ގޮނޑި ގެއްލޭ އިސްލާހުގެ މައްސަލަ ހުއްޓިފައި އޮންނަތާ އަހަރަކަށް ވުރެ ގިނަ ދުވަސް ފަހުން، އަޑުއެހުމެއް ބާއްވަނީ

އުއްތަމަފަނޑިޔާރު ޣަނީ: ގޮނޑި ގެއްލޭ އިސްލާހުގެ މައްސަލަ ހުއްޓިފައި އޮންނަތާ އަހަރަކަށް ވުރެ ގިނަ ދުވަސް ފަހުން، އަޑުއެހުމެއް ވަނީ ތާވަލުކޮށްފައި -- ފޮޓޯ/ ރައީސް އޮފީސް

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުން ނުވަތަ ޕާޓީން ވަކިކުރުމުން ވެސް މެންބަރުކަން ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލުކުރަން ސުޕްރީމް ކޯޓަށް ހުށަހަޅައިފައިވާ މައްސަލަ، ސުޕްރީމް ކޯޓުގައި ނުބަލާ އޮންނަތާ އަހަރަކަށްވުރެ ގިނަ ދުވަސްފަހުން ތާވަލުކޮށްފިއެވެ.

އެ އިސްލާހު ބާތިލުކުރަން ހުށަހެޅުއްވީ ކެންދޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އަދި ތަޖުރިބާކާރު ގާނޫނީ ވަކީލު އަލީ ހުސައިނެވެ.

ސުޕްރީމް ކޯޓުން ވަނީ، އެ މައްސަލައިގެ އަޑުއެހުމެއް އަންނަ އަންގާރަ ދުވަހު 10:30އަށް ތާވަލުކޮށްފައެވެ. އެ މައްސަލަ ބައްލަވާނީ ކޯޓުގެ މުޅި ބެންޗުންނެވެ. އެއީ އުއްތަމަ ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދާއި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދާއި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިނާއި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމާއި ފަނޑިޔާރު ޙުސައިން ޝަހީދާއި ފަނޑިޔާރު ޢަބްދުﷲ ޙަމީދުގެ އިތުރުން ފަނޑިޔާރު މުޙައްމަދު ސަލީމެވެ.

މެންބަރުން ޕާޓީ ބަދަލުކުރުމުން ނުވަތަ ޕާޓީން ވަކިކުރުމުން ނުވަތަ އެހެން ޕާޓީއަކާ ގުޅުމުން ވަގުތުން ގޮނޑި ގެއްލޭ ގޮތަށް، ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ބިލް، ވެރިކަން ކުރާ ޕީއެންސީގެ ސުޕަމެޖޯރިޓީ އޮންނަ މަޖިލީހަށް ހުށަހެޅީ 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހެވެ.

އަލީ ހުސެއިން: ގޮނޑި ގެއްލޭ އިސްލާހު ބާތިލުކުރަން އެދި އޭނާ ވަނީ މައްސަލަ ހުށަހަޅުއްވައިފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެ ބިލު ހުށަހެޅި ދުވަހު ބިލަށް ބަހުސްކޮށް, އެ ދުވަހު ކޮމިޓީން ނިންމައި، ހަމަ އެ ދުވަހު ތަޅުމުން ފާސްކުރިއެވެ. އަދި އެރޭ ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ އެ އިސްލާހުތައް ތަސްދީގުކުރައްވައިފައެވެ.

އެ އިސްލާހު ބާތިލުކުރުމަށް އެދި ހުށަހަޅުއްވާފައިވާ އަލީ މީގެ ކުރިން "ސަން"އަށް ވިދާޅުވެފައިވަނީ، މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގެނައި ބަދަލަކީ މިހާރު ތިއްބެވި މަޖިލީހުގެ މެންބަރުންގެ މައްޗަށް ތަންފީޒުކުރެވޭނެ އިސްލާހެއް ނޫން ކަމަށެވެ.

https://www.sun.mv/218393

އެގޮތުން ރާއްޖޭގެ ވެރިކަން ކުރާ ނިޒާމަކީ ރިޔާސީ ނިޒާމު ކަމަށް ދިވެހި ރައްޔިތުންގެ ވޯޓުން ނިންމާފައިވާއިރު މިފަދަ އިސްލާހެއް ގެނައުމުގެ ކުރިން އެ ކަމަށް ވިސްނަން ޖެހޭ ކަމަށް އަލީ ވިދާޅުވިއެވެ. އެއީ، ރިޔާސީ ނިޒާމުތަކަށް ވެރިކަން ކުރާ ގައުމުތަކުގައި އެންޓި ޑިފެކްޝަން ގާނޫނުތައް ނުހުންނާތީ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

