ ކަމެކެވެ. ޚާއްޞަކޮށް ސިޔާސީ ބޭނުންތަކަށާއި، ވަކި ބަޔަކަށް މަލާމާތްކުރުމަށް ނުވަތަ އަބުރު ކަތިލުމަށް މިފަދަ ވާހަކަތައް ފެތުރުމަކީ الله އަށާއި އެކަލާނގެ ރަސޫލާއަށް ފުރައްސާރަކުރުންފަދަ ނުރައްކާތެރި، އަދި އެހާމެ ބޮޑު ކުށެކެވެ. އެކަށީގެންވާ ހަތަރު ހެކިން ނެތި މީހުންގެ މައްޗަށް ތުހުމަތުކުރުމަކީ ޤަޛުފުގެ ކުށްކަމާއި، އެއީ ދުނިޔޭގައި އޭގެ ޙައްދު ލިބޭނެ އަދި އާޚިރަތުގައި ބޮޑުވެގެންވާ ޢަޛާބު ލިބެނިވި ކަމެއްކަން މި ލިޔުމުގައި ހަރުކަށި ޢިބާރާތުން އިންޒާރުދީފައިވެއެވެ. އެހެންކަމުން، ދުނިޔަވީ އެއްވެސް މަންފާއަކަށްޓަކައި އާޚިރަތް ނަގައިނުލުމަށާއި، ނޭނގޭ ކަންކަމުގެ ވާހަކަ ދެއްކުމުން ދުރުހެލިވެ، الله އަށް ބިރުވެތިވުމަށް ވަޞިއްޔަތްކޮށްފައިވެއެވެ.

  • ޒިނޭއަކީ الله ގެ ޙަޟްރަތުގައި ބޮޑުވެގެންވާ ފާފައެއްކަމާއި، އޭގެ ވާހަކަ މަޖަލަކަށް ހަދައިގެން ނުދެއްކުން.
  • މީހެއްގެ މައްޗަށް ޒިނޭގެ ތުހުމަތުކުރާނަމަ، ހަތަރު ހެކިންނާއެކު ޝަރުޢީ ކޯޓަށް މައްސަލަ ހުށަހެޅުން.
  • ހެކިނެތި މީހުންގެ މައްޗަށް ތުހުމަތުކުރުމަކީ ޤަޛުފުގެ ކުށަށްވެ، އޭގެ ޙައްދު ލިބޭނެ ކަމެއްކަން.
  • މީސްމީޑިއާގައި މިފަދަ ވާހަކަތަކާއި ފޮޓޯތައް ފެތުރުން ހުއްޓައިލައި، الله އަށް ބިރުވެތިވުން.

ޒިނޭގެ ތުހުމަތުކުރުމާއި ޒިނޭއަށް އިޢުތިރާފުވުމަކީ ސަމާސާ ކަމެއްގެ ގޮތުގައި ނުދެކޭށެވެ. މިއީ ސިޔާސީ ވާހަކައެއް ނޫނެވެ. މިއީ ކޮންމެ މުސްލިމަކު ވެސް ވިސްނައިލުމަށް، ދޭ ނަސޭހަތެކެވެ.

ޒިނޭއަކީ ﷲ ޙައްދު ކަނޑައަޅުއްވައިފައި އޮތް ފާޙިޝް ޢަމަލެކެވެ. ޒިނޭއަށް މަގުފަހިވާން ހުރި ދޮރުތައް ބަންދުކުރެއްވުމުގެ ގޮތުން ﷲ تعالى ޒިނޭކުރުން މަނާކުރެއްވީ އެކަންޏެއް ނޫނެވެ. އެއާ ކައިރިވުން ވެސް ނަހީކުރެއްވީއެވެ. އެއިލާހު ވަޙީކުރެއްވިއެވެ. ﴿وَلَا تَقْرَبُوا الزِّنَىٰ إِنَّهُ كَانَ فَاحِشَةً وَسَاءَ سَبِيلًا﴾‏ ‎(الإسراء: ٣٢)‏ މާނައީ: "އަދި ތިޔަބައިމީހުން ޒިނޭއާ ގާތްނުވާށެވެ! ހަމަކަށަވަރުން، އެއީ ހުތުރުކަން ބޮޑުވެގެންވާ ފާފައެއް ކަމުގައި ވިއެވެ. އަދި މަގެއްގެ ގޮތުން އެ ކަންތައް ހާދަހާ ނުބައިވެގެން ވެއެވެ."

