ޖީމެއިލް އިންބޮކްސްއިން މައުލޫމާތު ނެގޭ ގޮތަށް ގޫގަލް ކްރޯމްގެ އޮޓޯފިލް ފީޗާ އަޕްޑޭޓްކޮށްފި

އޮންލައިން ފޯމުތައް ފުރާއިރު ޖީމެއިލް އިންބޮކްސްގައި ހުންނަ މައުލޫމާތުތައް އަމިއްލައަށް ދެނެގަނެ ފޯމަށް އަޅައިދޭ ގޮތަށް ގޫގަލް ކްރޯމް ބްރައުޒާގެ "އެންހާންސްޑް އޮޓޯފިލް" ފީޗާއަށް ބޮޑު އަޕްޑޭޓެއް ގެނެސްފިއެވެ.

މި ބަދަލާއެކު ފޯމުތައް ފުރުމުގައި ބޭނުންވާ މައުލޫމާތު ހޯދުމަށް އިންބޮކްސްއަށް ވަދެ ވަކިން ހޯދަންޖެހޭ ޖެހުމަށް ނިމުމެއް އަންނާނެއެވެ.

ގޫގަލްއިން ބްލޮގް ޕޯސްޓެއްގައި ހާމަކޮށްފައިވާ ގޮތުގައި މި އާ ފީޗާ މިހާރު ދޫކުރަން ފަށާފައިވަނީ ޑެސްކްޓޮޕް، އެންޑްރޮއިޑް އަދި އައިއޯއެސް ޑިވައިސްތަކަށެވެ. އެހެންނަމަވެސް، ފުރަތަމަ މަރުހަލާގައި މި ފީޗާ ބޭނުންކުރެވޭނީ އެމެރިކާގައި "ޕާސަނަލް އިންޓެލިޖެންސް" އެކްޓިވޭޓްކޮށްފައިވާ އަދި "ޖެމިނައި އިން ކްރޯމް" ބޭނުންކުރާ ފަރާތްތަކަށް އެކަންޏެވެ.

މި ފީޗާ މަސައްކަތް ކުރަނީ "ޖެމިނައި ވިތު ޕާސަނަލް އިންޓެލިޖެންސް" އޭއައި ނިޒާމުގެ އެހީގައެވެ. މީގެ ސަބަބުން އޮންލައިންކޮށް އެކި ކަންކަން ކުރާއިރު އޯޑަރު ނަންބަރުތަކާއި، ޓްރެކިން މައުލޫމާތު، އަދި މަތިންދާބޯޓުގެ ބުކިން ފަދަ ތަފްސީލުތައް ޖީމެއިލް އިންބޮކްސް ހުޅުވުމަކާ ނުލައި ކްރޯމްއިން އަމިއްލައަށް އޮޓޯފިލްކޮށްދޭނެއެވެ.

ގޫގަލްއިން އާންމުކުރި ޑެމޯ ވީޑިއޯއިން ފެންނަ ގޮތުގައި، މަތިންދާބޯޓުގެ ފްލައިޓް ސްޓޭޓަސް ބެލުމަށް ނުވަތަ ފޯމެއް ފުރުމަށް ޓިކެޓް ނަންބަރު ނުވަތަ ބުކިން ކޯޑު ހޯދަން އިންބޮކްސް ފާސްކުރަން ނުޖެހި، ޖެމިނައި މެދުވެރިކޮށް އެ މައުލޫމާތު ސީދާ ފޯމަށް ފުރައިދެއެވެ.

މިއީ ކްރޯމްގެ އޮޓޯފިލް ނިޒާމަށް ގެނައި ބޮޑު އަޕްޑޭޓެކެވެ. މީގެ ކުރިން ކްރޯމްގެ އޮޓޯފިލް މެދުވެރިކޮށް ފުރައިދެނީ ހަމައެކަނި ނަމާއި، އެޑްރެސް އަދި ކްރެޑިޓް ކާޑުގެ މައުލޫމާތު ފަދަ އަސާސީ ތަފްސީލުތަކެވެ. އެގޮތުން މިއަހަރުގެ ކުރީކޮޅު ގޫގަލްއިން ވަނީ އެފަދަ އަސާސީ އޮޓޯފިލް ފީޗާތައް އައިއޯއެސް އަދި އެންޑްރޮއިޑް ޑިވައިސްތަކަށް ފުޅާކޮށްފައެވެ.

ރައްކާތެރިކަމާއި ޕްރައިވެސީއާ ގުޅޭގޮތުން ގޫގަލްއިން ބުނެފައިވަނީ، މި ފީޗާގައި ބޭނުންކުރާ ނާޒުކު މައުލޫމާތުތައް (ސެންސިޓިވް ޑޭޓާ) ހުންނާނީ އެންކްރިޕްޓް ކުރެވިފައެވެ. އަދި އެންހާންސްޑް އޮޓޯފިލް ބޭނުންކުރާނެ މިންވަރާއި، އެ ފީޗާއަށް އެކްސެސް ދޭނެ މައުލޫމާތުތައް ކްރޯމްގެ ސެޓިންގްސް މެދުވެރިކޮށް ކޮންޓްރޯލް ކުރެވޭނެއެވެ.

މި ފީޗާގެ ސެޓިންގްސްއަށް ވަދެވޭނީ ކްރޯމްގެ މަތީ ކަނުގައިވާ ތިން ތިއްކަށް ފިތާލުމަށްފަހު ސެޓިންގްސްއަށް ގޮސްގެންނެވެ.

comment ކޮމެންޓް