ނަޝީދު، ރައީސް މުއިއްޒަށް: މަޝްވަރާގެ މޭޒު ދޮށަށް ވަޑައިގަންނަވަންދެން އިހުތިޖާޖުކުރުމުގައި ދެމިތިބޭނަން!

ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭގެ އެމްޑީޕީ އިހުތިޖާޖުގައި: މަޝްވަރާގެ މޭޒު ދޮށަށް ރައީސް މުއިއްޒު ވަޑައިގަންނަވަންދެން އިހުތިޖާޖުކުރުމުގައި ދެމިތިބޭނެ ކަމަށް ނަޝީދު ވިދާޅުވެއްޖެ -- ސަން ފޮޓޯ/ އަފްވާން ސަލާހު

ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވަނީ، ރައީސް ޑރ. މުޙައްމަދު މުއިއްޒު އެމްޑީޕީއާއެކު މަޝްވަރާގެ މޭޒުދޮށަށް ވަޑައިގަންނަވަންދެން އިހުތިޖާޖުކުރުމުގައި ދެމިތިއްބަވާނެކަމަށް ވިދާޅުވެފައެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ އެމްޑީޕީން ސިލްސިލާކޮށް ކުރިއަށްގެންދާ އިހުތިޖާޖެއްގައި ބައިވެރިވެވަޑައިގެން ވާހަކަފުޅުދައްކަވަމުންނެވެ. ނަޝީދު ފާހަގަކުރެއްވި ގޮތުގައި ދާދިފަހުން ބޭއްވި ފެންނަ ނުފެންނަ ވޯޓާއި ކައުންސިލް އިންތިޚާބުން ސަރުކާރަށް ވަނީ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާންޖެހި، ރައްޔިތުންގެ އިތުބާރު ގެއްލިފައެވެ. ސަރުކާރުން ބޭނުންވި ގޮތާ ޚިލާފަށް ރައްޔިތުން ނިންމާފައިވަނީ މައި ދެ އިންތިޚާބު އެއްކޮށްނުލުމަށެވެ. އަދި ރާއްޖޭގެ އިޤުތިޞާދީ ހާލަތު ދަށަށްގޮސް، ތަކެތީގެ އަގާއި ޑޮލަރުގެ ރޭޓު އުފުލެމުންދާކަމުގެ ކަންބޮޑުވުންވެސް އެމަނިކުފާނު ފާޅުކުރެއްވިއެވެ. މީގެ އިތުރުން، މިހާރު އަމަލުކުރަމުންދާ ގާނޫނުއަސާސީން ރައީސުލްޖުމްހޫރިއްޔާއަށް އިންތިހާއަށް ބާރު ލިބިދީފައިވާކަމަށް ވިދާޅުވެ، ވެރިކަމުގެ ނިޒާމަށާއި ދައުލަތް ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ވަނީ ގޮވާލައްވާފައެވެ. މިގޮތުން، ދައުލަތުގެ އެންމެ މަތީ ވެރިޔާއާއި ސަރުކާރުގެ ވެރިޔާ ވަކިކުރުމާއި، މިނިވަން މުއައްސަސާތައް ބެލެހެއްޓުމަށް އޯވަސައިޓް ކޮމިޝަނެއް އުފެއްދުމާއި، ރައްޔިތުންގެ ވޯޓަކުން ފަނޑިޔާރުން ވަކިކުރެވޭނެ ނިޒާމެއް ގާއިމުކުރުމުގެ އިތުރުން މަޖިލީހުގައި އަންހެނުންނަށް އޮންނަ ފުރުސަތު އިތުރުކުރުމަށް ހުށަހަޅާފައިވާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.

