އަލުން ހުވާކުރެއްވި 14 ވަޒީރުންނަށް ރުހުންދޭން ފެންނަ ކަމަށް، ވެރިކަންކުރާ ޕީއެންސީގެ ސާފު އަޣުލަބިއްޔަތު އޮންނަ 20ވަނަ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ވަޒީރުންގެ މަޖިލީހަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެންނެވި ބަދަލުތަކާއެކު، އަލުން ހުވާކުރެއްވި ވަޒީރުންނަށް ރުހުންދޭން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ އިއްތިފާގުން ފާސްކުރީ މިދިޔަ ހޯމަ ދުވަހެވެ.
އެހެންވެ، މަޖިލީހުގައި މިއަދު ވަނީ، ވަޒީރުންނަށް ރުހުންދޭން ފެނޭތޯ ވޯޓަށް އަހައިފައެވެ. މެންބަރުން ވޯޓުދެއްވި ގޮތަށް ބަލައިލާއިރު:
- ޑިފެންސް މިނިސްޓަރު ޙަސަން ރަޝީދު: ފެންނަކަމަށް 76 މެންބަރުންވެސް ވޯޓުދެއްވި
- ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު: ފެންނަކަމަށް ވޯޓުދެއްވީ 76 މެންބަރުން، ނުފެންނަ ކަމަށް ވޯޓުދެއްވީ އެއް މެންބަރެއް
- ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު ޢަލީ އިޙްސާން: ފެންނަކަމަށް ވޯޓުދެއްވީ 70 މެންބަރުން، ނުފެންނަ ކަމަށް ވޯޓުދެއްވީ ދެ މެންބަރުން
- ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް: ފެންނަކަމަށް 75 މެންބަރުންވެސް ވޯޓުދެއްވި
- އެޑިއުކޭޝަން އަދި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާޢީލް ޝަފީޢު: ފެންނަކަމަށް ވޯޓުދެއްވީ 72 މެންބަރުން، ނުފެންނަ ކަމަށް ވޯޓުދެއްވީ ދެ މެންބަރުން
- ހެލްތު އެންޑް ފެމިލީ މިނިސްޓަރު ޤީލާ ޢަލީ: ފެންނަކަމަށް 75 މެންބަރުންވެސް ވޯޓުދެއްވި
- އިކޮނޮމިކް އެންޑް ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު ސަޢީދު: ފެންނަކަމަށް ވޯޓުދެއްވީ 65 މެންބަރުން، ނުފެންނަ ކަމަށް ވޯޓުދެއްވީ 12 މެންބަރުން
- ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓަރު އަޙްމަދު ޝިޔާމް: ފެންނަކަމަށް 73 މެންބަރުންވެސް ވޯޓުދެއްވި
- އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު: ފެންނަކަމަށް 74 މެންބަރުންވެސް ވޯޓުދެއްވި
- ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު މުޙައްމަދު އަމީން: ފެންނަކަމަށް ވޯޓުދެއްވީ 73 މެންބަރުން، ނުފެންނަ ކަމަށް ވޯޓުދެއްވީ ދެ މެންބަރުން
- ޔޫތު އެމްޕަވަމެންޓް އެންޑް ސްޕޯޓްސް މިނިސްޓަރު ޢަބްދުﷲ ރާފިޢު: ފެންނަކަމަށް 75 މެންބަރުންވެސް ވޯޓުދެއްވި
- އާޓްސް އެންޑް ކަލްޗާ މިނިސްޓަރު ހީނާ ވަލީދު: ފެންނަކަމަށް ވޯޓުދެއްވީ 64 މެންބަރުން، ނުފެންނަ ކަމަށް ވޯޓުދެއްވީ 12 މެންބަރުން
- ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބް: ފެންނަކަމަށް ވޯޓުދެއްވީ 68 މެންބަރުން، ނުފެންނަ ކަމަށް ވޯޓުދެއްވީ ފަސް މެންބަރުން، ވަކިކޮޅަކަށް ވޯޓުނުދެއްވީ އެންމެ މެންބަރެއް
- އެންވަޔަރަމަންޓް އެންޑް އެނާޖީ މިނިސްޓަރު ޢަލީ ޝަރީފް: ފެންނަކަމަށް ވޯޓުދެއްވީ 63 މެންބަރުން، ނުފެންނަ ކަމަށް ވޯޓުދެއްވީ 13 މެންބަރުން
ގާނޫނުއަސާސީގައިވާ ގޮތުން، ރައީސް ވަޒީރުންގެ މަޖިލީހަށް ގެންނަވާ ބަދަލުތަކާ އެކު މަގާމުގެ ހުވާކުރައްވާ ވަޒީރުންނަށް ފުރިހަމަ ގާނޫނީ ބާރުވެރިކަން ލިބޭނީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިގެންނެވެ.
ފާހަގަކުރެވޭ ގޮތުގައި، މިމަހުގެ މެދުތެރޭ ވަޒީރުންގެ މަޖިލީހަށް ރައީސް ބަދަލު ގެންނެވީ، މިމަހު ކުރީކޮޅު ބޭއްވި ލޯކަލް ކައުންސިލު އިންތިޚާބާއި މައި ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާމެދު ނެގި ފެންނަ ނުފެންނަ ވޯޓު ސަރުކާރަށް ނާކާމިޔާބުވެފައި ވަނިކޮށެވެ.