މުސްލިމަކާމެދު ޒިނޭގެ ތުހުމަތުކުރެވޭ ނަމަ، އެ ކަމަށް ލިބެންހުރި ހެއްކާ އެކު، ޣާޒީގެ އަރިހަށް މައްސަލަ ހުށައަޅަންވާނެއެވެ. އަދި ޢަދުލުވެރި ގޮތުގައި ހެކިން ހެކިބަސް ބުނަން ވާނެއެވެ. ޒިނޭކުރިކަމަށް މީހަކު އިޢުތިރާފުވުމަކީ އޭނާގެ މައްޗަށް ﷲގެ ޙައްދު ޤާއިމުކުރަން ވާނެ ކަމެކެވެ. މީހެއްގެ އިޢުތިރާފަށްވުރެ ބާރުގަދަ ހެއްކެއް އެ ކަމުގެ މައްޗަށް ނުވެއެވެ.

ޒިނޭގެ ކުށް މީހެއްގެ މައްޗަށް ސާބިތުވެއްޖެއްޔާ އޭނާގެ ގައިގައި ހައްދު ޖަހަން ވާނެއެވެ. އަދި ހައްދު ޖަހާ މަންޒަރު މުއުމިނުންގެ ތެރެއިން ބަޔަކު ދެކެން ވެސް ވާނެއެވެ. މާތް ﷲ ވަޙީކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ. "ޒިނޭކުރާ އަންހެނާއާއި، ޒިނޭކުރާ ފިރިހެނާއާއި ދެ މީހުންކުރެ ކޮންމެ މީހަކުގެ ގައިގައި، ސަތޭކަ އެތިފަހަރުން ޙައްދު ޖަހާށެވެ! އަދި ﷲއަށާއި އާޚިރަތްދުވަހަށް ތިޔަބައިމީހުން އީމާންވާ ކަމުގައި ވަނީ ނަމަ، ﷲގެ ދީނުގައި އެ ދެ މީހުންނާމެދު އޯގާވެރިކަމެއް ތިޔަބައިމީހުން ނުބަހައްޓާހުށި ކަމެވެ! އަދި އެ ދެ މީހުންނަށް ދެވޭ ޢުޤޫބާތް، މުއުމިނުންގެ ބަޔަކު ދެކޭހުށި ކަމެވެ!" (އައްނޫރު :2)

ޒިނޭގެ ވާހަކައަކީ ބިރުވެތިކަމާ އެކު ނޫނީ ދައްކައިގެން ނުވާނެ ވާހަކައެކެވެ. ސިޔާސީ ބޭނުމަކަށް ވިޔަސް އެފަދަ ވާހަކަ ދެއްކުމަކީ ޤިޔާމަތްދުވަހުގެ ސުވާލުތަކަށް ޖަވާބުދޭން ނުޖެހޭނެ ކަމެއް ކަމުގައި ނުދެކޭށެވެ. އެ ކަން އެ ގޮތަށް ކުރާ ކޮންމެ މީހަކަށް ސާފު ބަހުން އިންޒާރުކޮށް ނަސޭހަތްތެރިވަމެވެ. އެބަޔަކު ﷲއަށް ބިރުވެތިވާށެވެ! އެއިލާހުގެ ދީން ކުޅިވަރެއް ކަމުގައި ނުހަދާށެވެ.

މިފަދަ ވާހަކަތަކަކީ އަނގަމަޖާކޮށްލަން ނުވަތަ ހަމަ މިހެންތިބެފައި ދައްކައިލި ވާހަކައަކަށް ވެސް ނުހަދާށެވެ. އެ ގޮތަށް އެ ކަން ކުރުމުން މަލާމާތްކޮށް ކުޑައިމީސް އެ ކުރެވެނީ ﷲއާއި އެއީލާހުގެ ފޮތަށާއި އެއިލާހުގެ ނަބިއްޔާއަށެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ﴿وَلَئِن سَأَلْتَهُمْ لَيَقُولُنَّ إِنَّمَا كُنَّا نَخُوضُ وَنَلْعَبُ قُلْ أَبِاللَّهِ وَآيَاتِهِ وَرَسُولِهِ كُنتُمْ تَسْتَهْزِئُونَ﴾‏ ‎(التوبة: ٦٥)‏ މާނައީ: "ހަމަކަވަރުން، ކަލޭގެފާނު، އެއުރެންނާ ސުވާލުކުރައްވައިފި ނަމަ، އެއުރެން ދަންނަވާނެކަން ކަށަވަރެވެ. ހަމަކަށަވަރުން، ތިމަންމެން ހަމައެކަނި ވާހަކަދައްކާލައި، ކުޅިވަރު ކުޅޭ ކަމުގައި ވީމުއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ތިޔަ މަލާމާތްކޮށް އުޅުނީ، ﷲއާއި، އެކަލާނގެ އާޔަތްތަކާއި، އެކަލާނގެ ރަސޫލާއަށް ހެއްޔެވެ؟"

