މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ބަންކަރިން ޚިދުމަތުން ލިބުނު އާމްދަނީއާއެކު، އެސްޓީއޯއަށް 276 މިލިއަން ރުފިޔާގެ ސާފު ފައިދާ ލިބިއްޖެއެވެ.
އެސްޓީއޯއިން އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން، މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ލިބުނު އާމްދަނީއަށް ވުރެ މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބުނު އާމްދަނީ 33 އިންސައްތަ އިތުރެވެ. އެގޮތުން، މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި 4.14 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނުއިރު، ނިމިދިޔަ ކުއާޓަރުގައި އެ އަދަދުވަނީ 5.49 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. މިއީ މިދިޔަ އަހަރުގެ ކުއާޓަރުތަކާ އަޅާ ބަލާއިރު، އެސްޓީއޯއަށް ލިބުނު އާމްދަނީ އިތުރު ފަހަރެކެވެ.
އެސްޓީއޯގެ އިތުރު ތަފާސްހިސާބުތަކަށް ބަލާލާއިރު:
- ހިންގުމުގެ ފައިދާ: 368 މިލިއަން ރުފިޔާ؛ މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ލިބުނު 322 މިލިއަން ރުފިޔާގެ ފައިދާއަށް ވުރެ 14 އިންސައްތަ އިތުރު
- ސާފު ފައިދާ: 276 މިލިއަން ރުފިޔާ؛ މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ލިބުނު 244 މިލިއަން ރުފިޔާގެ ފައިދާއަށް ވުރެ 13 އިންސައްތަ އިތުރު
މި ފައިދާއާއެކު، ކޮންމެ ހިއްސާއަކަށް 245 ރުފިޔާ ބެހުމަށް ވެސް އެސްޓީއޯއިން ވަނީ ނިންމައިފައެވެ.
އެސްޓީއޯއިން ބުނީ، މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ތެލުގެ އަގަށް އައި ބަދަލުތަކާއެކު އެ ކުންފުނީގެ އާމްދަނީ އިތުރުވީ އެ ކުންފުނިން ވިއްކި ތެލުގެ އަދަދު މި ކުއާޓަރުގައި 27 އިންސައްތަ އިތުރުވުމުން ކަމަށެވެ. އެގޮތުން، ބަންކަރިން ޚިދުމަތުން 18 މިލިއަން ލީޓަރު ތެޔޮ ވިއްކައި، ފައިދާ ލިބުނު ކަމަށް، އެ ކުންފުނިން ބުންޏެވެ.
ޖުމުލަ ފައިދާގެ ގޮތުގައި މިދިޔަ ކުއާޓަރުގައި 785 މިލިއަން ރުފިޔާ ލިބުނު ކަމަށް ވެސް، އެސްޓީއޯއިން ބުންޏެވެ.

އިކޮނަމިކް މިނިސްޓަރު ސައީދު -- ފޮޓޯ/ ރައީސް އޮފީސް
ފާހަގަކުރެވޭ ގޮތުގައި، މި ސަރުކާރުން ފެށި ބަންކަރިންގެ ޚިދުމަތުން މިހާތަނަށް 730 މިލިއަން ރުފިޔާ، މާރިޗު މަހުގެ ނިޔަލަށް ލިބުނު ކަމަށް، އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު މިމަހުގެ އަށްވަނަ ދުވަހު ވިދާޅުވެފައިވެއެވެ.
އިހަވަންދިއްޕޮޅުގައި ސެޕްޓެމްބަރު 2024ގައި އެ މަޝްރޫއު ފެށީ، އަހަރަކު 400 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ ކަމަށް ހިސާބު ޖައްސަވައިގެނެވެ.
ބަންކަރިން ޚިދުމަތް ފޯރުކޮށްދޭން އެސްޓީއޯއިން ފެށީ ނެދަލޭންޑްސްގެ ވިޓޯލް ކުންފުންޏާ ގުޅިގެންނެވެ.
ބަންކަރިން ޚިދުމަތުން ބޮޑު އާމްދަނީއެއް ލިބޭނެ ކަމަށް ސަޢީދު ހިސާބު ޖެއްސެވި ނަމަވެސް، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ފަދަ ބައެއް ބޭފުޅުން އޭރު ވެސް އެ އަދަދުތަކަށް ފާޑުވިދާޅުވިއެވެ. އެގޮތުން، ސެޕްޓެންބަރު 2024 ގައި ޔާމީން ވަނީ ބަންކަރިންއިން ލިބޭނީ ބާ ދަގަނޑު ކަމަށް ސިފަކުރައްވައިފައެވެ..
އޭރު އެ މަނިކުފާނު ވިދާޅުވީ، ބަންކަރިންއަކީ ފަސް މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ކަމަށާއި އެއިން 400 މިލިއަން ޑޮލަރު ނުލިބޭނެ ކަމަށެވެ.