  • ރައީސް މުއިއްޒު މަޝްވަރާއަށް ވަޑައިގަންނަވަންދެން އެމްޑީޕީން އިހުތިޖާޖުކުރާނެކަން ހާމަކުރުން
  • ފަހުން ބޭއްވި ވޯޓުތަކުން ސަރުކާރަށް ރައްޔިތުންގެ އިތުބާރު ނެތްކަން ސާބިތުވެއްޖެކަމަށް ބުނުން
  • ގައުމުގެ އިޤުތިޞާދީ ހާލަތު ގޯސްވެ، ތަކެތީގެ އަގު އުފުލެމުންދާތީ ކަންބޮޑުވުން ފާޅުކުރުން
  • ރައީސަށް މާގިނަ ބާރުތަކެއް ލިބިދޭތީ ގާނޫނުއަސާސީއަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭކަމަށް ގޮވާލުން

މި މަހުގެ ހަތަރުވަނަ ދުވަހު ބޭއްވި ރެފަރެންޑަމުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒަށް ރައްޔިތުންގެ އިތުބާރު ނެތްކަން ހާމަވެއްޖެ ކަމަށާއި، އެމަނިކުފާނު އެމްޑީޕީއާއެކު މަޝްވަރާގެ މޭޒު ދޮށަށް ވަޑައިގަންނަވަންދެން އިހުތިޖާޖުކުރުމުގައި ދެމިތިއްބަވާނެ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިރޭ ގޮވާލައްވައިފިއެވެ.

އެމްޑީޕީން ކޮންމެ ރެއަކު ބާއްވާ ސިލްސިލާ އިހުތިޖާޖުގައި މިރޭ ނަޝީދު ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އެ އިހުތިޖާޖު ފެށުމުގެ ކުރިން، އެމްޑީޕީގެ 'ދަނޑިކޮށި ޖަގަހަ' ކުރިމަތީގައި ހުންނަވައި ނަޝީދު ވިދާޅުވީ މިއަދުގެ އާންމު ހާލަތު ހުރި ގޮތާއި، އަދި އެ އާންމު ހާލަތު 'ކައްސާލައިގެން' ދާނެ ކަމުގެ ބިރު އެންމެންގެ ހިތްތަކުގައި އުފެދެމުންދާ ކަމަށެވެ. ސަބަބަކީ ދިވެހިރާއްޖެ އެހެން ހުރިހާ ގައުމެކޭ އެއްވަރަށް 'މިވަނީ ހަނގުރާމައެއް ވިލާގަނޑެއްގެ ދަށުގައި' ކަމަށް ނަޝީދު ވިދާޅުވިއެވެ. ތަކެތީގެ އަގު އުފުލެމުންދާ މިންވަރާއި، ޑޮލަރުގެ އަގު ބޮޑުވަމުންދާ މިންވަރުގެ އިތުރުން ވަޒީފާގެ ފުރުސަތުތައް ހަނިވަމުންދާ މިންވަރަކީ އެންމެނަށް ފެނި، އެންމެނަށް އެނގޭ ކަމެއްކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ދިވެހިރާއްޖެ މިއޮތް ނާޒުކު ހާލަތުން އަރައިގަތުމަކީ ހަމައެކަނި ސަރުކާރުގެ ވާޖިބެއް ނޫން ކަމަށާއި އެއީ އެންމެންގެ ވާޖިބެއްކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

އޭޕްރީލް ހަތަރުވަނަ ދުވަހު ނެގި ފެންނަ ނުފެންނަ ވޯޓުގައި ރައީސް މުއިއްޒަށް ރައްޔިތުންގެ އިތުބާރު އެއްކޮށް ގެއްލިފައިވާކަން އެނގިވަޑައިގެންނެވިކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ ރައްޔިތުން އެދެނީ ގިނަގިނައިން ވޯޓު ނަގައި، ރައްޔިތުންގެ ގާތަށް ގިނަގިނައިން ސިޔާސީ ލީޑަރުން ދިޔުމަށް ކަމަށެވެ. އެހެންކަމުން ގާނޫނުއަސާސީއަށް މިއަދު އެ ސިފަތައް އަންނާންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެފަދައިން ވިދާޅުވެ ނަޝީދު ވަނީ ސަރުކާރަށާއި ރައީސް މުއިއްޒަށް މަޝްވަރާގެ މޭޒު ދޮށަށް ވަޑައިގަތުމަށް ގޮވާލައިފައެވެ.

