މުސްލިމަކަށް ވީތީ ކޮންމެހެން ސަމާލުވާންޖެހޭ މުހިންމު ތިން ކަމެއް އެބަ އޮތެވެ. އެއީ އެ ތިންކަންތަކާ މެދު ސަމާލުވެ ރައްކާތެރިވުމަށް ﷲގެ ރަސޫލާ މުސްލިމުންނަށް އިރުޝާދުދެއްވައިފައި އޮތް ތިން ކަންތަކެވެ.
އިސްލާމްދީން ގޮވައިލަނީ، މީސްތަކުންގެ މެދުގައި އަމާންކަމާއި ޞުލްޙަ މަސަލަސްކަން ޤާއިމުކުރުމަށެވެ. އަނެކުންނަށް އުނދަގޫ ނުކުރުމާއި މީހުންގެ އަބުރު ކަތިނުލުމާއި މުދަލަށް ރައްކައުތެރިކަން ހޯދައިދިނުމެވެ. މުޖްތަމަޢުގެ ހަމަޖެހުމާއި އަމާންކަން ނަގައި ނުލުމެވެ. ޢާއިލާތައް ޙިމާޔަތްކުރުމެވެ. ފަރުދީ ހަމަޖެހުން ގެނައުމެވެ. މި ދީނުގެ ފިލާވަޅުތައް ހުރީ އެފަދައިންނެވެ.
މިއަދުގެ ލިޔުމުގައި އިސްލާމީ އަޚުލާޤުގެ ތެރެއިން ޢަމަލީ ގޮތުން ސަމާލުވާންވީ ތިން ކަމެއްގެ ވާހަކަ ލިޔެލާނަމެވެ. މިއީ އަލްމުޣީރާގެ އަރިހުން އިމާމް ބުޚާރީ ރިވާކުރައްވައިފައި އޮތް ޙަދީޘެއްގައި ބަޔާންވެގެން އަންނަ ވާހަކައެކެވެ. ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّم ޙަދީޘްކުރެއްވިއެވެ. «إنَّ اللَّهَ كَرِهَ لَكُمْ ثَلَاثًا: قيلَ وَقالَ، وإضَاعَةَ المَالِ، وَكَثْرَةَ السُّؤَالِ» (أخرجه البخاري :1477) މާނައީ: "ހަމަކަށަވަރުން ތިން ކަމަކަށް ތިޔަބައިމީހުނަށް ﷲ ނުރުހުންތެރިވެވޮޑިގެން ވެއެވެ. (އެއީ) ބުންޏޭ ބުންޏޭ ކިޔައިގެން ވާހަކަ ފެތުރުމާއި، ގެއްލެނިމަގުން މުދާ އިސްރާފުކުރުމާއި ސުވާލު ގިނަކުރުމެވެ."
މި ޙަދީޘުގައި ބަޔާންވެފައި އެވާ ތިން ކަމަކީ ވެސް މުސްލިމު ކޮންމެ ފަރުދެއް އިންކާރުކުރުމެއްނެތި އޭގެ ގޯސްކަމަށް އިއްތިފާޤުވާނޭ ތިން ކަންތަކެވެ. އެއްވެސް މީހަކު އޭނާގެ އަމިއްލަ ނަފުސަށް މިއިން އެއްވެސް ކަމެއް ކުރިމަތިވާން ނޭދޭނެއެވެ. މީގެ ނުބައިކަމުން ސަލާމަތްވާން އެދޭނެއެވެ.
މި ޙަދީޘުގައި އެވާ ފަދައިން "ބުންޏޭ ބުންޏޭ" ކިޔުމަކީ މީސްތަކުންގެ ޢަބުރަށް ގެއްލުން ލިބޭނޭ ކަމެކެވެ. އަދި ހަމައެހެންމެ އެއީ ތިމާއާ ގުޅުމެއް ނެތް ކަންކަމުގެ ތެރެއަށް ވަދެވޭ ވަދެވުމެކެވެ. މުދާ ގެއްލެނިކުރުމަކީ ފައިދާއެއް ނެތް ކަންކަމުގައި މުދާ ހޭދަކޮށް އެ މުދާ އިސްރާފުކުރުމެވެ. ޝަރުޢީ އެއްވެސް ސަބަބަކައި ނުލައި މުދާ ހަލާކުކުރުމާއި ފާފައަށް މަގުފަހިވާ ގޮތަށް މުދަލުން ހޭދަކުރުމެވެ. ސުވާލު ގިނަކުރުމަކީ ބޭނުމެއް ނެތް ގޮތުގައި ވާހަކަ ގިނަކުރުމާއި ފައިދާއެއް ވެސް ނެތް ސުވާލުތައްކުރުމެވެ. އެހެން މީހުންގެ ކަންކަމާ ބެހޭ ގޮތުން ވެސް އޮޅުން ފިލުވައި ތިމާއާ ގުޅުމެއް ނުވާ ކަންކަމުގެ ވާހަކަ ހޯދަން ގިނަގިނައިން ސުވާލުކުރުމެވެ.
މުދާ ބޭކާރު ގޮތުގައި ގެއްލެނި ނުކުރުމަށް ޓަކައި އެއަށް ރައްކާތެރިވުން އެ އީ މުހިންމު ކަމެކެވެ. ފަހެ ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمގެ އަރިހުގައި ޢާއިޝަތުގެފާނު ކުރެއްވި ދަތުރުފުޅެއްގައި އެކަމަނާގެ ކަރުގައި އޮތް ހާރެއް ގެއްލުނެވެ. އެ ހާރު ހޯއްދެވުމަށް އިސްލާމީ ލަޝްކަރައިގެން ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّم އެތައް ވަގުތެއް މަޑުކުރެއްވި ކަމަށް އިމާމު ބުޚާރީގެ ޙަދީޘެއްގައި އޮވެއެވެ. (صحيح البخاري: 334)
ޙަދީޘުގައި ބަޔާންވެގެން އެވާ ތިން ކަމަކީ ސަމާލުވާން ޖެހޭ ތިންކަމެވެ. އެއީ ހަމަ މިއަދު ވެސް އަޅުގަނޑުމެންގެ މުޖުތަމަޢިން ފެންނަން ހުރި ނޭދެވޭ ކަންކަމެވެ. މުސްލިމަކަށްވީތީ އަޅުހަނޑާއި ތިބާ މި ކަންކަމަށް ސަމާލުވާން ވާނެއެވެ. ސުވާލު ގިނަކުރާކަށް ނުވާނެއެވެ. އަމިއްލަ މުދަލާއި އެހެންމީހުންގެ މުދަލަށް ވެސް ރައްކާތެރިވާން ވާނެއެވެ. އަދި ހަމަ އެހެންމެ އިވޭހާ ވާހަކައެއް ބުންޏޭ ބުންޏޭ ކިޔައިގެން ވާހަކަ ފަތުރާކަށް ނުވާނެއެވެ.