ރަށުތެރޭ މިއަދު ޒިނޭގެ ވާހަކަ އާންމުވެއްޖެވެ. އެއީ އެއްވެސް ބިރުވެތި ކަމެއް ނެތި ދެކެވޭ މަޖާ ވާހަކައަކަށް ހަދައިފިއެވެ. ޒިނޭގެ ތުހުމަތާ ގުޅިގެން އެތައް ފޮޓޮޔަކާއި ވީޑިއޯއެއް ވެސް މީސްމީޑިއާގައި އެބަ ދައުރުވެއެވެ. އޭގެތެރޭގައި ގިނައީ އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން އުފައްދާފައިވާ ތަކެތި ކަން އެނގިއެނގި ތިބެ ވެސް އެއްވެސް ފަރުވާލެއް ނެތި ރީ-ޕޯސްޓުކޮށް ފޯވަރޑްކޮށް އެބަހަދައެވެ. ސަމާސާކޮށްލާށާއި ތިމާއަށް ވެސް މި ތަކެތި އެބަ ފެނޭކަން އަންގައިލަން ބައެއް މީހުން އެކަކު އަނެކަކަށް ފޮނުވަނީއެވެ. ނުވަތަ ނުރުހޭ މީހެއްގެ މައްޗަށް އޭގެ ތުހުމަތު އަމާޒުވާތީ، ރުޅިވެރިކަމުގައި އެ ތަކެތި ފަތުރަނީއެވެ.

ލޮބުވެތި ކިޔުންތެރިންނޭވެ! ދިވެހި ރައްޔިތުންނޭވެ! ﷲއަށް ބިރުވެތިވާށެވެ! މިއީ އަޅުގަނޑުގެ އަމިއްލަ ނަފުސަށް ކުރާ ވަޞިއްޔަތެކެވެ. އެއަށްފަހު ތިޔަ އެންމެންނަށް ފޮނުވާ ހަނދާންކޮށްދިނުމެކެވެ. ޒިނޭގެ ވާހަކައަކީ ބޮޑު ވާހަކައެކެވެ. ޒިނޭ ކުރެވޭ މީހުން އާންމުކޮށް އެ ވާހަކަ ދައްކާކަށް ނުވާނެއެވެ. އޭގެ ފަޚުރުން ތިމާ ބޮޑާވާކަށް، އެއީ މާ ރީތި ޢަމަލެއް ނޫނެވެ. އެ ކަމުން އޮތީ ދެ ދުނިޔޭގެ މަލާމާތާއި ވޭނެއެވެ. ޒިނޭގެ ތުހުމަތު ވެސް ނާޅުވާށެވެ.

މީހެއްގެ މައްޗަށް ޒިނޭގެ ތުހުމަތުކޮށް ދެކެވޭ ވާހަކައަކީ ޙަޤީޤަތާ ޚިލާފު ވާހަކައަކަށް ވެއްޖެއްޔާ އެ އީ މީހެއްގެ މައްޗަށް ކުރެވޭ ޤަޛުފެކެވެ. ޒިނޭގެ ތުހުމަތު ޤަޛުފަކަށް ވަނީ ކުރެވޭ ތުހުމަތުގެ މައްޗަށް ހެކި ނުގެނެވިއްޖެއްޔާއެވެ. ‎﴿وَالَّذِينَ يَرْمُونَ الْمُحْصَنَاتِ ثُمَّ لَمْ يَأْتُوا بِأَرْبَعَةِ شُهَدَاءَ فَاجْلِدُوهُمْ ثَمَانِينَ جَلْدَةً وَلَا تَقْبَلُوا لَهُمْ شَهَادَةً أَبَدًا وَأُولَـٰئِكَ هُمُ الْفَاسِقُونَ﴾ ‎(النور: ٤)‏ މާނައީ: "ޢިއްފަތްތެރި އަންހެނުންނަށް ޤަޛުފުކުރާމީހުން (އެ ކަމުގެ މައްޗަށް) ހަތަރު ހެކިން ނުގެނައި ނަމަ، ފަހެ، އެއުރެންގެ ގައިގައި އަށްޑިހަ އެތިފަހަރުން ޙައްދު ޖަހާށެވެ! އަދި ދުވަހަކު ވެސް އެއުރެންގެ ހެކިބަހެއް ތިޔަބައިމީހުން ޤަބޫލުނުކުރާށެވެ! އަދި އެއުރެންނީ، ހަމަ، ފާސިޤުންނެވެ."

