ރިސޯޓުތައް ހިންގާ ބައެއް ކުންފުނިތަކާއި ކޮންސްޓްރަކްޝަން މަސައްކަތްކުރާ ބައެއް ކުންފުނި ހިމެނޭހެން، 2024ގެ ނިޔަލަށް ޓެކްސް ބަޔާން ހުށަނާޅާ 48 ކުންފުންޏެއް ޓެކުހާ ބެހޭ އިދާރާ މީރާއިން އިއްޔެ އާންމުކޮށްފިއެވެ.
މީރާއިން އާންމުކުރި މައުލޫމާތުގައިވާ ގޮތުން، 2024ވަނަ އަހަރުގެ ނިޔަލަށް 48 ފަރާތަކުން ޓެކުހުގެ ބަޔާން ދައްކާފައިނުވެއެވެ.
އޭގެ ތެރޭގައި އެސްޖޭ ޓްރޭޑް ޕްރައިވެޓް ލިމިޓެޑާއި، ސައުތު ޕާމް މޯލްޑިވްސްއާއި، ސެންޓުގެ ވިޔަފާރިކުރާ ޕޮއިސް ޑިސްޓްރިބިއުޓާސް ކުންފުންޏާއި، ޕްލުމޭރާ ހޮޓެލްސް އެންޑް ރިސޯޓްސްއާއި، ކޮމްޕިއުޓަރުގެ ވިޔަފާރިކުރާ މެގަޗިޕް އިލެކްޓްރޯނިކްސް ކުންފުންޏާއި، ހާޑްވެއާ ސާމާނުގެ ވިޔަފާރިކުރާ އޭއެޗް ބްރަދާސް ހިމެނެއެވެ.
މި ފަރާތްތަކުން 2024ގެ ނިޔަލަށް ޓެކުހުގެ ބަޔާން ހުށަނާޅާ އޮތް ކަމަށް މީރާއިން މިއަދު އާންމުކުރި މައުލޫމާތުގައި އޮތްއިރު، 2025ވަނަ އަހަރުން ފެށިގެން މިދިޔަ މާރިޗު މަހުގެ ނިޔަލަށް ޓެކުހުގެ ބަޔާން ހުށަހެޅީ ކިތައް ކުންފުނިންކަން ސާފެއް ނޫނެވެ.
މީރާއިން ބުނީ، މި ފަރާތްތަކުގެ މައުލޫމާތު އާންމުކުރުމުގެ ކުރިން، ޓެކްސް ނުދެއްކުމުގެ ސަބަބުން ގާނޫނީގޮތުން އަޅާނެ ފިޔަވަޅުތަކުގެ މައުލޫމާތު ހިއްސާކޮށްފައިވާނެ ކަމަށާއި، ފޯނުގެ ޒަރިއްޔާއިން ގުޅައި އެސްއެމްއެސް މެދުވެރިކޮށް ހަނދާންކޮށްދީފައި ވެސް ވާނެ ކަމަށެވެ.
އެ އިދާރާއިން ބުނީ، ދައުލަތަށް ލިބެންޖެހޭ ޓެކުހާއި ފައިސާ ހޯދުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.