ގޫގުލްއިން އެ ކުންފުނީގެ މަޝްހޫރު ބްރައުޒާ "ކްރޯމް"އަށް, އޭއައި ބޭނުންކޮށްގެން މަސައްކަތްކުރާ "ސްކިލްސް" ނަމަކަށް ކިޔާ އާ ފީޗާއެއް ތައާރަފުކޮށްފިއެވެ.
ގޫގުލްގެ "ޖެމިނައި" އޭއައި މޮޑެލްގެ އެހީގައި މަސައްކަތްކުރާ މި ފީޗާގެ ސަބަބުން، ބްރައުޒާގެ ތެރެއިން އޭއައި ބޭނުންކުރުން އިތުރަށް ފަސޭހަވާނެއެވެ.
މި އާ ފީޗާގެ އެހީގައި، ކްރޯމް ބޭނުންކުރާ ފަރާތްތަކަށް އާންމުކޮށް ބޭނުންކުރާ އޭއައި "ކޮމާންޑް" ނުވަތަ "ޕްރޮމްޕްޓް" ތައް ސޭވްކޮށްގެން ގެންގުޅެވޭނެއެވެ. މިގޮތުން ޖެމިނައި ސައިޑްބާގައި ކުރާ ސުވާލެއް ނުވަތަ ދޭ އިރުޝާދެއް، "ސޭވް ދިސް ޕްރޮމްޕްޓް އޭޒް އަ ސްކިލް" ބަޓަނަށް ފިއްތާލައިގެން ލައިބްރަރީއަކަށް އިތުރުކޮށްލެވޭނެއެވެ.
އެއަށްފަހު، އެ ކޮމާންޑެއް ދެން ބޭނުންކުރަން ޖެހޭ ކޮންމެ ފަހަރަކު އަލުން ލިޔުމުގެ ބަދަލުގައި، "/" (ފޯވާޑް ސްލޭޝް) ޖެހުމަށްފަހު އެ ސްކިލްއެއްގެ ނަން ޖަހާލުމުން ނުވަތަ "ޕްލަސް" ނިޝާނަށް ފިއްތާލުމުން އެ މަސައްކަތެއް ވަގުތުން ފަށައިދޭނެއެވެ.
ގޫގުލްއިން ވަނީ އަމިއްލައަށް އުފައްދާ ސްކިލްތަކުގެ އިތުރުން، އެ ކުންފުނިން ތައްޔާރުކޮށްފައިވާ ބައެއް "ޕްރީސެޓް" ސްކިލްތައް ވެސް ހިމަނާފައެވެ. މީގެ ތެރޭގައި ވެބްޕޭޖެއްގައި ހުންނަ މައުލޫމާތުތަކަށް ބަލައި ކާނާގެ ބާވަތްތަކުގައި ހުންނަ މާއްދާތައް ދެނެގަތުމާއި، ބަޖެޓަށް ފެތޭ އެންމެ ރަނގަޅު ހަދިޔާ އޮންލައިންކޮށް ހޯދައި އަގުތައް އަޅާކިޔާލުން ފަދަ ކަންކަން ހިމެނެއެވެ.
މި ފީޗާ ޓެސްޓުކުރި ފަރާތްތަކުން ބުނާގޮތުގައި، ކެއުމުގެ ބާވަތްތަކުން ލިބޭ "ޕްރޮޓީން މެކްރޯސް" ހޯދުމަށާއި، ގިނަ ޓެބްތަކެއްގައި ހުންނަ އެކި އުފެއްދުންތަކުގެ ސިފަތައް އަޅާކިޔުމަށާއި، ދިގު ލިޔުންތައް ކިޔައި އޭގެ ޚުލާސާއެއް ހޯދުމަށް މި ފީޗާގެ ސަބަބުން ބޮޑު ލުޔެއް ލިބެއެވެ.
މިއީ އޭއައި ބޭނުންކޮށްގެން މަސައްކަތްކުރާ ޕާޕްލެކްސިޓީގެ "ކޮމެޓް" ބްރައުޒާއާ ވާދަކުރުމުގެ ގޮތުން ގޫގުލްއިން ކްރޯމްއަށް ގެނައި ވަރަށް މުހިންމު ކުރިއެރުމެކެވެ.
މި އަހަރުގެ ކުރީކޮޅު ޖެމިނައި ކްރޯމްއަށް ތައާރަފުކުރުމަށްފަހު، މިހާރު މިވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ކްރޯމް ބޭނުންކުރާ ފަރާތްތަކަށް މި ފީޗާ ލިބޭނެ ގޮތް ހަދާފައެވެ.