ފަސް ވަނަ ކަރުނާޓަކާ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލްއިން އެވޯޑު ހާސިލްކޮށްފައިވާ ފަރާތްތަކަށް ޚާއްސަކޮށްގެން މާދަމާ ރޭ ޚާއްސަ ހަފުލާއެއް ބޭއްވުމަށް މޯލްޑިވްސް ސޮސައިޓީ ފޯ ޕާފޯމިން އާޓްސް (އެމްއެސްޕީއޭ)އިން ނިންމައިފިއެވެ.
އިންޑިއަން ކަލްޗަރަލް ސެންޓަރާއި އެމްއެސްޕީއޭ ގުޅިގެން ބާއްވާ މި ހަފުލާގެ ތެރެއިން ދެވަނަ އެކްޓިން ވޯކްޝޮޕް އިއުލާނުކުރެވިގެންދާނެ ކަމަށް އެމްއެސްޕީއޭއިން ވަނީ ބުނެފައެވެ.
އަދި މި ހަފުލާގައި ކަރުނާޓަކާ އިންޓަނޭޝަނަލް ފިލްމު އެވޯޑްސްއިން އެވޯޑު ހާސިލްކޮށްފައިވާ ފަރާތްތަކަށް އެ އެވޯޑުތައް ހަވާލުކުރުން އޮންނާނެ ކަމަށް އެމްއެސްޕީއޭއިން ވަނީ ބުނެފައެވެ.
މި ހަފްލާ ބޭއްވުމަށް ހަމަޖެހިފައި ވަނީ މާދަމާ ރޭ އިންޑިއަން ކަލްޗަރަލް ސެންޓަރުގައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ފަސް ވަނަ ކަރުނާޓަކާ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލް(ކޭއައިއެފްއެފް)ގެ އެވޯޑުތައް ރާއްޖޭގެ ދެ ފިލްމަކަށް ވަނީ ލިބިފައެވެ.
ޝަރަފުވެރި ތިން ކެޓަގަރީއަކުން ދިވެހި ފިލްމު "ކަމަނާ"އިން އެވޯޑު ހާސިލްކޮށްފައިވާއިރު ޑާކްރެއިން އެންޓަޓައިމެންޓްގެ ފިލްމު "ނޮވެމްބަރު"އިންވެސް ވަނީ ކަރުނާޓަކާ ފިލްމު ފެސްޓިވަލްއިން އެވޯޑު ހާސިލްކޮށްފައެވެ.
އަހަރަކު އެއްފަހަރު އިންޑިއާގެ ނޯތު ކަރުނާޓަކާގައި ބާއްވަމުން އަންނަ ފިލްމު ފެސްޓިވަލްގެ ފީޗާ ފިލްމުގެ ތިން ކެޓަގަރީއަކުން ދިވެހި ފިލްމު "ކަމަނާ"އަށް އެވޯޑު ލިބިފައިވާއިރު އެ ތިން ކެޓަގަރީއަކީ އެންމެ މޮޅު ޑައިރެކްޓަރާއި އެންމެ މޮޅު ލީޑް އެކްޓަރާއި އެންމެ މޮޅު ލީޑް އެކްޓްރެސްއެވެ.
އެގޮތުން ބެސްޓް ޑައިރެކްޓަރުގެ އެވޯޑް ހުސައިން މުނައްވަރު ހާސިލްކޮށްފައިވާއިރު ބެސްޓް ލީޑް އެކްޓަރުގެ އެވޯޑް ލިބިފައިވަނީ ޔޫސުފް ޝަފީއު (ޔޫއްޕެ)އަށެވެ. އަދި ބެސްޓް ލީޑް އެކްޓްރެސްގެ އެވޯޑް ލިބިފައިވަނީ މަގްބޫލު ތަރި މަރިޔަމް އައްޒައަށެވެ.
މީގެ އިތުރުން ޑާކްރެއިންގެ ފިލްމު "ނޮވެމްބަރު" އިން ވަނީ ބެސްޓް ސިނެމެޓޯގްރަފަރުގެ އެވޯޑު ވެސް ހާސިލްކޮށްފައެވެ. އެ އެވޯޑު ދެ ފަރާތަކަށް ލިބިފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ އަލީ ޝިފާއުއާއި އަޙްމަދު ޝިނާނުއެވެ.
ކަރުނާޓަކާ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލްގައި ރާއްޖޭގެ ފިލްމުތައް ބައިވެރިކުރުމުގެ ފުރުސަތު ހޯދައިދީފައި ވަނީ އެމްއެސްޕީއޭއިންނެވެ. އެމްއެސްޕީއޭއަކީ ރާއްޖޭގައި މިވަގުތު އެންޓަޓައިމެންޓް ކުރިއެރުވުމަށް އެންމެ ބުރަކޮށް އެންމެ ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމިއްޔާއެވެ.