މާތް ﷲއީ ދިރުއްވައި މަރުގަންނަވާ ރަސްކަލާނގެއެވެ. ކާއިނާތު ފެއްޓެވީ އެ އިލާހެވެ. އޭގެ ނިމުން ވެސް ގެންނަވާނީ އެ އިލާހެވެ. ފެށިއްޖެ ކޮންމެ ކަމެއް ނިމޭނެއެވެ. އަލުން އައު ހެނދުނަކަށް އިރުއަރައިފާނެވެ.
ފެށުމާއި ނިމުމުގެ އަސްލަކީ ހަޔާތާއި މައުތެވެ. މަރެވެ. މާތް ﷲ އުފެއްދެވި އެންމެ ބޮޑު ޙަޤީޤަތަކީ ދިރުމާއި މަރުވުމެވެ. އެކަލާނގެ ދިރިހުރުމާއި މަރުވުން ހެއްދެވީ އަޅުތަކުންގެ ތެރެއިން މާތް ﷲއަށް އެންމެ ކިޔަމަންތެރިކަން ބޮޑީ ކާކުތޯ ބެއްލެވުމަށެވެ. އަދި އެ މީހުންގެ ތެރެއިން އެންމެ ޢަމަލު ރަނގަޅީ ކާކުތޯ އިމްތިޙާނުކުރެއްވުމަށެވެ. އެއީ މޮޅަށް ދެނެވޮޑިގެންވާ އިލާހުގެ އަޒަލީ ޢިލްމުފުޅުގެ މައްޗަށް ބިނާކުރައްވައި އެބައިމީހުންގެ ޢަމަލުތަކަށް، ޖަޒާދެއްވުމުގެ ބަދަލުގައި އެބައިމީހުންގެ ޢަމަލުތަކުން އެ ކަންކަމަށް ހެކިކުރައްވައި އޭގެ މައްޗަށް ޖަޒާއާއި ސަޒާ ދެއްވުމަށެވެ. އެކަލާނގެ ދިރުމާއި މަރުވުން އުފެއްދެވީ އެ ބޭނުމުގައި ކަން ބަޔާންކުރައްވައި ވަޙީކުރެއްވިއެވެ. ﴿الَّذِي خَلَقَ الْمَوْتَ وَالْحَيَاةَ لِيَبْلُوَكُمْ أَيُّكُمْ أَحْسَنُ عَمَلًا وَهُوَ الْعَزِيزُ الْغَفُورُ﴾ (الملك: ٢) މާނައީ: "އެކަލާނގެއީ ތިޔަބައިމީހުންކުރެ އެންމެ ޢަމަލު ރަނގަޅީ ކާކުތޯ އިމްތިޙާނުކުރެއްވުމަށް ޓަކައި، މަރުވުމާއި، ދިރިހުރުން، އުފެއްދެވި ރަސްކަލާނގެއެވެ. އަދި އެކަލާނގެއީ، ޢިއްޒަތްވަންތަ، ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެއެވެ."
މި އާޔަތުގައި އެވާ "لِيَبْلُوَكُمْ"ގެ މާނައީ އިމްތިހާނުކުރާ ފަރާތަކުން ޢަމަލުކުރާ ފަދައިން ތިޔަބައިމީހުންނާ މެދު ޢަމަލުކުރެއްވުން ކަމުގައި ތަފްސީރު ޢިލްމުވެރިން ވިދާޅުވެއެވެ. އެހެނީ، މާތް ﷲއީ އަޒަލީ ޢިލްމުފުޅުގައި ކިޔަމަންތެރިންނާއި ނުކިޔަމަންތެރިން ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. އެ ކަން ދެނެވޮޑިގެންވާ ހާލުމެ މި އިންތިހާނުގެ ގޮވަތި އުފައްދަވައި، އެ ތަނުގައި އިންސާނުން ލައްވައި، މި ވާހަކަ ވަޙީކުރެއްވިއިރު، ﴿أكثر عملاً﴾ (އެންމެ ޢަމަލު ގިނައީ)އޭ ވަޙީނުކުރައްވައެވެ. އެކަލާނގެ ވަޙީކުރެއްވީ ﴿أَحْسَنُ عَمَلًا﴾ (އެންމެ ޢަމަލު ރަނގަޅީ)އޭ އެވެ. އެއީ، ކިތަންމެ ގިނަ ޢަމަލެއް ކުރިޔަސް ހުތުރު ޢަމަލު ކަމުގައި އެ ޢަމަލު ވާ ނަމަ އޭގެ އަދަދު ގިނަވުމުގެ ފައިދާއެއް ނެތެވެ.
ފަހެ، ޢަމަލަކީ މާތް ﷲގެ ޙަޟްރަތުގައި ޤަބޫލުކުރެވޭ ރަނގަޅު ޢަމަލަކަށް ވުމަށް ޓަކައި، ރަސޫލުﷲ صَلَّىٰ اللهُ عَلَيْهِ وَسَلَّم ކުރެއްވި ގޮތަށް އެ ކަމެއް ކުރަން ޖެހޭނެއެވެ. އަދި ހަމަ އެހެންމެ މާތް ﷲގެ ވަޖުހުފުޅަށް ޓަކައި އިޚްލާޞްތެރިކަމާ އެކު މެނުވީ އެ ކަމެއް ކޮށްގެން ނުވާނެއެވެ.
ދެން އެ އާޔަތުގައި އެ އަންގަވާ އަނެއް ވާހަކައަކީ މަރުވުން ލެއްވި ކަމުގެ ވާހަކައެވެ. މަރުވުމަކީ މުޅިން ފަނާވެ ދިއުމެއް ނޫނެވެ. އަދިކިއެއް! އެ ކަމަކީ އިންސާނާގެ ފުރާނަޔަށް ﷲ ކަނޑައަޅުއްވައިފައި ވާ އެއް ގޮވަތިން އަނެއް ގޮވައްޗަށް ބަދަލުވާވުމެކެވެ. އެހެންކަމުން، މަރުވެފައިވާ މީހާގެ ފުރާނަ ނެތް ޖިސްމު އެ ވަނީ މި ދުނިޔެއަށް މަރުވެފައެވެ. ދެން އޮންނާނީ އެ ޖިސްމު މިތަނުގައި ފަނާވެ ދިޔުމެވެ. އެހެނަސް އެ ޖިސްމުން ނެރެވުނު ފުރާނައަށް، ފެންނާނޭ ކަމާއި އެއަށް އިޙްސާސްވެ އަޑުއިވޭނޭ ކަމުގައި ޞައްޙަ ޙަދީޘްތަކުން އެނގެން އެބަ އޮތެވެ. ޞަޙީޙުލް ބުޚާރީގައި ގެންނަވައިފައި ވެއެވެ. عَنْ أَنَسِ بْنِ مَالِكٍ ـ رضى الله عنه ـ أَنَّ رَسُولَ اللَّهِ صَلَّىٰ اللهُ عَلَيْهِ وَسَلَّم قَالَ «إِنَّ الْعَبْدَ إِذَا وُضِعَ فِي قَبْرِهِ، وَتَوَلَّى عَنْهُ أَصْحَابُهُ، وَإِنَّهُ لَيَسْمَعُ قَرْعَ نِعَالِهِمْ، أَتَاهُ مَلَكَانِ... » (صحيح البخاري، كتاب الجنائز، باب ما جاء في عذاب القبر) މާނައީ: އަނަސު ބްނު މާލިކު رضي الله عنهގެ އަރިހުން ރިވާވެގެން ވެއެވެ. ރަސޫލުﷲ صَلَّىٰ اللهُ عَلَيْهِ وَسَلَّم ޙަދީޘުކުރެއްވިއެވެ. "ހަމަކަށަވަރުން އަޅާ ކަށްވަޅުގައި ބޭއްވުމަށްފަހު އޭނާގެ އެކުވެރިން އެނބުރި ދާއިރު އަދި އެބައިމީހުންގެ ފައިވާނުގެ އަޑު އޭނާއަށް އިވިއިވި ހުންނައިރު އޭނާގެ ގާތަށް ދެ މަލާއިކަތުން އަންނާނެއެވެ."
ބަދުރު ހަނގުރާމައިގެ ދުވަހު އެއް ވަޅުގަނޑެއްގައި ވަޅުލެވުނު މީހުންނާ ބެހޭ ގޮތުން ރަސޫލުﷲ صَلَّىٰ اللهُ عَلَيْهِ وَسَلَّم ޙަދީޘުކުރެއްވީ މިފަދައިންނެވެ. عَنْ أَنَسِ بْنِ، مَالِكٍ أَنَّ رَسُولَ اللَّهِ صَلَّىٰ اللهُ عَلَيْهِ وَسَلَّم قَالَ «وَالَّذِي نَفْسِي بِيَدِهِ مَا أَنْتُمْ بِأَسْمَعَ لِمَا أَقُولُ مِنْهُمْ وَلَكِنَّهُمْ لاَ يَقْدِرُونَ أَنْ يُجِيبُوا» (صحيح مسلم) މާނައީ: "އަނަސު ބްނު މާލިކު رضي الله عنهގެ އަރިހުން ރިވާވެގެން ވެއެވެ. ހަމަކަށަވަރުން ރަސޫލުﷲ صَلَّىٰ اللهُ عَلَيْهِ وَسَلَّم ޙަދީޘުކުރެއްވިއެވެ. "އެކަލާނގެ ކުޅަދުންވަންތަކަމުގެ ދަށުގައި ތިމަންކަލޭފާނުގެ ނަފުސުވާ ރަސްކަލާނގެ ގަންދެއްވަމެވެ. ތިމަންކަލޭގެފާނު އެބައިމީހުންނަށް ވިދާޅުވާ ބަސްފުޅު އެބައިމީހުންނަށްވުރެ ބޮޑަށް އަޑުއަހާ ބަޔަކު ކަމުގައި ތިޔަބައިމީހުން ނުވެއެވެ. އެހެނެއްކަމަކު ޖަވާބުދިނުމުގެ ކުޅަދާނަކަން އެބައިމީހުންނަށް ލިބިގެން ނުވަނީއެވެ."
އެހެންކަމުން އެއް ގޮވަތިން ނުކުމެގެން ފުރާނަތައް އެ ދަނީ މުޅިން އެހެން ގޮވައްޗަކަށެވެ. އެއީ އަދި އޭނާގެ ޢާޚިރު ގޮވައްޗެއް ވެސް ނޫނެވެ. އެއީ އޭނާގެ ދާއިމީ ގޮވައްޗަށް ދާން ކުރާ ދަތުރުގެ އެހެން މަރުހަލާއެކެވެ. އޭނާގެ އާޚިރު ގޮވައްޗަކީ، އެހެންޏާ ސުވަރުގެއެވެ. އެހެންޏާ ނަރަކައެވެ. އެ ފުރާނައަށް ތަނެއް ކަނޑައެޅުމުގެ އިމްތިޙާނު އޮތީ މިހާރު އަޅުގަނޑުމެން ދިރިއުޅެމުން މި އަންނަ އަރުޟުއް ދުންޔާގައެވެ. އެއީ މި ދުނިޔޭގެ ހަޔާތެވެ. މި ދުނިޔޭގެ ހަޔާތުގައި އެންމެ ރިވެތި ގޮތުގައި ޢަމަލުކުރާށެވެ!