"ބޮޑުބަދަލު"ގެ ނަމުގައި ޤާނޫނުއަސާސީއަށް ގެންނަން ހުށަހަޅާފައިވާ ބަދަލުތަކަކީ އިދިކޮޅަށް ނިސްބަތްވާ ފެކްޝަނަކުން ހީލަތްތެރިކަމާ އެކު ވެރިކަމަށް އައުމަށް ކުރާ މަސައްކަތެއް ކަމަށް ކުރީގެ އުއްތަމަފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ މިއަދު ވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވަނީ ގާނޫނުއަސާސީއަށް ބޮޑެތި ބަދަލުތަކެއް ގެންނަން ހުށަހަޅުއްވާފައެވެ.
އެ ކަންކަމަށް ރައްދުދެއްވާ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަބްދުﷲ ދީދީ ވިދާޅުވީ، މިހާރުގެ ސަރުކާރުން ވެރިކަމުގެ ބާރުތަކާއި ދައުލަތުގެ މުއައްސަސާތައް ކޮންޓްރޯލްކޮށް، ވެރިކަމުގައި ދެމިތިބުމަށް ޤާނޫނުއަސާސީ ހަތިޔާރަކަށް ހަދައިގެން ކުރާ މަސައްކަތާ އެއްގޮތަށް، އިދިކޮޅު ފެކްޝަނުން ވެސް މަސައްކަތްކުރަނީ އެހެން ސިފައެއްގައި ވެރިކަމަށް އައުމަށް ކަމަށެވެ.
މި ހުށަހެޅުންތަކުގެ ތެރޭގައި ހިމެނޭ އެންމެ މައިގަނޑު ބަދަލަކީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުން ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.
"މި ފެނިގެންދަނީ އަނެއްކާ ވެސް މިހާރުގެ ސަރުކާރުން ވެރިކަމުގެ ބާރުތަކާއި ދައުލަތުގެ މުއައްސަސާތައް ކޮންޓްރޯލްކޮށް ވެރިކަމުގައި ދެމިތިބުމަށް ޤާނޫނުއަސާސީ ހަތިޔާރަކަށް ހަދައިގެން ކުރަމުން އައި މަސައްކަތް، އިދިކޮޅަށް ނިސްބަތްވާ ފެކްޝަނަކުން އެހެން ސިފައެއްގައި ވެރިކަމަށް އައުމަށްޓަކައި ޙީލަތްތެރިކަމާ އެކު ފަށައިފައިވާ މަންޒަރު،" އަބްދުﷲ ދީދީ ލިޔުއްވާފައިވެއެވެ.
މީގެ އިތުރުން، ޤާނޫނުއަސާސީއަށް މިފަދަ ބޮޑު ޖައުހަރީ ބަދަލެއް ގެންނަން ރައްޔިތުން ބޭނުންވާ ނަމަ، އެކަން ކުރަންޖެހޭނީ ރައްޔިތުން އިންތިޚާބުކުރާ "ތައުސީސީ މަޖިލީހެއް" ނުވަތަ "ކޮންސްޓިޓުއެންޓް އެސެމްބްލީ"އަކުން ކަމަށް އޭނާ ވިދާޅުވިއެވެ.
މިފަދަ ބަދަލުތަކަކީ މިހާރު އަމަލުކުރަމުންދާ ޤާނޫނުއަސާސީއަށް ގެނެވޭ އިސްލާހުތަކަކުން ކުރުން މުނާސިބު ކަމެއް ނޫން ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ. އަބްދުﷲ ދީދީ ވިދާޅުވީ، ތައުސީސީ މަޖިލީހެއްގެ ތެރެއިން ފުޅާ ދާއިރާއެއްގައި ބަހުސްކޮށް، މުޅި ދިވެހި އުއްމަތް ތަމުސީލުކުރާ އާ ޤާނޫނުއަސާސީއެއް އެކުލަވައިލުމަކީ މުހިންމު ކަމެއް ކަމަށެވެ.
މިފަދަ ބޮޑެތި ބަދަލުތަކަކީ އަވަސްއަރުވައިގެން ކުރަންޖެހޭ ކަންކަން ނޫން ކަމަށާއި މިއީ ދައުލަތުގެ ބާރުތައް ވަކި ބައެއްގެ ކޮންޓްރޯލްގެ ދަށަށް ގެންދިއުމަށް ކުރެވޭ މަސައްކަތެއް ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.
ނަޝީދާއި ފައްޔާޒް ގުޅިގެން އިއްޔެ 'ބޮޑު ބަދަލު'ގެ ނަމުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ރާއްޖޭގެ ޤާނޫނުއަސާސީއާއި، ވެރިކަމުގެ ވައްޓަފާޅިއާއި، ރައްޔިތުންގެ މަޖިލީހުގެ އިތުރުން އިޤްތިޞާދީ ކަންކަމަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ހުށަހަޅާފައެވެ.
ފައްޔާޒާއި ނަޝީދު ގާނޫނުއަސާސީއަށް ހުށަހެޅުއްވި އިސްލާހުތަކުގެ ތެރޭގައި، ދައުލަތުގެ އެންމެ މަތީ ވެރިޔާއާއި ސަރުކާރުގެ ވެރިޔާ ވަކި ދެ މަގާމެއްގެ ގޮތުގައި ކަނޑައެޅުން ހިމެނެއެވެ. މި ބަދަލުގެ ބޭނުމަކީ ސަރުކާރުގެ ވެރިޔާ މަޖިލީހަށް ޖަވާބުދާރީކުރުވުމާއި، ދައުލަތުގެ ވެރިޔާގެ ގޮތުގައި ހުންނަވާ ބޭފުޅަކީ ސިޔާސީ ކަންކަމުން އެއްކިބާވެ، ގައުމީ މަސްލަހަތާއި ގާނޫނުއަސާސީ ހިމާޔަތްކުރާ ފަރާތަކަށް ހެދުމެވެ.
އެއީ، ބަރުލަމާނީ ނިޒާމެއް ގެނައުމަށް ކުރާ މަސައްކަތެއް ނޫން ކަމަށާއި ބޭނުންވަނީ މަސްހުނި ނިޒާމެއް ކަމަށް ވެސް ފައްޔާޒް އިއްޔެ ވިދާޅުވިއެވެ.
މީގެ އިތުރުން، މިނިވަން މުއައްސަސާތައް ބެލެހެއްޓުމަށް އޯވަސައިޓް ކޮމިޝަނެއް އުފެއްދުމާއި، ރައްޔިތުންގެ ވޯޓަކުން ފަނޑިޔާރުން ވަކިކުރެވޭނެ ނިޒާމެއް ގާއިމްކުރުމަށް ވެސް ވަނީ ހުށަހަޅުއްވައިފައެވެ. އަދި, މަޖިލިސް މެންބަރުންގެ އަދަދު ހިފަހައްޓައި، އަންހެނުންނަށް ފުރުސަތު އިތުރުކުރުމާއި، މެންބަރުން ވަކިކުރުމުގެ ބާރު ރައްޔިތުންނަށް ދިނުން ހިމެނެއެވެ.