އެ މީހަކަށް ނޭނގޭ ކަމެއްގެ ވާހަކަދެއްކުމުގައި އަޅުގަނޑުމެން ﷲއަށް ބިރުވެތިވާން ޖެހޭނެއެވެ. ކަނޑައެޅިގެން ޔަޤީންކަމާ އެކު އެނގޭ ކަންކަމާއި، އެ މީހެއްގެ އަތުގައި ހެކި ހުރި ކަމެއްގެ ވާހަކަ ދައްކަން ޖެހޭ ފަރާތްތަކުގައި އޭގެ އުސޫލުތަކާ އެއްގޮތަށް މީހަކު ދެއްކިޔަސް، ނޭނގޭ ކަންކަމުގެ ވާހަކަ ދެއްކުން އެއީ އަދި މާ ގޯސް ކަމެކެވެ. ﴿وَلَا تَقْفُ مَا لَيْسَ لَكَ بِهِ عِلْمٌ إِنَّ السَّمْعَ وَالْبَصَرَ وَالْفُؤَادَ كُلُّ أُولَـٰئِكَ كَانَ عَنْهُ مَسْئُولًا﴾‎ (الإسراء: ٣٦)‏ މާނައީ: " އަދި ތިބާޔަށް އެ ކަމަކާމެދު އެނގުމެއް ނުވާ ކަމަކަށް، ތިބާ ތަބާނުވާށެވެ! ހަމަކަށަވަރުން، އިވުމާއި، ފެނުމާއި، ހިތާއި، މިއިން ކޮންމެ ކަމަކީ، އެއާމެދު ސުވާލުކުރައްވާނެ ކަމެއް ކަމުގައި ވިއެވެ." މިހުރީ އަޅުގަނޑުމެންގެ އަމިއްލަ ރައްކަލަށް ޓަކައި ވިސްނަން ޖެހޭ ކަންކަމެވެ.

އުންމުލްމުއުމިނީނަ ޢާއިޝަތުގެފާނުގެ އިސްތަށިފުޅުގައި ޒިނޭގެ ތުހުމަތު އަޅުވައިގެން ރަށުތެރޭ އެ ވާހަކަ ދެކެވުނު ހިނދު އެ ކަމަށް ޢަމަލުކުރުން ރަނގަޅު ގޮތް ބަޔާން ކުރައްވާ މާތް ﷲ އެންގެވި ބަސްފުޅު މި އޮތީ ވަރަށް ސާފުކޮށް ފެންނާށެވެ. ﴿لَّوْلَا إِذْ سَمِعْتُمُوهُ ظَنَّ الْمُؤْمِنُونَ وَالْمُؤْمِنَاتُ بِأَنفُسِهِمْ خَيْرًا وَقَالُوا هَـٰذَا إِفْكٌ مُّبِينٌ﴾ ‎(النور: ١٢) މާނައީ: "އެ ވާހަކަ އިވުނުހިނދު، މުއުމިނު ފިރިހެނުންނާއި، މުއުމިނު އަންހެނުން އެއުރެންގެ އަމިއްލަ ނަފުސުތަކާމެދުގައި ހެޔޮކޮށް ހީނުކުޅައީ ކީއްވެގެން ބާވައެވެ؟ އަދި މިއީ، ބަޔާންވެ ފާޅުވެގެންހުރި ބޮޑު ދޮގެކޭ ނުބުނީ ކީއްވެގެން ބާވައެވެ؟" އަދި ވެސް ﷲ ސުވާލުކުރެއްވިއެވެ. ﴿ لَّوْلَا جَاءُوا عَلَيْهِ بِأَرْبَعَةِ شُهَدَاءَ ۚ فَإِذْ لَمْ يَأْتُوا بِالشُّهَدَاءِ فَأُولَٰئِكَ عِندَ اللَّهِ هُمُ الْكَاذِبُونَ﴾ ‎(النور: ١٣) މާނައީ: "އެކަމުގެ މައްޗަށް އެއުރެން ހަތަރުހެކިން ނުގެނައީ ކީއްވެގެން ހެއްޔެވެ؟ ފަހެ، އެއުރެން (އެ ކަން ދެނެހުރެ) ހެކިން ނުގެނައިހިނދު، ފަހެ، ﷲގެ ޙަޟްރަތުގައި އެއުރެންނީ ހަމަ ދޮގުހަދާ މީހުންނެވެ."

އަދި ވެސް އެއްފަހަރު ބުނަމެވެ. މި ވާހަކަތައް ސަމާސާކޮށް ނުނަގާށެވެ! ﷲއަށް ބިރުވެތިވާ ޙާލު މެނުވީ މި ވާހަކަތައް ނުދައްކާށެވެ. ދުނިޔޭގެ އެއްވެސް މަންފާއެއް ހޯދުމަށް އާޚިރަތް ނަގައިނުލާށެވެ! މިއީ ސިޔާސީ ވާހަކައެއް ނޫނެވެ.

comment ކޮމެންޓް