ދުފާލަން އަނގަޔަށް ލާ ބިލެތްކޮޅު ވެސް ގެންނަން މި ޖެހެނީ އަވައްޓެރި ގައުމުތަކުން: ހުސެއިން ޝަރީފް

ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ހުސައިން ޝަރީފް -- ފޮޓޯ: މަޖިލިސް

ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ހުސެއިން ޝަރީފް ވަނީ ދިވެހިރާއްޖޭގެ އުފެއްދުންތެރިކަން ދަށްވެފައިވާ މިންވަރާމެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. މަސްވެރިކަމުގެ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބަހުސްގައި އޭނާ ފާހަގަކުރެއްވި ގޮތުގައި، ދުފަން ބޭނުންކުރާ ބިލެތް ވެސް މިހާރު ގެންނަން ޖެހެނީ އަވައްޓެރި ގައުމުތަކުންނެވެ. އެހެންކަމުން، ބޭރު ގައުމުތަކަށް ބަރޯސާވުން ހުއްޓާލައި، އަމިއްލަ އުފެއްދުންތައް އާލާކުރުމަށް އޭނާ ގޮވާލެއްވިއެވެ. މީގެ އިތުރުން ފަތުރުވެރިކަމަށް ބޭނުންވާ ސީފުޑް ފަދަ ތަކެތި ރާއްޖެއިން އުފެއްދުމުގެ މުހިންމުކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

  • ރާއްޖޭގެ އުފެއްދުންތެރިކަން ދަށްވެފައިވާތީ މެންބަރު ހުސެއިން ޝަރީފް ކަންބޮޑުވުން ފާޅުކުރެއްވުން
  • ދުފަން ބޭނުންކުރާ ބިލެތް ވެސް އަވައްޓެރި ގައުމުތަކުން އެތެރެކުރަންޖެހޭކަން ފާހަގަކުރެއްވުން
  • ބޭރު ގައުމުތަކަށް ބަރޯސާވުން ކުޑަކޮށް، އަމިއްލަ އުފެއްދުންތައް އިތުރުކުރަން ގޮވާލެއްވުން
  • ފަތުރުވެރިކަމަށް ބޭނުންވާ ސީފުޑް ރާއްޖެއިން އުފައްދައި ބޭނުންކުރެވޭނެކަން ބަޔާންކުރެއްވުން
  • މަސްވެރިކަމުގެ ގާނޫނަށް ހުށަހެޅި އިސްލާހަކީ އުފެއްދުންތެރިކަން އިތުރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށް ވިދާޅުވުން

ދިވެހިން އުފައްދާ ދިވެހިވަންތަ އުފެއްދުންތައް މިއަދު މި ގައުމުން ލިބެން ނެތް ކަމަށާއި، އެންމެ ކުޑަމިނުން ދުފާލަން ބޭނުންކުރާ ބިލެތްފަތެއް ވެސް ގެންނަން ޖެހެނީ އަވައްޓެރި ގައުމުތަކުން ކަމަށް ވިދާޅުވެ، ހުޅުމާލެ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު ހުސެއިން ޝަރީފް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނަށް އިސްލާހު ގެނައުމަށް ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު މުޙައްމަދު އަލްސަން ހުށަހެޅުއްވި ބިލަށް ބަހުސް ކުރައްވަމުން ޝަރީފް ވިދާޅުވީ، މަސްވެރިކަމަކީ ދިވެހިންގެ ކާބަފައިންގެ ޒަމާނުން ފެށިގެން ކުރަމުން އަންނަ، ދިވެހިންގެ ލެޔާ ގުޅިފައިވާ މުހިންމު މަސައްކަތެއް ކަމަށެވެ. ގައުމެއްގެ ގޮތުގައި ކުރިއަރައި ދިއުމަށް ޓަކައި އެންމެ ބޮޑު އިސްކަމެއް ދޭންޖެހެނީ ރައްޔިތުން އުފައްދާ އަމިއްލަވަންތަ އުފެއްދުންތަކަށް ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

ޝަރީފް ވިދާޅުވީ ގައުމު ކުރިއަރައި ދާން އެދޭނަމަ ބޭރު ގައުމުތަކަށް ބަރޯސާވުން ހުއްޓާލަން ޖެހޭ ކަމަށެވެ. އަދި އޭގެ ބަދަލުގައި ރާއްޖޭގެ އަމިއްލަ އުފެއްދުންތަކަށް އިސްކަންދީ، އެފަދަ އުފެއްދުންތައް އިތުރުކޮށް އާލާކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މަސްވެރިކަމުގެ ގާނޫނުގައި ވެސް ކަނޑުގެ ވަސީލަތްތަކުން ތަފާތު އުފެއްދުންތައް ހޯދައި ކުރިއަށްދާނެ ގޮތްތައް ބަޔާންވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ފަތުރުވެރިކަމުގެ ދާއިރާއަށް ބޭނުންވާ ސީފުޑް ފަދަ ބާވަތްތައް ބޭރުން އެތެރެކުރުމުގެ ބަދަލުގައި، ރާއްޖޭގެ ކަނޑުތަކާއި ފަޅުތަކުން އެ ވަސީލަތްތައް ހޯދައިގެން އަމިއްލަ އުފެއްދުންތަކުގެ ގޮތުގައި ބޭނުންކުރެވެން އެބަހުރި ކަމަށް ޝަރީފް ވިދާޅުވިއެވެ. އަމިއްލަ އުފެއްދުންތަކަށް އިސްކަންދޭނަމަ އެހެން ގައުމުތަކަށް ބަރޯސާވާން ނުޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ އުފެއްދުންތެރިކަން ދަށަށް ގޮސްފައިވާ މިންވަރު ހާމަކުރައްވަމުން ޝަރީފް ވިދާޅުވީ މިއަދު ދަނޑުވެރިކަމަށް ބެލިނަމަވެސް، ދުފާލަން އަނގަޔަށްލާން ބޭނުންވާ ބިލެތްކޮޅު ވެސް އެތެރެ ކުރަނީ އަވައްޓެރި ގައުމުތަކުން ކަމަށެވެ.

"އަމިއްލަ އުފެއްދުންތައް އުފައްދަން އިސްކަން ދޭންޖެހޭ. މިއަދު އަޅުގަނޑުމެންގެ ދަނޑުވެރިކަމަށް ބެލިނަމަވެސް، އަޅުގަނޑުމެން ދުފާލަން އަނގަޔަށްލާން ބޭނުންވާ ބިލެތްކޮޅު ވެސް މި އެތެރެ ކުރަނީ އަވައްޓެރި ގައުމުތަކުން. މިއީ އަޅުގަނޑުމެންގެ އުފެއްދުންތެރިކަން ދަށަށް ގޮސްފައި ހުރި މިންވަރު," މެމްބަރު ޝަރީފް ވިދާޅުވިއެވެ.

މެންބަރު ޝަރީފް ވިދާޅުވީ މަސްވެރިކަމުގެ ގާނޫނަށް މިހާރު ހުށަހަޅާފައިވާ އިސްލާހަކީ މިފަދަ ކަންކަން ބަދަލުކޮށް، އަމިއްލަ އުފެއްދުންތެރިކަން އިތުރުކުރުމަށް މަގުފަހިވާނެ މުހިންމު ފިޔަވަޅެއް ކަމަށެވެ.

comment ކޮމެންޓް