އަތޮޅު ކައުންސިލްތައް ރުޖޫއަކުރަން ހުށަހަޅައިފި: ''އެ ބަދަލާ ދެކޮޅުކަން ވެސް ވޯޓުން ހާމަވި''

ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ): އަތޮޅު ކައުންސިލް ރުޖޫއަ ކުރަން ވަނީ ހުށަހަޅުއްވައިފައި -- ފޮޓޯ/ ރައީސް އޮފީސް

މި ސަރުކާރުން އަތޮޅު ކައުންސިލްތައް އުވާލުމަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު އުވާލައި، ކުރިން އޮތް ގޮތަށް އަތޮޅު ކައުންސިލްތައް ރުޖޫއަކުރުމަށް އެދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް ވަނީ ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅުއްވާފައެވެ. މި ބިލުގައި ފާހަގަކޮށްފައިވާ ގޮތުގައި، ކައުންސިލްތައް އުވާލުމަކީ ލާމަރުކަޒީ ނިޒާމަށް ލިބޭ ވަރަށް ބޮޑު އުނިކަމެކެވެ. މީގެ އިތުރުން، އިންތިޚާބުތަކާ ގުޅޭގޮތުން ދާދިފަހުން ނެގުނު ވޯޓުގެ ނަތީޖާއިން ސަރުކާރުގެ މިފަދަ ނިންމުންތަކަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވާކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ. އަތޮޅު ކައުންސިލްތައް އުވާލުމަށްފަހު އެ ޒިންމާތައް ލޯކަލް ގަވަމެންޓް އޮތޯރިޓީއާ ހަވާލުކުރުމަކީ ގާނޫނުއަސާސީއާ ޚިލާފު ކަމެއްކަމަށް ކުރީގެ ފަނޑިޔާރުން ވެސް ވަނީ ފާހަގަކުރައްވާފައެވެ.

  • އަތޮޅު ކައުންސިލްތައް އަލުން ރުޖޫއަކުރުމަށް މަޖިލީހަށް ބިލެއް ހުށަހެޅުން
  • ކައުންސިލްތައް އުވާލުމަކީ ލާމަރުކަޒީ ނިޒާމަށް ލިބޭ އުނިކަމެއް ކަމަށް ބިލުގައި ބަޔާންކުރުން
  • ފަހުން ނެގުނު ވޯޓުގެ ނަތީޖާއިން ސަރުކާރުގެ ނިންމުންތަކަށް ތާއީދުނެތްކަން ހާމަވުން
  • އަތޮޅު ކައުންސިލްގެ ޒިންމާ ލޯކަލް ގަވަމެންޓް އޮތޯރިޓީއާ ހަވާލުކުރުމަކީ ގާނޫނީ މައްސަލައެއްކަމަށް ފާޑުކިޔުން އަމާޒުވުން

މި ސަރުކާރުގައި އަތޮޅު ކައުންސިލްތައް އުވާލަން ގާނޫނުއަސާސީއަށް ގެނައި އިސްލާހު، ކުރިން އޮތް ގޮތަށް ބަދަލުކުރަން އެދި، ވެރިކަން ކުރާ ޕީއެންސީގެ ސުޕަމެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހަށް މިއަދު ބިލެއް ހުށަހަޅައިފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ލާމަރުކަޒީ ނިޒާމަށް އިސްލާހުތައް ގެންނާނެ ކަމުގެ ވައުދުފުޅާއެކު ކަމަށްވާއިރު، އޭގެ ތެރޭގައި ކައުންސިލްތަކުގެ ހިންގުން ހަރުދަނާ ކުރުމަށް ވަކި މިނިސްޓްރީއެއް އުފެއްދުމާއި އަތޮޅު ކައުންސިލްތައް އުވާލުން ހިމެނެއެވެ. އެގޮތުން އަތޮޅު ކައުންސިލް އުވާލަން ގާނޫނުއަސާސީއަށް ހުށަހެޅި އިސްލާހު މަޖިލީހުން ފާސްކުރީ މިދިޔަ ނޮވެންބަރު މަހުގެ 25ގައެވެ.