މި ރާއްޖެ ދޫކޮށްލެވޭކަށް އަޅުގަނޑުމެންނަކަށް ނެތް. ރައީސް މުއއިްޒު މަޝްވަރާގެ މޭޒުގެ ދޮށަށް ވަޑައިގަންނަވާ! ނޫނީ އަޅުގަނޑުމެން ތާއަބަދު މި މަސައްކަތްކުރުމުގައި ތާއަބަދު ދެމިތިބޭނަން! ރާއްޖޭގެ ރަށްތަކަށް ވެސް އަޅުގަނޑުމެން ދާނަން! ރައީސް މުއިއްޒު އަޅުގަނޑުމެންގެ މަޝްވަރާގެ މޭޒުގެ ދަށަށް ވަޑައިގަންނަވަންދެން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި މަސައްކަތްކުރާނަން، ކުރީގެ ރައީސް މުޙައްމަދު ނަޝީދު

މިމަހުގެ ހަތަރުވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް މެންބަރުން އިންތިޚާބުކުރުމުގެ އިތުރުން ރެފަރެންޑަމް ވޯޓުގައި ސަރުކާރު މައި ޕާޓީ، ޕީއެންސީއަށް ބޮޑު ނާކާމިޔާބީއެއް ލިބިފައިވާ މި ދަނޑިވަޅުގައެވެ. އެގޮތުން، މި ސަރުކާރުން ވަކާލާތު ކުރި ގޮތާ ޚިލާފަށް، ފެންނަ ނުފެންނަ ވޯޓުގައި ގިނަ ރައްޔިތުން ވޯޓު ދީފައި ވަނީ، އެމްޑީޕީން އެންމެ ބޮޑަށް ވަކާލާތުކުރި ގޮތަށް މައި ދެ އިންތިޚާބު އެއްކޮށްނުލުމަށެވެ. ހަމައެއާއެކު، ކައުންސިލްތަކުން ވެސް ސަރުކާރަށް ވަނީ މުހިންމު ގޮނޑިތައް ގެއްލިފައެވެ. އެ ފެންނަ ނުފެންނަ ވޯޓުގައި ޕީއެންސީގެ ދަފުތަރުގައި މެންބަރުން ތިބި އަދަދަށް ވެސް ސަރުކާރަށް ވޯޓެއް ނުލިބުނެވެ.

މިރޭގެ އެމްޑީޕީގެ އިހުތިޖާޖުގެ ތެރެއިން -- ސަން ފޮޓޯ/ އަފްވާން ސަލާހު

މީގެއިތުރުން ނަޝީދު ދެން ފާހަގަކުރެއްވީ މިހާރު މިއޮތް ގާނޫނުއަސާސީއަށް އަމަލުކުރަމުންދާތާ 18 އަހަރު ވަމުންދާއިރު، ކުރިއެރުންތަކެއް ހުރި ނަމަވެސް، އެ ގާނޫނުއަސާސީއާ މެދު ރައްޔިތުން ކުރި އުންމީދު އަދި ހާސިލުނުވެ އޮތް ކަމެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ދިވެހިރާއްޖޭގެ ވެރިކަމުގެ ބައްޓަމަށް، ވައްޓަފާޅިއަށް މިއަދު ބަދަލު ގެންނާންޖެހޭކަން ގަބޫލުނުކުރާ ރާއްޖޭގެ ރައްޔިތަކު މަދުވާނެއެވެ.

މިހާރު އަމަލުކުރަމުންދާ ގާނޫނުއަސާސީއަކީ ރައީސް މައުމޫން ވެރިކަމުގައި ހުންނަވައިގެން އެބޭފުޅާއަށް ދޫކުރާން މަޖުބޫރުވި މިންވަރަށް، ހަމައެކަނި އެ މިންވަރަށް ދޫކުރައްވައިގެން އެކުލަވައިލި ގާނޫނުއަސާސީއެއް. ރައީސުލްޖުމްޙޫރިއްޔާގެ ބާރުތައް މި ގާނޫނުއަސާސީގައި އިންތިހާއަށް އެބަ އޮތް. ރަދުންނެކޭ އެއްވަރަށް އެބަ އޮތް، ކުރީގެ ރައީސް މުޙައްމަދު ނަޝީދު