އެ މައްސަލައިގެ އަޑުއެހުމެއް، އެންމެ ފަހުން ބޭއްވީ މިދިޔަ އަހަރުގެ ފެބްރުވަރީ މަހުގެ 17ގައެވެ. އަދި، ދައުލަތުގެ ބަންޑާރަނައިބުގެ ހުށަހެޅުމާ ދެކޮޅަށް، އެ މައްސަލަ ކުރިޔަށް ގެންދެވޭނެކަމަށް ކޯޓުން ނިންމައި، 26 ފެބްރުވަރީއަށް އަޑުއެހުމެއް ތާވަލުކުރިއެވެ.

އެ އަޑުއެހުން ތާވަލުކުރި ދުވަހުގެ ކުރީ ދުވަހު، ޕީއެންސީގެ ބާރު އޮންނަ މަޖިލީހުން، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ބިލެއް ފާސްކުރިއެވެ. އަދި 26 ފެބްރުވަރީއަށް ތާވަލުކުރި އަޑުއެހުން ފެށެން ކުޑަ ވަގުތުކޮޅަކަށް ވެފައިވަނިކޮށް، ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ)ން ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑުކުރުމުން އަޑުއެހުން ކެންސަލްވިއެވެ.

https://sun.mv/199612

އެއީ ހުސްނުއްސުއޫދާއި ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރެވެ. އެ ބޭފުޅުން ސަސްޕެންޑުކުރީ، އެ ތިން ބޭފުޅުންގެ މައްސަލަތައް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ބަލާ ކަމަށް ބުނެއެވެ.

އޭގެ ފަހުން ސުއޫދު މަގާމުން އިސްތިއުފާ ދެއްވިއެވެ. އަދި މަޖިލީހުން ވަނީ އަޒްމިރަލްދާއާއި މަހާޒަށް ޖަވާބުދާރީވުމަށް އެކަށީގެންވާ ފުރުސަތެއް ނުދީ، ދެ ބޭފުޅުން މަގާމުން ވަކިކޮށްފައެވެ. އެކަމާ ގުޅިގެން ބޭރުގެ އިދާރާތަކުން ވެސް ކަންބޮޑުވުން ފާޅުކުރިއެވެ.

އެ ތިން ބޭފުޅުން ވެސް ވަނީ އެ ބޭފުޅުންގެ މައްޗަށް ކުރި ތުހުމަތުތަކަށް އިންކާރު ކުރައްވައިފައެވެ. އަދި ސުއޫދާއި އަޒްމިރަލްދާ ވަނީ ސަރުކާރުން ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވަން އުޅޭ ކަމުގެ ތުހުމަތުތައް ކުރައްވައިފައެވެ.

އެ ތިން ބޭފުޅުންގެ މައްޗަށް އޭސީސީން ބަލާ ކަމަށް ބުނި މައްސަލައިގައި ވެސް މިހާތަނަށް ކުރިއެރުމެއް ލިބިފައިނުވެއެވެ.

އޭގެ ފަހުން، މިދިޔަ ޖުލައި މަހު، އޭރުގެ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ރިޓަޔާކުރެއްވިއެވެ. އެއާއެކު މި ސަރުކާރުން ވަނީ، ދުސްތޫރީ ބޮޑު މައްސަލައެއް ކުރިޔަށްދަނިކޮށް، ސުޕްރީމް ކޯޓަށް އައު ހަތަރު ފަނޑިޔާރުން އައްޔަނުކޮށްފައެވެ.

އޭގެ ފަހުން، ކޯޓުގެ ފަނޑިޔާރުން މަދުކުރުމުގެ ބިލު ވެސް މަޖިލީހުން ކުރިއަށްގެންގޮސްފައިނުވެއެވެ.

މެންބަރުން ޕާޓީ ބަދަލުކުރުމުން ނުވަތަ މަޖިލީހަށް ހޮވުނު ޕާޓީން ވަކިކުރުމުން ގޮނޑި ގެއްލޭ ގޮތަށް ހެދުމަކީ އެ މެންބަރުންގެ މިނިވަންކަން ގެއްލޭ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެއެވެ. އެހެންވެ، ސުޕްރީމް ކޯޓުގައި އޮތް މައްސަލަ ކުރިއަށްނުދާތީ ވެސް ނުރުހުން އަމާޒުވެފައިވެއެވެ.

comment ކޮމެންޓް