އެ އިސްލާހުގައި ވަނީ އަތޮޅު ކައުންސިލްތަކުގައި މިހާރު ހިނގަމުންދާ ދައުރު ހަމަވުމާއެކު، އެ ކައުންސިލްތައް އުވޭނެ ކަމަށެވެ. އެ އިސްލާހު ރައީސް ވަނީ މިދިޔަ ޑިސެންބަރު އެއް ވަނަ ދުވަހު ތަސްދީގު ކުރައްވައިފައެވެ. އެހެންވެ، އަންނަ މަހުގެ 17ގައި ދައުރު ހަމަވުމާއެކު، މިހާރު އޮތް އަތޮޅު ކައުންސިލްތައް އުވޭނެއެވެ.

ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދި އިބްރާހީމް (ކުޑޫ) މިއަދު ހުށަހެޅުއްވި ބިލުގައި ވަނީ، އެ ބަދަލު ގެނެސްފައިވަނީ، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށްޓަކައި 2010 ވަނަ އަހަރު އަމަލުކުރަން ފެށި ގާނޫނުގައިވާ ގޮތަށް ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރަމުން ދަނިކޮށް ކަމަށެވެ.

ރައީސް ރަށްރަށަށް ވަޑައިގަތުން: އަތޮޅު ކައުންސިލްތައް އުވާލުމަކީ ރައީސްގެ ރިޔާސީ ވައުދުފުޅެއް -- ފޮޓޯ: ރައީސް އޮފީސް

އެ މަސައްކަތް ކުރަމުން ދަނިކޮށް، އެ ނިޒާމުގައި ހިމެނޭ މުހިންމު ބައެއް ކަމަށްވާ އަތޮޅު ކައުންސިލްތައް އުވާލުމުގެ ސަބަބުން ގާނޫނުއަސާސީ ތަސައްވުރުކުރި ނިޒާމަށް އުނިކަން ލިބިފައިވާ ކަމަށް ބިލުގައިވެއެވެ.

މީގެ އިތުރުން، ގާނޫނުއަސާސީ ބަދަލުކޮށްފައި ވަނީ ރައީސްގެ އަމިއްލަ ވިސްނުންފުޅަށް ކަމަށާއި އެ ކަންކަމާ މެދު ދިރާސާކޮށްފައިނުވާ ކަމަށް ބިލުގައިވެއެވެ. އަދި މައި ދެ އިންތިޚާބު އެއްކޮށް ބޭއްވުމާ ގުޅޭ ގޮތުން ޚިޔާލު ހޯދަން މި މަހުގެ ހަތަރު ވަނަ ދުވަހު ނެގި ވޯޓުގައި، 68.74 ޕަސެންޓް މީހުން ވޯޓު ދިނީ ސަރުކާރު ބޭނުންވި ގޮތާ ޚިލާފަށްކަން ކުޑޫ ފާހަގަކުރެއްވިއެވެ.

"މި ނަތީޖާއިން އަންގައިދެނީ ދިވެހި ދައުލަތުގެ ހިންގުމުގެ ނިޒާމަށް ބަދަލުތަކެއް ގެނައުމަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ވިސްނުންފުޅަށް ހުށަހެޅުއްވި ކަންކަމަށް ރައްޔިތުންގެ ރުހުން ނެތް ކަމެވެ." ބިލުގައިވެއެވެ.

ހަމައެއާއެކު، އަތޮޅު ކައުންސިލްތައް އުވާލުނަށް މަޖިލީހުން ފާސްކޮށްފައިވާ ބިލަކީ ވެސް ރައްޔިތުންގެ އެދުމާ އެއްކޮޅު ބިލެއް ނޫންކަން އެ ނަތީޖާއިން ދޭހަވާ ކަމަށް ބިލުގައިވެއެވެ.

