ދިރާގު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް އެއް އަހަރު ދުވަހުގެ މުއްދަތަށް މީޑިއާނެޓް ވީޑިއޯ ކްލަބް މުޅިން ހިލޭ ބޭނުންކުރެވޭނެ ޚާއްސަ އޮފާއެއް އެ ކުންފުނިން ތަޢާރަފުކޮށްފިއެވެ.
ދިރާގުން ބުނި ގޮތުގައި މިއީ ދިވެހި އުފެއްދުންތަކާއި ފިލްމު އަދި މުނިފޫހިފިލުވުމުގެ ތަފާތު ގިނަ ޕްރޮގްރާމްތައް އެއްވެސް އިތުރު ފީއަކާ ނުލައި ބަލައިލުމަށް ކަސްޓަމަރުންނަށް ހުޅުވާލި ފުރުސަތެކެވެ.
މި އޮފާގެ ދަށުން ހިލޭ ޚިދުމަތް ލިބޭނީ ޕޯސްޓްޕެއިޑް 750 އިން ފެށިގެން މަތީގެ ޕްލޭންތައް ބޭނުންކުރާ ކަސްޓަމަރުންނަށެވެ. މި ޕްލޭންތައް ގެންގުޅޭ ފަރާތްތަކަށް އެއްވެސް އިތުރު ފީއަކާ ނުލައި އެއް އަހަރު ދުވަހުގެ މުއްދަތަށް މީޑިއާނެޓް ވީޑިއޯ ކްލަބް އެކްޓިވޭޓް ކުރެވޭނެއެވެ.
މީގެ އިތުރުން، ދިރާގު ޕޯސްޓްޕެއިޑްގެ އެހެން ހުރިހާ ކަސްޓަމަރުންނަށް ވެސް "ލިމިޓްލެސް 21 ޑޭ ބޫސްޓާ" އެކްޓިވޭޓް ކޮށްގެން މި ޚިދުމަތް ހިލޭ ހޯދުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފައެވެ. އެ ކުންފުނިން ބުނި ގޮތުގައި ބޫސްޓާ އެކްޓިވޭޓް ކުރާ ކަސްޓަމަރުންނަށް، އެ ބޫސްޓާގެ މުއްދަތު ހަމަވަންދެން މީޑިއާނެޓް ވީޑިއޯ ކްލަބް ހިލޭ ބޭނުންކުރެވޭނެއެވެ.
މި ޚާއްސަ އޮފާގެ ދަށުން މީޑިއާނެޓް ވީޑިއޯ ކްލަބް ހިލޭ އެކްޓިވޭޓް ކުރުމުގެ ފުރުސަތު 31 އޮގަސްޓްގެ ނިޔަލަށް ވަނީ ހުޅުވާލައިފައެވެ. ޝަރުތު ހަމަވާ ކަސްޓަމަރުންނަށް ދިރާގު އެޕްގެ އީ-ޒޯން މެދުވެރިކޮށް ފަސޭހަކަމާއެކު މި ޚިދުމަތް އެކްޓިވޭޓް ކުރެވޭނެ ކަމަށް ދިރާގުން ބުނެއެވެ. އަދި މި އޮފާއާ ބެހޭ އިތުރު މަޢުލޫމާތު އެ ކުންފުނީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް ވެސް ވަނީ ފާހަގަކޮށްފައެވެ.
ދިރާގުން ބުނި ގޮތުގައި އެ ކުންފުނީގެ އަމާޒަކީ ޒަމާނީ ޑިޖިޓަލް ޚިދުމަތްތަކާއި އިތުބާރު ހުރި ކަނެކްޓިވިޓީ މެދުވެރިކޮށް ދިވެހިންގެ ދިރިއުޅުން މުއްސަނދިކޮށްދިނުމެވެ. އަދި ކަސްޓަމަރުންނަށް ފައިދާހުރި އުފާވެރި ތަޖުރިބާތަކެއް ފޯރުކޮށްދިނުމަށް އަބަދުވެސް މަސައްކަތް ކުރަމުންދާނެ ކަމަށް އެ ކުންފުނިން ފާހަގަކުރިއެވެ.