ނަޝީދު ވިދާޅުވީ 18 އަހަރު ފަހުން މި ރާއްޖޭގައި ހިންގަމުންދާހާ އިސްރާފާއި، ނޭދެވޭ ކިތަންމެ ކަންތައްތަކަކާއި، ވަކިން ޚާއްސަކޮށް ވެރިކަމުގެ ތެރޭގައި ހިންގަމުންދާ ކޮރަޕްޝަނާއި، ވެރިކަމުގެ ބާރުތައް ނަހަމަ ގޮތުގައި ބޭނުންކުރުމަށް ފަހިކޮށްދެނީ ވެސް ހަމަ ގާނޫނުއަސާސީ އޮތް ގޮތުން ކަމަށެވެ. އެހެންކަމުން ރާއްޖޭގެ އޮނިގަނޑަށް ބޮޑު ބަދަލެއް އަންނާން ޖެހޭ ކަމަށް ގަބޫލުނުކުރާ އެކަކު ވެސް ނުހުންނާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އެދިވަޑައިގަންނަވަނީ ގާނޫނުއަސާސީއަށް މި ސަރުކާރުން ގެނައި އެވެނި މިވެނު ބަދަލެއް އިޔާދަކޮށްދީ، އެ ބާވަތުގެ ބަދަލު ގާނޫނުއަސާސީއަށް ނުގެނެވޭ ގޮތަށް ގާނޫނުއަސާސީ އެކުލަވައިލަން ކަމަށެވެ. އަދި މި ބޮޑު ބަދަލު މިހާރު ބޭނުންވެއްޖެކަން ނަޝީދު ތަކުރާރުކުރެއްވިއެވެ.

ކުރީގެ ރައީސް ނަޝީދާއި ފައްޔާޒް އާދިއްތަ ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި --- ސަން ފޮޓޯ/ އަހުމަދު އިޔާދު

ނަޝީދު އެފަދައިން ވިދާޅުވިއިރު މިދިޔަ އާދިއްތަ ދުވަހު އެމަނިކުފާނާއި ފައްޔާޒް ގުޅިގެން 'ބޮޑު ބަދަލު'ގެ ނަމުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ރާއްޖޭގެ ގާނޫނުއަސާސީއާއި، ވެރިކަމުގެ ވައްޓަފާޅިއާއި، ރައްޔިތުންގެ މަޖިލީހުގެ އިތުރުން އިޤްތިޞާދީ ކަންކަމަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ހުށަހަޅާފައެވެ.

އިސްލާހުތަކުގެ ތެރޭގައި، ދައުލަތުގެ އެންމެ މަތީ ވެރިޔާއާއި ސަރުކާރުގެ ވެރިޔާ، ވަކި ދެ މަގާމެއްގެ ގޮތުގައި ކަނޑައެޅުން ހިމެނެއެވެ. މި ބަދަލުގެ ބޭނުމަކީ ސަރުކާރުގެ ވެރިޔާ މަޖިލީހަށް ޖަވާބުދާރީކުރުވުމާއި، ދައުލަތުގެ ވެރިޔާގެ ގޮތުގައި ހުންނަވާ ބޭފުޅަކީ ސިޔާސީ ކަންކަމުން އެއްކިބާވެ، ގައުމީ މަސްލަހަތާއި ގާނޫނުއަސާސީ ހިމާޔަތްކުރާ ފަރާތަކަށް ހެދުމެވެ.

https://sun.mv/220912

އެއީ، ބަރުލަމާނީ ނިޒާމެއް ގެނައުމަށް ކުރާ މަސައްކަތެއް ނޫން ކަމަށާއި ބޭނުންވަނީ މަސްހުނި ނިޒާމެއް ކަމަށް ވެސް ފައްޔާޒް ވިދާޅުވިއެވެ.

މީގެ އިތުރުން، މިނިވަން މުއައްސަސާތައް ބެލެހެއްޓުމަށް އޯވަސައިޓް ކޮމިޝަނެއް އުފެއްދުމާއި، ރައްޔިތުންގެ ވޯޓަކުން ފަނޑިޔާރުން ވަކިކުރެވޭނެ ނިޒާމެއް ގާއިމްކުރުމަށް ވެސް ވަނީ ހުށަހަޅުއްވައިފައެވެ. އަދި, މަޖިލިސް މެންބަރުންގެ އަދަދު ހިފަހައްޓައި، އަންހެނުންނަށް ފުރުސަތު އިތުރުކުރުމާއި، މެންބަރުން ވަކިކުރުމުގެ ބާރު ރައްޔިތުންނަށް ދިނުން ހިމެނެއެވެ.

comment ކޮމެންޓް