އެހެންވެ، އަތޮޅު ކައުންސިލްތައް އުވާނުލައި، ކުރިން އޮތް ގޮތަށް ރުޖޫއަ ކުރުމަށް ގާނޫނުއަސާސީ އިސްލާހު ކުރުމަށް އެ ބިލުގައި ވަނީ ހުށަހަޅައިފައެވެ.

މަޖިލީހުން އަތޮޅު ކައުންސިލްތައް އުވާލީ، ގާނޫނުއަސާސީގެ 231 ވަނަ މާއްދާއިން އަތޮޅު ކައުންސިލްތަކުގެ ބައި އުނިކޮށްގެން ކަމަށްވާއިރު، ކުޑޫގެ ބިލުގައި ވަނީ، އެ ބައި 231 ވަނަ މާއްދާގައި އަލުން ހިމެނުމަށް ހުށަހަޅުއްވައިފައެވެ.

އަތޮޅު ކައުންސިލްތައް އުވާލުމާ ދެކޮޅަށް އިދިކޮޅު އެމްޑީޕީން މީގެ ކުރިން ޚިޔާލު ފާޅުކޮށް، އެ ބަދަލުގެ ބޭނުމަކީ ސަރުކާރުން ބޭނުންވާ ބަޔަކު އަތޮޅުތަކުގެ ވެރިންނަށް ހަދައިގެން، އަތޮޅުތައް ހިންގުން ކަމަށް ބުނެފައެވެ. ނަމަވެސް ރައީސް ވަނީ، އަތޮޅު ކައުންސިލްތައް އުވާލައިގެން ސަލާމަތްވާ ފައިސާ ރަށު ކައުންސިލްތަކަށް ބަހާނެ ކަމަށާއި، އެއާއެކު ރަށު ކައުންސިލްތަކުގެ ބަޖެޓު ބޮޑުވާނެ ކަމަށް ވިދާޅުވެފައެވެ.

https://sun.mv/220717

އެ ބަދަލު ގެންނާތީ ލޯކަލް ގަވަމެންޓް އޮތޯރިޓީ އެލްޖީއޭއިން ވަނީ، އަތޮޅު ކައުންސިލުތައް އުވާލުމުން އެ އިދާރާތަކުން ފޯރުކޮށްދެމުންދިޔަ އެންމެހާ ޚިދުމަތްތައް ދިނުމުގެ ގާނޫނީ މަސްއޫލިއްޔަތު މިހާރު މަތިކޮށްފައިވަނީ އެ އޮތޯރިޓީއާ ކަމަށެވެ. އަދި އަތޮޅު ކައުންސިލުތަކުގެ ޒިންމާތައް އެލްޖީއޭއަށް ބަދަލުވެ، އިދާރީ ދާއިރާތަކުގައި އެ އޮތޯރިޓީގެ އޮފީސްތައް އުފެއްދުމުގެ ފުރުޞަތު މިހާރު އޮންނާނެ ކަމަށް ބަޔާނުގައިވެއެވެ.

އެހެންނަމަވެސް އެ ނިންމުމަށް ވެސް ފާޑުކިޔުން އަމާޒުވެފައިވެއެވެ. އެގޮތުން ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ އަތޮޅު ކައުންސިލްތަކުގެ ޒިންމާ އެލްޖީއޭއާ ހަވާލުކުރުން ގާނޫނުއަސާސީއާ ޚިލާފު ކަމަށް ވިދާޅުވެފައެވެ. އެގޮތުން، ރައްޔިތުން އިންތިޚާބު ނުކުރާ ފަރާތަކުން އިދާރީ ދާއިރާއެއް ހިންގުން ގާނޫނުއަސާސީން ހުއްދަ ނުކުރާ ކަމަށާއި ގާނޫނުއަސާސީ ހުއްދަ ނުކުރާ ކަމެއް މަޖިލީހުން ފާސްކުރާ ގާނޫނަކުން ހުއްދަ ނުކުރެވޭނެކަން ވެސް އޭނާ ވިދާޅުވެފައިވެއެވެ.

comment ކޮމެންޓް