ރާއްޖެއިން އިންޑިއާއަށް ދައްކަންޖެހޭ ބޮޑު ދަރަނީގެ މައްސަލައިގައި ސަރުކާރުން ހުރިހާ ސިޔާސީ ޕާޓީތަކާއެކު މަޝްވަރާގެ މޭޒަށް އައުމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ގޮވައިލައްވައިފިއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވި ގޮތުގައި، އިންޑިއާއިން ރާއްޖެއަށް ދޫކޮށްފައިވާ 400 މިލިއަން ޑޮލަރުގެ ދަރަނި މި އޭޕްރީލް މަހުގެ ތެރޭގައި އަނބުރާ ދައްކަންޖެހެއެވެ. މި ފައިސާ އަނބުރާ ދެއްކުން މީގެ ކުރިން ދެ ފަހަރެއްގެ މަތިން ލަސްކޮށްދީފައިވާއިރު، ތިންވަނަ ފަހަރަށް އެ މުއްދަތު އިތުރުކޮށްދިނުމަކީ އިންޑިއާގެ މާލީ ގަވާއިދުތައް ތަންދޭ ކަމެއް ނޫން ކަމަށް އެ ގައުމުގެ ނޫސްތަކުން ބުނަމުންދާކަން ނަޝީދު ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ މާލީ ހާލަތަށް އަލިއަޅުއްވާލައްވަމުން ނަޝީދު ވިދާޅުވީ، 525 މިލިއަން ޑޮލަރުގެ ސުކޫކް ބޮންޑުގެ ފައިސާ ވެސް މި މަހުގެ ތެރޭގައި ސަރުކާރުން ދައްކާފައިވާ ކަމަށެވެ. ނަމަވެސް، މިވަގުތު ރާއްޖޭގެ ޑޮލަރު ރިޒާވްގައި އެކަށީގެންވާ ފައިސާ ނެތްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ރާއްޖެއިން ދަރަނި ނުދެއްކި "ޑީފޯލްޓް" ވެއްޖެނަމަ، މުޅި މާލީ ނިޒާމަށާއި، ސަރުކާރަށާއި އަމިއްލަ ވިޔަފާރިތަކަށް އިންތިހާއަށް ބޮޑު ގެއްލުމެއް ކުރިމަތިވާނެ ކަމުގެ އިންޒާރު ވެސް ނަޝީދު ދެއްވިއެވެ.
އެމްޑީޕީން ހުށަހަޅާފައިވާ "ބޮޑު ބަދަލު" އިސްލާހީ ފިޔަވަޅުތަކުގެ އެންމެ މުހިންމު އެއް ބޭނުމަކީ ދަރަނީގެ ކަންކަމާ ގުޅޭ މަޝްވަރާތައް ފުޅާ ދާއިރާއެއްގައި ކުރިއަށް ގެންދިއުން ކަމަށް ނަޝީދު ވިދާޅުވިއެވެ.
"އިންޑިއާ ސަރުކާރާއެކު ދައްކާ ވާހަކައަކީ ހުރިހާ ޕާޓީއެއް އެއްބަސްވެގެން ދެކެވޭ ވާހަކައަކަށް ވެއްޖެނަމަ، އެ ވާހަކަތައް ކާމިޔާބުވުމުގެ ފުރުސަތު ބޮޑުވާނެ. އަޅުގަނޑުމެން އެދެނީ ސަރުކާރު މަޝްވަރާގެ މޭޒަށް އައުމަށް،" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު މިހެން ވިދާޅުވިއިރު، އިންޑިއާއިން ރާއްޖެއަށް ދޫކޮށްފައިވާ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްދިނުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އެދިފައިވާކަމަށް އިންޑިއާގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.
މި ފެސިލިޓީއަކީ 2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ދޫކޮށް، މީގެ ކުރިން ދެ ފަހަރެއްގެ މަތިން މުއްދަތު އިތުރުކޮށްދީފައިވާ ފެސިލިޓީއެކެވެ.
ނަމަވެސް، ސާކް ކަރަންސީ ސްވޮޕްގެ އުސޫލުތައް އޮންނަ ގޮތުން އިތުރަށް މުއްދަތު ދިގުކުރުމުގައި ގާނޫނީ އަދި އިދާރީ ގޮންޖެހުންތަކެއް ހުރި ނަމަވެސް، އިންޑިއާ ސަރުކާރުން މިހާރު ދަނީ ގަވާއިދުގެ ތެރެއިން މިކަމަށް ހައްލެއް ހޯދުމަށް ދިރާސާކުރަމުންނެވެ.